Advertisement

ހަމަލާގެ އިންކުއަރީ ރިޕޯޓު އާއްމުކުރެވޭނީ އަންނަ ހަފްތާގައި

1 ޖުލައި 2021 - 15:09 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ހަމަލާގެ އިންކުއަރީ ރިޕޯޓު އާއްމުކުރެވޭނީ އަންނަ ހަފްތާގައި

1 ޖުލައި 2021 - 15:09 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު އަންނަ ހަފްތާގެ ތެރޭގައި އާއްމުކުރެވޭނެކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މިއަދު ބުނެފި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބަލަމުން އަންނާނީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

އެ އިންކުއަރީގެ ރިޕޯޓު މިދިޔަ މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފި ނަމަވެސް، އެ އިންކުއަރީގެ ބާވަތުގެ ގޮތުން އެ މަސައްކަތް ލަފާކުރެވުނު ވަރަށް ވުރެ ލަސްވެފައިވާކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު "އަދަދު"އަށް ވިދާޅުވި އެވެ.

އެ ރިޕޯޓުގެ ފުރަތަމަ ޑްރާފްޓް މިހާރު އެކުލަވާލެވިފައިވާއިރު، އެ ރިޕޯޓު ފައިނަލް ކުރުމުގެ މަސައްކަތް ހަފްތާ ބަންދުގެ ތެރޭގައި ވެސް ކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެ ރިޕޯޓު މުޅިން ފައިނަލްކުރެވޭނީ މިހާރު އޮތް ޑްރާފްޓަށް މެމްބަރުން ހުށަހަޅާ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، އެކަމަކު ރިޕޯޓުގެ މައިގަނޑާމެދު މާބޮޑު ހިލާފެއް އުޅޭނެކަމަށް ލަފާނުކުރެއްވޭ ކަމަށެވެ.

ނަމަވެސް، އެ ރިޕޯޓުގައި ކަމާގުޅޭ އިދާރާތަކަށް ކޮމިޓީގެ ފަރާތުން ހިމަނާ ރެކަމެންޑޭޝަންތަކުގައި މެމްބަރުންގެ ހުށަހެޅުންތަކެއް ހުރެދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އަންނަ ބުރާސްފަތި ދުވަހު އޮންނަ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގެ ކުރިން އެ ރިޕޯޓު މެމްބަރުންނާ ހިއްސާކުރެވި، އާއްމުކުރެވޭނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެ ރިޕޯޓު އަވަސް އަރުވާލައިގެން ނިންމުމުގެ ބަދަލުގައި ކޮމިޓީގެ އަމާޒަކީ ފުރިހަމަ މަސައްކަތެއް ކުރުން ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުންތައް ސިއްރުން ގެންދިޔަ ނަމަވެސް، ކޮމިޓީން އެކުލަވާލައި ރިޕޯޓު އާއްމުކުރާނެ ކަމުގެ ޔަގީންކަން ކޮމިޓީން މީގެ ކުރިން ވަނީ ދީފަ އެވެ.

އަދި އެ ރިޕޯޓުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތެއް ހުރި ކަމަށް ފާހަގަވެއްޖެނަމަ، އެ ބައި ރިޕޯޓުން އުނިކުރަން ޖެހުނު ނަމަވެސް، އެބައި ވެސް ރައީސާއި މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަފަނޑިޔާރާ ވެސް ހިއްސާކުރާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރިޕޯޓުގެ ބައެއް ސިއްރު ކުރުމާ ގުޅޭގޮތުން ސުވާލު ކުރުމުން، އަސްލަމް މިއަދު ވިދާޅުވީ އެކަން ކަނޑައެޅޭނީ ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ނިންމޭ ނިންމުންތަކެއްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި މުޅި މަޖިލިސް އިގުރާރުވެގެން ހިންގާ ތަހުގީގަށް މިހާތަނަށް 50 އަށް ވުރެ ގިނަ ފަރާތް ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިން ވެސް ހިމެނެ އެވެ.