Advertisement

ކުލީގެ މުއްދަތު ހަމަވެގެން މާރުކޭޓުން 400 އަށް ވުރެ ގޮޅި ދޫކުރަން ހުޅުވާލައިފި

11 ޖުލައި 2021 - 19:18 1

އަމަން ހަލީމް

އަމަން ހަލީމް

މާލޭ ލޯކަލް މާރުކޭޓު: ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުން ގޮޅިތައް ދޫކުރަނީ ދެ އަހަރުގެ މުއްދަތަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ކުލީގެ މުއްދަތު ހަމަވެގެން މާރުކޭޓުން 400 އަށް ވުރެ ގޮޅި ދޫކުރަން ހުޅުވާލައިފި

11 ޖުލައި 2021 - 19:18 1

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ ކުލީގެ މުއްދަތު ހަމަވެފައިވާ 449 ގޮޅި އަލުން ކުއްޔަށް ދޫކުރަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މި ގޮޅިތައް ދޫކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް، އަކަފޫޓަކަށް 31.25ރ. ރޭޓުގަ އެވެ. އަދި ގޮޅިތައް ދޫކުރުމުގައި އިސްކަން ދެނީ މިހާރު ވެސް މި ގޮޅިތައް ހިންގާ ފަރާތްތަކަށާއި ގިނަ ދުވަސްތަކެއް ވަންދެން ގޮޅި ހިންގާފައިވާ މީހުންނަށެވެ.

އެގޮތުން ދެ މާރުކޭޓުން ގޮޅި ދޫކުރަން ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، މިހާރު ގޮޅި ހިންގާ މީހުންގެ ތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަމިއްލައަށް ގޮޅީގައި ތިބެގެން ގޮޅި ހިންގަމުންދާ ފަރާތްތަަކަށް ކަމަށެވެ. އަދި ބިދޭސީން ނުގެންގުޅެ ގޮޅި ހިންގާ މީހުންނަށް އިތުރަށް މާކްސް ލިބެ އެވެ.

މީހަކަށް ލެވޭނީ ފޯމެއް، ގުރުން ފުރުސަތު ލިބެނީ 50 ޕޮއިންޓު ލިބިގެން

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ދޫކުރާ ގޮޅިތަކުން ވިއްކޭ ބާވަތްތައް ކައުންސިލުން ވަނީ ކަނޑައަޅާފަ އެވެ. މާރުކޭޓުތަކާއި ގުޅިގެން ކައުންސިލުން އެކުލަވާލާފައިވާ އުސޫލުގައި ބުނީ، ގޮޅިތަކުގައި ވިއްކޭނީ ކައުންސިލުން ކަނޑައަޅާ ތަކެތި އެކަނި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ތަރުކާރީ އާއި މޭވާ ވިއްކުމަށް ހާއްސަ ގޮޅިތަކާއި، ވަޅޯމަސް ވިއްކުމަށް ހާއްސަ ގޮޅިތަކާއި، ލުއިކާނާ އާއި ލުއިބުއިންތަކަށް ހާއްސަ ގޮޅިތަކުގެ އިތުރުން އިމްޕޯޓް މުދާ ނުވަތަ ގަޑި ކަމަރު ވިއްކަން ހާއްސަ ގޮޅިތަކެވެ.

ސިޓީ ކައުންސިލުން ވަނީ މި އުސޫލުގެ ތެރެއިން ދަތުރުވެރިންގެ މާރުކޭޓު ތަރުކާރީ އާއި މޭވާ ވިއްކުމަށް ހާއްސަކޮށްފަ އެވެ. މާނައަކީ ދަތުރުވެރިންގެ މާރުކޭޓުގައި އިމްޕޯޓް މުދާ ހިމެނޭ ގޮތަށް އެހެން އެއްވެސް ބާވަތެއްގެ މުދާ ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް އިމްޕޯޓް މުދަލުގެ ތެރެއިން އިމްޕޯޓް ކޮށްފައިވާ މޭވާ އާއި ތަރުކާރީ އިސްތިސްނާ ވެ އެވެ.

މާރުކޭޓު ގޮޅިތައް ބެހިފައިވާ ގޮތް

  • ދަތުރުވެރިންގެ މާރުކޭޓު: ތަރުކާރީ އާއި މޭވާ ވިއްކަން ހާއްސަ 163 ގޮޅި
  • ލޯކަލް މާރުކޭޓު: ތަރުކާރީ އާއި މޭވާ ވިއްކަން ހާއްސަ 100 ގޮޅި
  • ލޯކަލް މާރުކޭޓު: ވަޅޯމަސް ވިއްކަން ހާއްސަ 32 ގޮޅި
  • ލޯކަލް މާރުކޭޓު: ލުއިކާނާ އަދި ލުއި ބުއިންތަކަށް ހާއްސަ 35 ގޮޅި
  • ލޯކަލް މާރުކޭޓު: އިމްޕޯޓް މުދަލާއި ގަޑި ކަމަރު ވިއްކަން ހާއްސަ 19 ގޮޅި

ގޮޅިތަކަށް އެދި ފޯމް ހުށަހަޅާއިރު، އެ މީހަކު ގޮޅި ކުއްޔަށް ނަގައިގެން ކުރަން ބޭނުންވާ ވިޔަފާރިއެއް ހިޔާރުކުރަން ޖެހެ އެވެ. އަދި ކޮންމެ މީހެއްގެ ނަން މަތީގައި ހުށަހެޅޭނީ އެންމެ ފޯމެކެވެ.

ސިޓީ ކައުންސިލުން ބުނީ އެކަކުގެ ނަން މަތީގައި އެއް ފޯމަށް ވުރެ ގިނަ ފޯމް ހުށަހަޅައިފި ނަމަ، ހުރިހާ ފޯމެއް ބާތިލުވާނެ ކަމަށެވެ. އަދި ކުރާ ވިޔަފާރި ހިޔާރުނުކޮށް ފޯމް ހުށަހަޅާ މީހުންގެ ފޯމާއި ކައުންސިލަށް އެއްވެސް ފައިސާއެއް ދޭން އޮތް މީހުންގެ ފޯމް ވެސް ބާތިލުވާނެ ކަމަށް ބުންޏެވެ.

މި ގޮޅިތަކަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހެވެ.