Advertisement

ވިޔަފާރިތަކަށް އަޅާފައިހުރި ފިޔަވަޅުތަކަށް ލުއިދީ އާންމުކޮށް ހިދުމަތް ދޭން ހުއްދަ ދީފި

7 ޖުލައި 2021 - 16:47 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭގައި ހުންނަ ވިޔަފާރިތަކެއް އޮފީސް އިމާރާތްތަކެއް: މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް އަޅާފައި ހުރި ހުރަސްތައް އުވާލީ މި އަހަރުގެ ކުރީކޮޅުން ފެށިގެން ހަރުކަށި އުސޫލުތަކެއް ތަންފީޒުކުރުމަށް ފަހު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ވިޔަފާރިތަކަށް އަޅާފައިހުރި ފިޔަވަޅުތަކަށް ލުއިދީ އާންމުކޮށް ހިދުމަތް ދޭން ހުއްދަ ދީފި

7 ޖުލައި 2021 - 16:47 0

މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާ އެކު ރީޓެއިލް ހިދުމަތްދޭ ވިޔަފާރިތަކާއި ކެފޭ/ރެސްޓޯރަންޓްތައް ހިމެނޭ ގޮތަށް ހުރިހާ ވިޔަފާރިތައް އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދޭން ސަރުކާރުން ހުއްދަ ދީފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ކެފޭ/ރެސްޓޯރަންޓް، ޖިމް އަދި ސެލޫންތައް ބަންދުކޮށްފައި އޮތުމަށް ފަހު، ސަރުކާރުން ފުރަތަމަ އިއުލާންކުރި ލުއިތަކުގެ ތެރޭގައި މިތަންތަނުގައި ހިދުމަތް ދޭން ހާއްސަ ހުއްދައެއް ނަގަން ޖެހުނެވެ. މިއަދު އިއުލާންކުރި ލުއިތަކާއެކު މިހާރު ހުރިހާ ވިޔަފާރިއަކަށް އާންމު އުސޫލުން ހިދުމަތް ދެވޭނެ އެވެ.

ނަމަވެސް ސަރުކާރުން ވަނީ ވިޔަފާރިތައް ހުޅުވައިގެން ހިދުމަތް ދިނުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިދުރުކަމުގެ އުސޫލުތަކާއި މާސްކް އެޅުމާއި ސެނިޓައިޒް ކުރެވޭނެ އިންތިޒާމްތަކަށް ސަމާލުކަން ދިނުމަށް އަންގާފަ އެވެ.

ވިޔަފާރިތަކަށް ދިން ލުއިތައް

  • ކެފޭ/ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން: ރޭގަނޑު 11:30 އާ ހަމައަށް ކަސްޓަމަރުންނަށް ތަނުގެ އެތެރޭގައި ތިބެގެން ހިދުމަތް ދިނުން
  • ޓިއުޝަން ސެންޓަރުތަކާއި، ގުރުއާން ސެންޓަރުތަކާއި ޑޭކެއާ ސެންޓަރުތައް: ހުރިހާ މުވައްޒަފުން ވެކްސިން ޑޯޒްތައް ފުރިހަމަކުރުމުން ހުޅުވާލުން
  • ސިނަމާތައް: ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ސިނަމާތައް ހުޅުވާލުން
  • ކޮންސްޓްރަކްޝަން ވިޔަފާރިތައް: އެޗްޕީއޭއިން މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުރިހާ ސައިޓެއްގައި މަސައްކަތް ކުރުން

މި ފިޔަވަޅުތަކާ އެކު އެކީގައި މާލެ ސަރަހައްދުގައި އިއުލާންކޮޮށްފައި އޮތް ކާފިއު ވަނީ އުވާލާފަ އެވެ. އަދި ޕޮޒިޓިވިޓީ ރޭޓް 5 ޕަސެންޓުން ދަށުގައި ހިފެހެއްޓިފައި އޮންނަ ރަށްރަށުން ވެކްސިން ޑޯޒް ފުރިހަމަކޮށްފައި ތިބި މީހުންނަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް ވަނީ ހުއްދަ ދީފަ އެވެ.