Advertisement

އަނިޔާ ލިބޭ ކުދިންގެ ރިޕޯޓްތައް ދޫކުރުން: ނިޒާމު ހަރުދަނާވާންޖެހޭ

6 ޖުލައި 2021 - 13:31 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ޕީޖީ ޝަމީމާއި ޖެންޑާ މިނިސްޓަރު: ހުކުމާ ގުޅިގެން ދެ ތަނުން ވެސް ވަނީ އުސޫލުތައް ހަރުދަނާކުރުމަށް ނިންމާފައި


އަނިޔާ ލިބޭ ކުދިންގެ ރިޕޯޓްތައް ދޫކުރުން: ނިޒާމު ހަރުދަނާވާންޖެހޭ

6 ޖުލައި 2021 - 13:31 0

ކުޑަކުދިންނަށް ޖިންސީ އަނިޔާ އާއި ގޯނާކުރުމުގެ މައްސަލަތަކުގައި ތަހުގީގީ އިދާރާތަކާއި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަމަލުކުރަމުންދާ ގޮތަށް ވަނީ ބަދަލު ގެންނަން ޖެހިފަ އެވެ؛

މިފަދަ މައްސަލަތަކުގައި ދައުވާ އުފުލާފައިވާ މީހުންނަށް އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ބަޔާނާއި ރިޕޯޓްތަކުގެ ކޮޕީތައް ދޫކުރުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ހައިކޯޓުން މިފަހުން ވަނީ ކަނޑައަޅައިފަ އެވެ.

އެ ހުކުމާ ހަމައަށް ދައުލަތުން އާންމުކޮށް އަމަލުކުރާ އުސޫލަކީ ކުއްޖާގެ ރިޕޯޓްތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދެނީ އެވެ. އޭގެ ދަށުން ކުދިންގެ ބަޔާންތަކާއި އެ ކުދިންނާ ގުޅޭ އެކި ރިޕޯޓްތަކުގެ ކޮޕީ ދޫކުރުމުގެ ބަދަލުގައި ޝަރީއަތުގެ މަޖިލީހުގައި ހުށަހަޅައި، އެ ބެލުމަށް ފުރުސަތު އެ މަޖިލީހުގައި ދެނީ އެވެ.

އެގޮތަށް އަމަލު ކުރަމުން ދަނިކޮށް ކުއްޖާގެ ބަޔާނާއި ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓާއި އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓް ދައުވާ ލިބޭ މީހާއަށް ދޫކުރަން އެންގުމުން، އެކަމުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ކަންބޮޑުވި އެވެ. އެއީ، ކުއްޖާގެ ޒާތީ މައުލޫމާތު އެ ލިޔެކިޔުންތަކުގައި ހިމެނޭތީ އެ މައުލޫމާތުތައް ދައުވާ ލިބޭ ފަރާތަށް ލިބިއްޖެނަމަ އެ ތަކެތި މުޖުތަމައުއަށް ފެތުރިގެން ދިޔުމުގެ ފުރުސަތު އޮތުމުންނާއި އަނިޔާ ލިބޭ ކުދިން "ރީވިކްޓިމައިޒް"ވުމުގެ ފުރުސަތު އޮންނާނެތީ އެވެ.

"އެ ރިޕޯޓްތަކުގައި ކުއްޖާގެ ހުރިހާ މައުލޫމާތެއް ހުންނާނެ، ކުއްޖާގެ މުޅި ހަޔާތާ ގުޅޭ ކަންކަން ހުންނާނެ، އެ ކަންކަން ބޭނުންކޮށް ކުއްޖާ ބްލެކްމެއިލް ކުރުން ފަދަ ކަންކަން ކޮށްފާނެ ކަމުގެ ބިރު އެބަ އޮތް، ރިޕޯޓްތައް އެ އޮތް ގޮތަށް އަނިޔާ ދިން މީހާއަށް މި ލިބެނީ،" ހައިކޯޓުގެ ހުކުމާ ގުޅިގެން ކަންބޮޑުވި މީހަކު ބުންޏެވެ.

ހައިކޯޓުގެ އެ ހުކުމް ބަދަލުކުރުމަށް، އެނގިފައިވާ ގޮތުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް ބޭނުންވި އެވެ. ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ނިންމެވީ މައްސަލަ އިސްތިއުނާފުނުކޮށް، އެ އޮފީހުގައި މަސައްކަތްކުރާ ގޮތް ހަރުދަނާކުރުމަށެވެ.

އެކަމާ ގުޅޭ ގޮތުން "އަދަދު"އާ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތަށް ކުއްޖާއާ ގުޅޭ ރިޕޯޓްތައް ދައުވާ ލިބޭ މީހާއަށް ދޫކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި މީހެއްގެ މައްޗަށް ބޮޑު ހުކުމެއް އަންނަ މައްސަލައެއްގައި އެމީހަކަށް ހުރިހާ ލިޔެކިޔުމެއް ވެސް ދޫކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.

"ލިޔުކިޔުން ނުލިބި ދައުވާ ލިބޭ މީހަކު ދިފާއުވާނީ ކިހިނެއް؟، އަޅުގަނޑު ބޭނުންވަނީ ހުރިހާ އެއްޗެއް ދީގެން މައްސަލަތައް ސާބިތުކުރަން،" ޝަމީމް ވިދާޅުވި އެވެ.

"ހައްލަކީ ލިޔުންތައް ނުދިނުމެއް ނޫން، ވީހާވެސް ގިނަ ލިޔުންތައް ދޭންވީ،"

މީގެކުރިން ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަމީމް ވިދާޅުވި ގޮތުގައި، ދިފާއުވާން އެކަށީގެންވާ ލިޔުންތައް ނުލިބުމަކީ އިންސާފެއް ނޫން ކަން ތަޖުރިބާކޮށްފައި ހުންނެވުމުން ވަރަށް ރަނގަޅަށް އެކަން އިހުސާސް ކުރެވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުކުމާ ގުޅިގެން އޮތް ގޮތަކީ ނިންމުން ބަދަލުކުރުން ނޫން ކަމާއި ވަކީލުން ޒިންމާދާރުވެ، ފެންވަރު ރަނގަޅުވުމެވެ. އެފަދަ މައްސަލަތަކުގައި އުޅޭ ވަކީލުންގެ ބޮލުގައި ދެން އެޅޭނީ ބޮޑު ޒިންމާއެއް ކަމަށާއި އެ ޒިންމާއާ އިހުމާލުވެއްޖެނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަނިޔާ ލިބޭ ކުދިންގެ ރިޕޯޓްތަކާއި ބަޔާންތައް ދިފާއުއަށް ދޫކުރާނީ އެތަކެތި އާންމު ނުކުރާނެ ކަމަށް ޝަރުތުކޮށްފަ އެވެ. އެ ޝަރުތާ ހިލާފުވެ، ލިޔުންތައް އާންމުކޮށް ލީކްވެއްޖެނަމަ ފިޔަވަޅު އެޅޭނެ ނިޒާމް މިހާރު އެބަ އޮތެވެ.

ޝަމީމް: ހައިކޯޓުގެ ހުކުމް އިސްތިއުނާފު ނުކުރަން ވަނީ ނިންމަވާފައި


ޝަމީމް ވިދާޅުވި ގޮތުގައި، ކުއްޖާގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ވަކީލަކު އާންމުކޮށްފިނަމަ އެ ވަކީލެއްގެ މައްސަލަ ބާ ކައުންސިލުން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ އެވެ. ނިޒާމު ހަރުދަނާކޮށް ހިނގޭނީ އޭރަށް ކަމަށް ވިދާޅުވި އެވެ.

ހައިކޯޓުގެ ހުކުމާއެކު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި ވަނީ އިންޓާނަލް މެމޯއެއް ނެރެ، ދެން އަމަލު ކުރާނެ ގޮތުގެ އިރުޝާދު ވަކީލުންނަށް ދީފަ އެވެ. އެ މެމޯގައި އިރުޝާދު ދެނީ ވީހާވެސް ގިނަ ލިޔުންތަކެއް ދައުވާ ލިބޭ މީހާއަށް ދީގެން ޝަރީއަތުގައި ކުރިއަށް ދިޔުމަށެވެ.

ނަމަވެސް، އެކަމުގައި ތަހުގީގީ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރިކަން ޝަމީމަށް ވެސް އެނގިވަޑައިގަންނަވަ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، މިހާރު ގާނޫނު އޮތް ގޮތުން އެއީ ދެކޮޅު ހެދޭނެ ކަމެއް ނޫނެވެ. އެގޮތާމެދު ހިތްހަމަނުޖެހޭނަމަ އޮތް ގޮތަކީ ގާނޫނީ ބަދަލެއް ގެންނަން ވިސްނުން ކަމަށް ވިދާޅުވި އެވެ.

ހުކުމާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާއެކު ޖެންޑާ މިނިސްޓަރު އައިޝާ ދީދީ، ޝަމީމްއާ މަޝްވަރާ ވެސް ކުރެއްވި އެވެ. އަދި، އެ ހުކުމް އިސްތިއުނާފުކޮށް ދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ޖެންޑާ މިނިސްޓަރު ހުންނެވީ "ޕޮޒިޓިވްކޮށް"

ޖެންޑާ މިނިސްޓަރު އައިޝާ "އަދަދު"އަށް ވިދާޅުވި ގޮތުގައި މިހާރު އެ ހުކުމާމެދު ވިސްނަނީ "ޕޮޒިޓިވް"ކޮށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޖެންޑާ މިނިސްޓްރީން ކުއްޖާގެ ބެސްޓް އިންޓްރެސްޓަށް ކޮންމެ ހާލަތެއްގައި ވެސް ބަލާނެ އެވެ. ނަމަވެސް، އަދުލު އިންސާފު ގާއިމުކުރުން އެންމެ ރަނގަޅަށް ކުރިއަށް ގެންދިޔުމަށް ކޯޓުތަކުން ނިންމާ ނިންމުންތައް ބަލައިގަންނަން ޖެހޭނެ އެވެ.

"މައްސަލައެއްގައި މި އޮންނަނީ ދެ ފަރާތް، މީހެއްގެ މައްޗަށް 32 އަހަރުގެ ހުކުމެއް އަންނަ ފަދަ މި ބާވަތުގެ މައްސަލަތަކުގައި އަދާލަތު އޭގެ އެންމެ ރަނގަޅަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހައިކޯޓުގެ ހުކުމާ ގުޅިގެން އޮތް ކަންބޮޑުވުމަކީ ދައުވާ ލިބޭ މީހާއަށް ލިޔުންތައް ލިބުމުން އެ ލީކްވެ، އޭގެ ނާޖައިޒު ފައިދާ ނަގައިގެން ކުއްޖާއަށް އިތުރު އަނިޔާތަކެއް ދީފާނެކަމުގެ އެވެ. ނަމަވެސް، އެ ލިޔުންތައް ލީކުވާނެ އޮތީ އެންމެ ގޮތެއް ކަމާއި އެ ގޮތަކީ ދިފާއީ ވަކީލުން އާންމުކުރުން ކަމަށް ވިދާޅުވި އެވެ.

އެފަދަ ކަމެއް ހިނގައިފި ނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް ބާ ކައުންސިލް އެބަ އޮތް ކަމަށާއި، އޭގެ ތެރެއިން ވަކީލުން ޖަވާބުދާރީކޮށް ޒިންމާދާރު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕޮޒިޓިވްކޮށް މި ވިސްނަނީ، ދެ ފަރާތަށް ވެސް އަދުލު ލިބިގެން ކުރިއަށް ދިޔުމަށް އަޅުގަނޑުމެން ވެސް ބޭނުން ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓަރު: ހުކުމާމެދު މިހާރު ވިސްނަވަނީ ޕޮޒިޓިވްކޮށް ކަމަށް ވިދާޅުވި


މިނިސްޓަރު ވިދާޅުވި ގޮތުގައި، އަނިޔާ ލިބޭ ކުދިންގެ ރިޕޯޓްތައް ދައުވާ ލިބޭ މީހާއަށް ދޫކުރަން ޖެހޭނެތީ، މީގެ ފަހުން އަމަލު ކުރާނެ އުސޫލަކާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ރިޕޯޓް އެކުލަވާލާއިރު ބައެއް މައުލޫމާތުތައް ކޯޑެއްގެ ގޮތުގައި ހިމެނިދާނެ، އެފަދަ މަޝްވަރާތަކެއް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނިއުމަތުގެ ކަންބޮޑުވުމަކީ އެއް އުސޫލެއް ނެތުން

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގުގެ ކަންބޮޑުވުމަކީ ހުރިހާ ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ވެސް މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ އެއް އުސޫލެއް ލިޔެފައި ނެތުމެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންސާފަށް ނުވާ ބައިވަރު ކަންކަން ނިޒާމުގެ ތެރެއިން ފެންނަމުންދާ ކަމަށާއި އެކަން ހައްލު ވާނީ އުސޫލުތަކާއި ގަވައިދުތައް ލިޔެ އާންމުކޮށްގެންނެވެ.

"އެއްގޮތް ކަންތައްތަކަށް އަމަލު ނުކުރެވޭތި އެކި ހާލަތުގަ އެކި މީހުންނާމެދު އެކި ގޮތަށް އަމަލު ކުރެވެމުން މިދަނީ، ރަނގަޅު އުސޫލުތަކާއި ގަވައިދުތައް ހެދިފައި ނުހުންނާތީ، އެބައި ރަނގަޅު ކުރަންޖެހޭނީ،" ނިއުމަތު ވިދާޅުވި އެވެ.