Advertisement

ދީނާ ދުރު މީހުންނަށް ދީނަށް ގޮވާލުން

2 ޖުލައި 2021 - 09:51 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ދީނާ ދުރު މީހުންނަށް ދީނަށް ގޮވާލުން

2 ޖުލައި 2021 - 09:51 0

ބައެއް މީހުންނަށް ހީވެފައި އޮންނަނީ، ދީނަށް ގޮވާލުމަކީ، ހަމައެކަނި ޣައިރު މުސްލިމުންނަށް އަމާޒުކޮށް ކުރަންޖެހޭ ކަމެއްކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ދީނަށް ގޮވާލުމަކީ ޣައިރު މުސްލިމުންނާއި މުސްލިމުންނަށް ވެސް އަމާޒުކޮށް ކުރަންޖެހޭ ކަމެކެވެ. އަދި މުސްލިމުންގެ ތެރޭގައި ތިބި އިސްލާމް ދީނާ ދުރު މީހުންނަށް އަމާޒުކޮށް ވެސް ދީނަށް ގޮވާލަންޖެހެ އެވެ. އެ މީހުންނަކީ ޣައިރު މުސްލިމުންނެއް ނޫނެވެ. ބައެއް ހާލަތުތަކުގައި އާންމު މުސްލިމުން ވިސްނާ ގޮތާއި އެފަދަ މީހުންގެ ވިސްނުމާ ތަފާތުތަކެއް ވެސް ހުރެ އެވެ. އެފަދަ މީހުން އިސްލާމް ދީނުގެ ބައެއް ހުކުމްފުޅުތަކާމެދު ސުވާލު އުފައްދާ ފަހަރު ވެސް އާދެ އެވެ. އެ މީހުންނަށް ދީނަށް ގޮވާލަންޖެހޭ ސަބަބަކީވެސް އެއީ އެވެ.

ތަފާތުވަނީ ގޮވާލެވޭ ގޮތެވެ. ޣައިރު މުސްލިމުންނަށް ދީނަށް ގޮވާލަންޖެހެނީ، އިސްލާމްދީނަކީ ހައްގު ދީންކަން ވިސްނައިދިނުމުގެ މައްޗަށެވެ. ކަލަކުވޮޑިގެންވާކަމާއި މާތް ﷲ ފިޔަވައި ހައްގުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަން އެބައިމީހުންނަށް ވިސްނުވައި ދިނުމުގެ މައްޗަށެވެ. އިސްލާމްދީނުގެ ފަރުޢީ ކަމެއްގައި (މިސާލަކަށް ވުޟޫކުރާއިރު ބޮލުގައި ފެންފުހޭނެ މިންވަރަކާ މެދު) ޣައިރު މުސްލިމަކާއެކު ބަހުސްކުރުމެއް ނުވެ އެވެ. އަދި ޣައިރު މުސްލިމަކަށް ދީނަށް ގޮވާލުމުގައި ހުއްޖަތެއްގެ ގޮތުގައި ޤުރުއާނުގެ އާޔަތް ދައްކަންޖެހޭ ގޮތް ތަފާތެވެ. އެހެނީ އޭނާއަކީ އުސޫލެއްގެ ގޮތުން ޤުރުއާން ގަބޫލުކުރާ މީހެއް ނޫނެވެ. އެހެންވީމާ ޤުރުއާނުގައި ﷲ އެއްކައުވަންތަކަމަށް އޮންނަކަމަށް ބުނުމަކުން އޭނާއަކަށް ނުފުދޭނެ އެވެ. އޭނާއަށް ޤުރުއާން ގަބޫލުކުރަންޖެހޭ ބުއްދީގެ ހަމަތަކާއި އުސޫލުތައް ދައްކައި ދީނަށް ގޮވާލަންޖެހެ އެވެ. ޣައިރު މުސްލިމުންނަށް ދީނަށް ގޮވާލުމުގައި ޤުރުއާނުގެ އާޔަތް ބޭނުން ނުކުރެވޭނެ ވާހަކައެއް ނޫނެވެ. ބޭނުންކުރެވޭނެ ގޮތަކީ އާޔަތެއްގެ މުއުޖިޒާތް ބުއްދީގެ ހަމަތަކުން ކާފަރުންނަށް ވިސްނައިދިނުމެވެ.

މިއުސޫލުތަކާ މުސްލިމުންގެ ތެރޭގައި ހުރި ދީނާ ދުރު މީހަކަށް ދީނަށް ގޮވާލަންޖެހޭ ގޮތާ ތަފާތުވާނެ އެވެ. އެއީ މުސްލިމުންނަކީ އަސާސީ އުސޫލެއްގެ ގޮތުން ގުރުއާނާއި ސުންނަތް ގަބޫލުކުރާ ބަޔެކެވެ. އިލްމުވެރިންނަކީ ނަބީބޭބަކަލުންގެ ވާރުތަވެރީންނަށް ވިޔަތީ އެބައިމީހުންގެ އައިބުތަކަށް ބެލުމެއް ނެތި، އިލްމުވެރިންނަށް ކަނުލޮލުން ބަލައިގެން ތިބޭ، އަދި އިންތިހާއަށް އިހުތިރާމުކޮށްގެން ތިބޭ ބަޔެކެވެ. މުސްލިމުންނަށް ދީނަށް ގޮވާލަންޖެހޭ ސަބަބަކީ ގިނަފަހަރަށް އެމީހުންނަށް ޤުރުއާނުގައި ނުވަތަ ސުންނަތުގައި އޮތް ގޮތް ނޭނގޭތީ އެވެ. ނުވަތަ ރަނގަޅު މާނަކުރުން އެމީހުންނަށް ވާސިލުވެފައިނުވާތީ އެވެ. ނުވަތަ ރަނގަޅު މާނަ އެނގުނަސް އީމާންކަން ތާޒާކޮށް ހަނދުމަކޮށްދިނުމުގެ ގޮތުންނެވެ. ބޭނުމަކީ މިއީ ކަމަށްވުމުން މުސްލިމުންނަށް ދީނަށް ގޮވާލުމުގައި، ވަކިކަމަކާބެހޭ ގޮތުން ޤުރުއާނުގައި އަދި ސުންނަތުގައި އޮތީ މިހެންކަމަށް ބުނުމުން ފުދެ އެވެ. ޢިލްމުވެރިން ވިދާޅުވަނީ މިހެން ކަމަށް ބުނުމުން ފުދިދާނެ އެވެ. ހިލާފު ހުންނަ ކަންކަމުގައި ހިލާފު ހުރިކަމަށް ބުނުމުން ނިމެ އެވެ. އަދި ބަހުސްކުރަން ހުންނަ ކަންކަމުގައި އިހުތިރާމާއެކު ބަހުސްކުރުމުގެ ޖާގަ އޮވެއެވެ. ވުޟޫކުރާއިރު ފެންފުހޭނެ މިންވަރަކާ ވެސް ބަހުސްކުރަންވީ އެވެ.

ދެން އޮތީ މުސްލިމުންގެ ތެރޭގައި ތިބި ދީނާ ދުރު މީހުންނަށް ދީނަށް ގޮވާލުމުގައި ގެންގުޅެންވީ މަންހަޖުގެ ވާހަކަ އާއި، ތަބާވާންޖެހޭ އުސޫލުތަކުގެ ވާހަކައެކެވެ. އަޅުގަނޑު ކުރިން ދެންނެވި ފަދައިން މުސްލިމުންގެ ތެރޭގައި ތިބި ދީނާ ދުރު މީހުންނަކީ ކާފަރުންނެއް ނޫނެވެ. ޣައިރު މުސްލިމެއް ނޫނެވެ. އެހެނަސް އެމީހުންނަކީ ދީންވެރި ނޫން މީހުންކަމަށް ބުނެވިދާނެ އެވެ. ދީނާ ބީރަށްޓެހި ގޮތްތަކަށް އުޅޭ ދީނާ ބީރަށްޓެހި ވާހަކަ އާންމުކޮށް ދައްކާ އުޅޭ މީހުންކަމަށް ބުނެވިދާނެ އެވެ. މިޔަކީ އަދި މުނާފިގުންނެއް ވެސް ނޫނެވެ. އެހެނަސް އެމީހުންގެ ތެރޭގައި މުނާފިގުން އުޅެދާނެ އެވެ. ރަނގަޅު މުސްލިމެއްކަމަށް ބެލެވޭ މީހަކު ވެސް މުނާފިގަކަށްވުމުގެ ފުރުސަތު އޮންނަ ފަދައިންނެވެ.

މުސްލިމުންގެ ތެރޭގައި ދީނާ ދުރު މީހުން އުފެދުމުގެ އެންމެ ބޮޑު ސަބަބުކަމަށް އަޅުގަނޑަށް ފެނުނީ، މުސްލިމަކަށްވެ ހުރެ ޣައިރު މުސްލިމަކު ވިސްނާހެން ވިސްނުމެވެ. އެހެންވީމާ އެ މީހުންނަށް ދީނަށް ގޮވާލުމުގައި ހިޔާރުކުރުން އެންމެ ރަނގަޅު އަދި ބުއްދިވެރި މަންހަޖަކީ، ޣައިރު މުސްލިމުންނަށް ދީނަށް ގޮވާލުމާއި އާންމު އާދައިގެ މުސްލިމުންނަށް ދީނަށް ގޮވާލުމުގައި ގެންގުޅެވޭ އުސޫލުތަކުގެ މަސްހުނި އުސޫލުތަކެކެވެ. ޤުރުއާނުގެ އާޔަތްތަކާއި ބުއްދީގެ ހަމަތަކާއި މަސްހުނި އުކުޅުތަކެކެވެ. ދީނާ ދުރު މީހަކާ އިސްލާމްދީނުގެ ވާހަކަދެއްކުމުގައި ދީނީ އިލްމުވެރިން ހިލާފު ހުންނަ މައްސަލަތަކުގައި ބުއްދީގެ ހަމަތައް އިސްކުރުން މުހިންމެވެ. ބޮލުގައި ފެންފުހޭނެ އަދަދުގެ ބަހުސަކީ އެފަދަ މީހަކާ ކޮންމެހެން ނުކުރިޔަސް ފުދިދާނެ ބަހުސެކެވެ. އަދި އެކަމުގެ ނަތީޖާއަކީ އެފަދަ މީހަކު އިތުރަށް ދީނާ ބީރަށްޓެހިވުން ނަމަ އެފަދަ ބަހުސެއް ފެންމަތިކުރުމަކީ ކަނޑައެޅިގެން ހުރި ހަރާން ކަމެކެވެ.

ކޮންމެއަކަސް ކޮންމެ ބަޔަކަށް އަމާޒުކޮށްގެން ދީނަށް ގޮވާލިޔަސް ނަބީބޭކަލުންގެ މަންހަޖުން އެއްކިބާވުން ދީނީ އިލްމުވެރިއަކަށް ހުއްދައެއް ނޫނެވެ. އަޅުގަނޑާއެކު ޤުރުއާނުގެ ބައެއް އާޔަތްތަކަށް ނަޒަރެއް ދެއްވާށެވެ. ހޫދު ސޫރަތުގެ 84 ވަނަ އާޔަތުން ފެށިގެން ކުރިޔަށް ވަޑައިގަންނަވާށެވެ.

"އަދި މަދުޔަނުގެ މީހުންގެ ގާތަށް ތިމަންރަސްކަލާނގެ، އެއުރެންގެ އަޚް، ޝުޢައިބުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. އޭ އަހުރެންގެ ގައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެ އެވެ. އަދި މިނުމުގައި އާއި ކިރުމުގައި، ތިޔަބައިމީހުން އުނި ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (ފުދި) ހެޔޮ ހާލުގައި ކަމަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަނެ އެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވަށާލައިފައިވާ ދުވަހެއްގެ އަޒާބަށް، ތިޔަބައިމީހުންނާ މެދު، ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ." ރަތްލާޖެހި ކާފަރުންނާ މުހާތަބުކޮށް އެވިދާޅުވަނީ އޭ ތިމަންގެ ގައުމުގެ މީހުންނޭވެ! މިގޮތަށެވެ. އެޔަށްވުރެ ނުރުހުންތެރި ބަސްމަގަކުން ވެސް މުހާތަބުކުރުމުގެ މަގު އޮތެވެ. އަދި އެމީހުން ކާފަރުންގެ ގޮތުގައި ތިބެ މަރުވެއްޖެނަމަ އަޒާބު ލިބޭނެކަމަށް ވިދާޅުވުމުގެ ބަދަލުގައި ވިދާޅުވަނީ "ތިޔަބައިމީހުން ވަށާލައިފައިވާ ދުވަހެއްގެ އަޒާބަށް، ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ." އެމީހުންނާމެދު އޮތް ލޯތްބާއި އެމީހުން ނަރަކައިގެ އަޒާބުން ސަލާމަތްކުރަން ބޭނުންވާކަމުގެ އިހުސާސް އެމީހުންނަށް ފޯރުކޮށްދެވޭނެ ފަދަ އިބާރާތެކެވެ.

ހޫދު ސޫރަތުގެ 86 ވަނަ އާޔަތުގެ ފަހަތު ބައިގައިވެ އެވެ. "...އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިއަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ." ފާރަލައި މީސްމީހުންގެ ފަތިފުށް ހޯދާ ބެލުމަކީ ދީނީ ދައުވަތުދިނުމުގައި ނަބީބޭކަލުންގެ މަންހަޖެއް ނޫންކަން މިކަމުން ދޭހަވެ އެވެ.

މި ގޮވާލުމުގެ ބަދަލުގައި އެމީހުން ބުނި ވާހަކަތައް އެސޫރަތުގެ 87 ވަނަ އާޔަތުގައި ބަޔާންކުރައްވަ އެވެ. އެއާޔަތުގެ ތަފުސީރުގައި އިލްމުވެރިން ވިދާޅުވެފައިވާ ވާހަކަތަކަށް ބަލާއިރު އެއާޔަތް ނިންމެވުމުގައި ކަލޭގެފާނަކީ މާ ކެތްތެރި މާވިސްނުން ފުރިހަމަ ބޭކަލެއްކަމަށް އެމީހުން ބުނެފައިވަނީ މަލާމާތްކުރުމުގެ ގޮތުންނެވެ. އެކަލޭގެފާނުގެ ރިވެތި ދައުވަތަށް އެމީހުން ކުރީ މަލާމާތެވެ. އެކަމަކު އޭގެ ރައްދުގައި އެކަލޭގެފާނު އެފަދައިން މަލާމާތް ނުކުރައްވަ އެވެ.

ޝުޢައިބުގެފާނު ދެއްވި ރައްދު އެ ސޫރަތުގެ 88 ވަނަ އާޔަތުން ބައްލަވާށެވެ! އެކަލޭގެފާނު ވިދާޅުވި އެވެ. އޭ އަހުރެންގެ ގައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ ހަޒުރަތުން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ ހަޒުރަތުން ހެޔޮވެގެންވާ ރިޒުގުދެއްވި ހިނދު (އެކަމަށް ފުރަގަސްދެވޭނެ ހެއްޔެވެ؟) އަދި އަހުރެން ތިޔަބައިމީހުންނަށް ނަހީކުރާ ކަންތައް އަހުރެން ކުރާކަށް ބޭނުމެއް ނުވެ އެވެ. އަހުރެންނަށް ކުޅަދާނަވީވަރަކަށް، އިސްލާހުކުރުން މެނުވީ، އަހުރެން ބޭނުމެއް ނުވެ އެވެ. އަދި ﷲ ގެ ހަޒުރަތުން މެނުވީ، އަހުރެންނަށް ތައުފީގު ލިބުމެއްނުވެ އެވެ. އަހުރެން ވަކީލުކުރަނީ، އެކަލާނގެއަށެވެ. އަދި ތައުބާ ވަނީވެސް، އެކަލާނގެ ހަޒުރަތަށެވެ."

ކީރިތި ޤުރުއާނުގެ އެކިއެކި ސޫރަތްތަކުގައި ތަކުރާރުކޮށް ނަބީބޭކަލުން އެބޭކަލުންގެ ގައުމުގެ މީހުންނަށް ދީނަށް ގޮވާލެއްވި ބަހުރުވައާއި ވައްޓަފާޅި ތަފުސީލުކޮށް ބަޔާންވެފައިވެ އެވެ. ދީނަށް ގޮވާލެއްވުމުގައި ހުރިހާ ނަބީބޭކަލުން ގެންގުޅުއްވާފައިވާ ހަމަޔަކީ އެކުވެރިކަމާއި ކުލުނުވެރިކަމުގެ އުސޫލުތަކެވެ. ހިތްޖެއްސުމާއި ހިތްދަމައިގަތުމުގެ އުކުޅުތަކެވެ. ރައްދުދިނުމުގައި ހިތްތިރިކުރުމުގެ ގޮތްތަކެވެ. މަލާމާތާ ކުރިމަތިލުމުގައި ކެތްތެރިވުމުގެ ނަމޫނާތަކެވެ. މިކަންކަމުން އަޅުގަނޑުމެން އިބުރަތް ހާސިލުކުރަން ވާނެ އެވެ.