Advertisement

ރާއްޖޭން ގަތް އެސްޓްރާޒެނިކާ ވެކްސިން ލިބިއްޖެ

27 ޖުލައި 2021 - 12:54 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކޮވިޑް-19އިން ދިފާއުވުމަށް އެސްޓްރާޒެނީ ކުންފުނިން ތަރައްގީ ކުރި ވެކްސިން ވައެލްއެއް: މިއީ ރާއްޖެ ސަރުކާރު ގަތް ވެކްސިން ޝިޕްމެންޓެއް / ފޮޓޯ: ސީއެންއެން


ރާއްޖޭން ގަތް އެސްޓްރާޒެނިކާ ވެކްސިން ލިބިއްޖެ

27 ޖުލައި 2021 - 12:54 0

ކޮވިޑުން ދިފާއުވުމަށް ސިންގަޕޫރުން ތައްޔާރުކުރި އެސްޓްރާޒެނިކާ ވެކްސިން ޝިޕްމެންޓެއް ރާއްޖެ ގެނެސްފި އެވެ.

މި ވެކްސިން ޝިޕްމެންޓަކީ ރާއްޖޭން ފައިސާ ދައްކައިގެން ގަނެފައިވާ ވެކްސިން ޝިޕްމެންޓެކެވެ.

ރާއްޖޭން ވަނީ ދެ ވެކްސިނެއްގެ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކާފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާޒެނިކާއަށް 700،000 ޑޯޒަށާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

އެސްޓްރާޒެނިކާ ވެކްސިން މިދިޔަ ހަފުތާގެ ތެރޭ ރާއްޖެ ގެނެސްފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ "އަދަދު"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް، ގެނެސްފައި ވަނީ ކިހާ އަދަދެއްގެ ވެކްސިނެއް ޑޯޒު ކަމެއް ސާފެއް ނޫނެވެ.

ސިންގަޕޫރްގެ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާއިރު އެ ވެކްސިންގެ 500،000 ޑޯޒްގެ މި މަހުގެ ތެރޭ ލިބޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ކޮވިޑް ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒު ފުރިހަމަކުރެވޭ ވަރަށް ރާއްޖެއަށް ވެކްސިން ލިބިފައިވާކަން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާމަކުރައްވާފަ އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި، އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމުމެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. ކޮވިޑާ ދެކޮޅަށް އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން އިސްކޮށް, ރާއްޖޭގައި އުޅޭ ބިދޭސީން ވެސް ހިމެނޭ ގޮތަށް ތަފާތުކުރުމެއް ނެތި ހިންގި ޕްރޮގްރާމް މެދުކެނޑުނީ ވެކްސިންގެ ނުލިބުމުގެ ދަތިކަން ރާއްޖެއަށް ކުރިމަތިވުމުންނެވެ.

އެކަމަކު އޭރު ވެސް ވެކްސިން ޖެހި ގައުމުތަކުގެ ނިސްބަތުން ރާއްޖެ އޮތީ ކުރީގަ އެވެ.

ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާއިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ޗައިނާއިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ.