Advertisement

ކަސްޓަމްސަށް ގަރުނަކާއި 31 އަހަރު: ކާމިޔާބީ ކުލަގަދަކޮށް

18 ޖުލައި 2021 - 20:13 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކަސްޓަމްސްގެ މުވައްޒަފުންތަކެއް: އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ވާޗުއަލްކޮށް ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި-- ފޮޓޯ: ކަސްޓަމްސް


ކަސްޓަމްސަށް ގަރުނަކާއި 31 އަހަރު: ކާމިޔާބީ ކުލަގަދަކޮށް

18 ޖުލައި 2021 - 20:13 1

މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް 131 އަހަރުފުރުން އެ އިދާރާއިން މިއަދު ފާހަގަކޮށްފި އެވެ.

ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 18 ވަނަ ދުވަސް ފާހަގަކުރަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އަހަރީ ދުވަހުގެ ގޮތުގަ އެވެ. ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ވަނީ ކަސްޓަމްސްގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އަދި ދުވަހާ ގުޅޭގޮތުން ހާއްސަ ދުއާއެއް ކުރުންވެސް އޮތެވެ.

ރާއްޖޭގެ ގައުމީ ދިދަ ނަންގަވައިދެއްވާފައި ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދިދަ ނަންގަވައި ދެއްވާފައި ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް މަހުމޫދު ރިޔާޝް އެވެ.

މިއަދުގެ ހެނދުނު ކަސްޓަމްސްގައި ވަނީ ދުވަހުގެ މުނާސަބަތުގައި އެ އިދާރާގެ އޮފިސަރުންގެ ތެރެއިން މަގާމުގެ ކުރިއެރުން ނުލިބި ގިނަ ދުވަސްވެފައިވާ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދީފަ އެވެ.

އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދެއްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ޝަރީފް ވަނީ ވާހަކަ ދައްކަވާފަ އެވެ.

ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކަސްޓަމްސް


އެގޮތުން ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވި ދަތި އުނދަގޫ ދުވަސް ތަކުގައިވެސް ދިވެހި ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ.

މަގާމުގެ ކުރިއެރުން ލިބުނު މުވައްޒަފުންނާ މުހާތަބުކޮށް މާރިޔާ ވަނީ ކޮންމެ ކުރިއެރުމަކާއެކު ޒިއްމާތަކެއް އިތުރުވެގެންދާނެކަމާ، ކަސްޓަމްސްގެ ވާޖިބު އަދާކުރުމުގައި އިހުލާސްތެރިކަމާއި ނަޒާހަތްތެރިކަމާއި ވަޒީފައިގައި ދެމިތިބުމަށް ނަސޭހަތްތެރިވި އެވެ.

މީގެ އިތުރުން ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ހަފްލާ މިރޭ ވާޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކަސްޓަމްސްއަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއައްސަސާ އެވެ. 18 ޖުލައި 1890 ވަނަ ދުވަހު ކަސްޓަމްސްގެ ހިދުމަތް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ބަންޑާރަ ފިހާރައިގެ ނަމުގަ އެވެ.