Advertisement

މީރާގެ ލުއިތަކުގެ ތެރޭގައި ޖީއެސްޓީ ހިމެނީ ޓެކްސް ދައްކާ ރޭޓު ހިފަހައްޓަން

4 ޖުލައި 2021 - 15:07 1

އަމަން ހަލީމް

އަމަން ހަލީމް

މީރާގެ މައި އިދާރާ: މީރާއިން ވަނީ ޓެކްސް ދައްކަން ވިޔަފާރިތަކަށް ބޮޑެތު ލުއިތަކެއް ދީފައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


މީރާގެ ލުއިތަކުގެ ތެރޭގައި ޖީއެސްޓީ ހިމެނީ ޓެކްސް ދައްކާ ރޭޓު ހިފަހައްޓަން

4 ޖުލައި 2021 - 15:07 1

ވިޔަފާރިތަކަށް ޓެކްސް ދައްކަން ދިން ލުއިތަކުގެ ތެރޭގައި ހުރިހާ ޓެކުހެއް ހިމަނަން ނިންމީ އިގުތިސޯދީ ހީނަރުކަމުގެ ހާލަތަށް ރިއާޔަތްކޮށް ޓެކްސް ކޮމްޕްލަޔަންސް ނޫނީ ޓެކްސް ދައްކާ ރޭޓު ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

މީރާއިން ވިޔަފާރިތަކަށް ދިން ލުއިތަކުގެ ތެރޭގައި ޖީއެސްޓީ ހިމެނުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އެބަހުއްޓެވެ. އަދި މިކަމުގެ ސަބަބުން ޓެކްސް ފައިސާ ނުލިބުމުގެ ފުރުސަތު އިތުރުވުމުގެ ކަންބޮޑުވުން ވެސް އެބަހުއްޓެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން "އަދަދު"އިން ކުރި ސުވާލެއްގެ ޖަވާބުގައި ފަތުހުﷲ ވިދާޅުވި ގޮތުގައި، ހުރިހާ ޓެކުހެއް ހިމަނައިގެން މި ހާލަތުގައި ލުއި ދިނުމުން އާމްދަނީއަށް އަސަރުކުރި ނަމަވެސް، މިކަމުގެ ސަބަބުން ކޮމްޕަލަޔަންސް ރޭޓް ދަށްވިޔަ ނުދީ އެއްވަރެއްގައި ހިފަހައްޓަން މަގުފަހިވެ އެވެ.

އޭގެ ބަދަލުގައި އާންމު ހާލަތުގައި އޮންނަ އުސޫލުން ޓެކްސް ދައްކަން މަޖުބޫރު ކުރުމުުން، ވިޔަފާރިތަކަށް ޓެކްސް ފައިލް ނުކުރަން ނުސީދާ ގޮތުން ބާރުއެޅޭ ކަމަށް ފާހަގަކުރެއްވި އެވެ.

"މިހާރު ވިޔަފާރިތައް ތިބި ހާލު ފުދޭވަރަކަށް ވީކް. އިންސްޓޯލްމަންޓަށް ދީފި ކަމަށް ވާނަމަ ކޮންމެވެސް ވަރެއްގެ ކޮމިޓްމަންޓެއް ދައްކާނެ. ދައްކައިގެން އެ ސިސްޓަމް ތެރެއަށް ވަދެގެން ކޮމްޕްލަޔަންސް ލެވަލް ހިފަހައްޓަން ފުރުސަތު އޮންނާނެ" ފަތުހުﷲ ވިދާޅުވި އެވެ.

މީރާއިން ވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ ހިމެނޭ ގޮތަށް އިންސްޓޯލްމަންޓް އެއްބަސްވުމެއްގެ ތެރެއިން ހުރިހާ ޓެކުހެއް ދެއްކުން ފަސްކޮށްދީފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ މަހާއި 26 މަހާ ދެތެރޭގެ މުއްދަތަކަށް ޓެކްސް ދެއްކުން ފަސްކުރެވެ އެވެ. އަދި މި އެއްބަސްވުމަށް ދާން ދައްކަން ޖެހޭ ކޮމިޓްމަންޓް ޕޭމަންޓް ވަނީ 50 ޕަސަންޓުން 5-10 ޕަސަންޓާ ދެމެދުގެ އަދަދަކަށް ކުޑަކޮށްފަ އެވެ.

އޭގެ އިތުރުން ޓެކްސް ނުދައްކާ ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ވެސް މީރާއިން ވަނީ މިދިޔަ އަހަރުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

މި ހާލަތުގައި ދެވުނު ލުއިތަކުގެ ނާޖައިޒު ފައިދާ ނަގައިގެން ޓެކުހަށް މަކަރު ހަދާ ފަރާތްތަކާ ގުޅިގެން ފަތުހުﷲ ވިދާޅުވީ، ކޮންމެ އުސޫލެއް ކަަނޑައެޅި ނަމަވެސް އެކަމުގެ ނުރަނގަޅު ފައިދާ ނަގާނެ ފަރާތްތަކެއް ތިބޭނެ ކަމަށެވެ.

އެ ފުރުސަތު އޮތް ނަމަވެސް ޖުމްލަ ގޮތެއްގައި މި ލުއިތަކުގެ މަގުސަދަކީ ވިޔަފާރިތަކުގެ ލިކުއިޓިޑީ އިތުރުކުރުން ކަމަށްވާއިރު، މިހާރު ދީފައިވާ ލުއިތަކުގެ ސަބަބުން ޓެކްސް ދައްކާ ހުރިހާ ވިޔަފާރިތަކަށް އެކަމުގެ މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.