Advertisement

ކޮވިޑާ ހެދި އޭއެފްސީ ކަޕް ނޮކައުޓް ބުރު އެއް ލެގަށް

5 ޖުލައި 2021 - 08:38 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން މާޒިޔާ އާއި ބެންގަލޫރުގެ ކެޕްޓަނުން ސަލާމްކުރަނީ.-- ފޮޓޯ: އެފްއޭއެމް


ކޮވިޑާ ހެދި އޭއެފްސީ ކަޕް ނޮކައުޓް ބުރު އެއް ލެގަށް

5 ޖުލައި 2021 - 08:38 0

މި ފަހަރުގެ އޭއެފްސީ ކަޕް ކެންސަލްނުކޮށް ކުރިއަށް ގެންދިއުމުގެ ވިސްނުން އަދި ވެސް އެބަހުރި ކަމަށާއި އެކަމަކު މިހާރު ހާލަތު އޮތްގޮތުން ނޮކައުޓް ބުރުގެ މެޗުތައް ކުޅޭނީ އެއް ލެގަށް ކަމަށް އޭއެފްސީން ނިންމައިފި އެވެ.

އޭއެފްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އާއި ކޮމްޕެޓިޝަން ޑިޕާޓްމަންޓުން މަޝްވަރާކުރުމަށް ފަހު ނިންމާފައިވަނީ އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕް ކުއާޓާ ފައިނަލުން ފެށިގެން އެއް ލެގަށް ކުޅޭ ގޮތަށް ކަމަށެވެ.

މި ގޮތަށް ނިންމަން ޖެހުނީ ދަތުރުފަތުރު ކޮށްގެން މެޗުތައް ކުރިއަށް ގެންދަން ހުރި ދަތިތަކުގެ ސަބަބުންނެވެ. އަދި ބައެއް ޓީމުތަކަށް މި ހާލަތުގެ ގޮތުން އެކި ގައުުމުތަކަށް ގޮސްގެން މެޗު ކުޅެވޭނެ ގޮތެއް ނެތުމުން އެންމެންގެ ރައްކާތެރިކަމަށް ވިސްނައިގެން ވީހާވެސް ފަސޭހަ ގޮތަކަށް މެޗުތައް ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށް އޭއެފްސީން ބުނެފައިވެ އެވެ.

އޭއެފްސީން ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގު ވެސް ސެންޓްރަލައިޒްކޮށް ކުރިއަށްގެންދަން ނިންމައިފަ އެވެ.

މި ފަަހަރުގެ އޭއެފްސީ ކަޕްގެ 10 ގްރޫޕްގެ ތެރެއިން ހަ ގްރޫޕްގެ މެޗުތައް ވަނީ ކުޅެ ނިމިފަ އެވެ. އެކަމަކު ބައެއް ގްރޫޕްތަކުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ހޯސްޓްކުރާނެ ގައުމެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އޭއެފްސީގެ ބަޔާނުގައިވެ އެވެ. މިއަދުގެ ނިޔަލަށް ރާއްޖޭގެ މާޒިޔާ އާއި އީގަލްސް އޭއެފްސީ ކަޕްގައި ކުޅެން އޮތް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ކުޅޭނެ ގައުމެއް ކަނޑައަޅަން ބިޑް ކުރުމުގެ މުއްދަތު ހަމަވާނެ އެވެ. އަދި ރަސްމީކޮށް އެއްވެސް ގައުމަކުން ބިޑް ކޮށްފައެއްނުވެ އެެވެ.

"ހާލަތު ރަނގަޅަށް ދިރާސާ ކުރުމަށް ފަހު މި ހުރި ޗެލެންޖްތަކުގެ ތެރެއިން ވެސް އޭއެފްސީން މި މަސައްކަތް ކުރަމުންދަނީ ކުރިން ވައުދުވީ ގޮތަށް މުބާރާތް ކުރިއަށް ގެންދަން. ބޭނުންވަނީ ހުރިހާ ގްރޫޕެއްގެ މެޗުތައް ފުރިހަމަކޮށް މިހާރު މި އޮތް އޮނިގަނޑުގެ ތެރެއިން ކުރިއަށްދާން. އެކަމަކު ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކާ ހެދި މެޗުތައް ނުކުޅެވޭ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެ މެޗުތަކެއް ކެންސަލްކުރުން ވެސް އެއީ އޮތްގޮތެއް،" އޭއެފްސީގެ ބަޔާނުގައިވެ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ އީގަލްސް އިން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އޮތް ކޮލިފައިން ދެ ވަނަ ބުރުގެ މެޗު ކުޅޭނެ ދަނޑެއް ނުލިބި އޭއެފްސީން ވަނީ އަބަހާނީ މުބާރާތުން ވަކިކޮށްފަ އެވެ.

މިދިޔަ މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކޮށް ފަހު ވަގުތު ފަސްކުރަން ޖެހުނު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް އަންނަ މަހު ބާއްވަން އޭއެފްސީން އޮތީ ތާރީހުތަކެއް ކަނޑައަޅައިފަ އެވެ. އެހެން ނަމަވެސް އަދިވެސް އެ މެޗުތައް ހޯސްޓްކުރާނެ ގައުމެއް ކަށަވަރުނުވާތީ މުބާރާތުގައި ކުރިއަށްދާނެ ގޮތެއް އަދި ކްލަބްތަކަށް ނޭނގޭތީވެ، ކްލަބްތަކުގެ ތައްޔާރީތަކަށް ވަނީ ބުރޫއަރައިފަ އެވެ.