Advertisement

ޖިންސީގޯނާގައި ހަތަރު އަހަރު: "އަހަރެންގެ ދިރިއުޅުން މަރާލީ އެންމެންވެގެން!"

4 ޖުލައި 2021 - 14:08 10

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ހަނާ އަށް ދިމާވި ކަންކަން އޭނާ ކިޔައިދެނީ: އުމުރުން 18 އަހަރު ނުވިޔަސް މި ވާހަކަ އާއްމުންނަށް ކިޔައިދޭން ބޭނުންވީ އެހެން މީހުންނަށް އޭނާއަށް ދިމާވި ގޮތް ވާން ނޭދޭތީ ކަމަށް ބުނި.


ޖިންސީގޯނާގައި ހަތަރު އަހަރު: "އަހަރެންގެ ދިރިއުޅުން މަރާލީ އެންމެންވެގެން!"

4 ޖުލައި 2021 - 14:08 10

"ގައިގައި މީހަކު އަތްލައިފިއްޔާ ބުނައްޗޭ! ދިރި ހުއްޓާ ވަޅުލާނަން،"

މި ވާހަކަ ހަނާގެ (އަސްލު ނަން ސިއްރުކޮށްފައި) ހިތުގައި ބިންވަޅު ނެގުނީ، އާއިލާއިން ހަމައެކަނި ބުނެލި ވާހަކައެއްގެ ގޮތަކު ނޫނެވެ. އިހްސާސްވީ އޭނާ ދެކެވާ ލޯތްބެވެ. ކޮންމެ ހާލެއްގައި ވެސް އޭނާ އަށް ރައްކާތެރި ކަމާއި ހިމާޔަތްދޭނެ ކަމުގެ ކަށަވަރު ކަމެވެ. ނެގީ އެއީ އެކަނިކޮށްނުލާނެ ކަމަށް ދިން ހިތްވަރެއްގެ ގޮތުގަ އެވެ.

އެކަމަކު އެއީ މާނައެއް ނެތް ބުނެލުމެކެވެ؛ ހަތަރު އަހަރު ވަންދެން ޖިންސީގޯނާގެ ޝިކާރައަކަށް ވީ އެވެ. މަންމަގެ ބޮޑުދައިތަގެ ފިރިމީހާގެ ވަކިތަކުގެ ތެރޭގަ އެވެ.

ހަނާއަށް އައި ބަދަލުު ފެނުނު މީހަކު ނެތެވެ. އެތައް ދުވަހަކު އުޅެ ހިތްވަރު ނެރެގެން ކިޔައިދިނުމުން ގަބޫލުކުރި މީހަކު ވެސް ނެތެވެ. ކުށްވެރިވީ ހަނާ އެވެ. އެކަނިވެރިކޮށްލައި އެންމެން ފަހަަތަށް ޖެހި، ހިމާޔަތަށް މަގުކޮށައިދިނީ އަނިޔާދިން މީހާއަށެވެ.

މަންމަ އެދުނީ މާބޮޑު ކަމަކަށް ނުހެދުމަށެވެ. އެކަކު ވެސް މަންމައާ ދެކޮޅަށް ނުތެދުވި އެވެ. އާއިލާ ބަދުނާމުވެދާނެ ކަމުގެ ލަދުގެ ސަގާފަތުގެ ތެރޭގައި މަންމަ ވެސް ތާށިވީ އެވެ. ސްކޫލްގެ މެނޭޖްމަންޓުން އަޅައެއްނުލި އެވެ. އެ މީހުންގެ ޒިންމާއެއް ނޫން ކަމަށް ދެކުނީ އެވެ.

ހަނާއަށް ޖިންސީ ގޯނާކުރިކަން އެނގުމާ އެކު ސްކޫލް ތެރޭގައި ބުލީކުރި އެވެ. އެ ވާހަކަ ދައްކައި "ނަޖިސް ކުއްޖެކޭ" ބުނެ ރޮއްވާ ވެސް ލި އެވެ. މަގުމަތިން ދިމާވި ބައެއް މީހުން، ތެދެއް އޭނަ އެކަން ކުރިހޭ ސުވާލުކޮށް، ޝައްކާއި މަލާމާތުގެ ބަސްތަކުން ހަނާއަށް އިތުރަށް އަނިޔާދިނެވެ.

މި ހުރިހާ ކަމެއްގެ ތެރޭގައި ކުރިމަތިކުރި ބިރާއި ހިތްދަތިކަމާއި މަލާމާތާއި ފުރައްސާރައިން ހަނާގެ "ދިރިއުޅުމަށް ފަސްއަޅައި ފޮރުވީ" އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ވީ އާދައިގެ ކޭސްއަކަށެވެ. ނުހިނގާ ކަމަކަށް ނުވަތަ މާބޮޑުކަމަކަށް ނުހަދައި 2018 ގައި ފައިލް ލައްޕާލީ އެވެ.

"މަންމަ އާދޭސްކޮށްގެން މައްސަލަ އޮއްބާލިއިރު، ހަމަ އެކަކު ވެސް ސަޕޯޓްކުރަން ނެތުން އެއީ އެންމެ ދެރަވި ދުވަސް. ހިތަށް އެރި ދުވަހަކު ވެސް އަޅުގަނޑަށް އިންސާފެއް ނުލިބޭނެއޭ،" ހަނާ ބުންޏެވެ.

އޭގެ ތިން އަހަރު ފަހުން މިދިޔަ އަންގާރަ ދުވަހެވެ. އަނިޔާ ފޮރުވި ފައިލް، ވަރަށް ހިތްވަރުކޮށްފައި ފުލުހުން ލައްވައި އަލުން ހުޅުވައިފި އެވެ. އޭނާއަށް ކުރި އަނިޔާ އާއި ދިމާވެފައިވާ ހިތްދަތި ހާލަތު އާއްމުންނަށް ފެންނަހެން ލިޔެގެންނެވެ.

އަނިޔާދިން މީހާ ހިމާޔަތްވާ ގޮތަށް މަންމަ ދެއްކި ވާހަކަތަކަށް ކިޔަމަންތެރިކަމާ އެކު ބޯ ޖެހުމުން، ފުލުހުންގެ ބަޔާނުން ފެންނަން އޮތީ، ހަނާގެ ގައިގައި ބައްދާލުން ފިޔަވައި އިތުރު ކަމެއް ނުހިނގާ ކަމަށެވެ. މާލެ ގޮސް ސައިކޭޓްރިސްޓަކަށް ދައްކަން ލަފާދީފައި އޮތް ކަން، ޑިޕްރެޝަނަށް ގޮސް ހުސްވެފައި ހުރި ހަނާއަށް އެނގުނީ އެ ދުވަހު އެވެ.

އެންމެ ކުޑަމިންވަރަކަށް އޭނާ އަށް އެކަން ވެސް ކޮށްދީފައެއް ނުވެ އެވެ. ފަހުން ވީގޮތެއް މުއައްސަސާއަކުން ނުބަލަ އެވެ.

ހަނާ ގަބޫލުކުރާ ގޮތުގައި އޭނާއަށް އިންސާފު ހައްގެވެ. އެކަމަކު އުއްމީދެއް ނެތަސް މި ވާހަކަ އެންމެންނަށް ކިޔައިދޭން ހަނާ ބޭނުންވީ އަމިއްލަ ހިތްހަމަޖެހުމަށެވެ. ހަނު ނުތިބެން އެހެން މީހުންނަށް ބުނެދިނުމަށެވެ.

ހަތަރު އަހަރު ވަންދެން ޖިންސީގޯނާ!

ހަނާއަށް އެންމެ ފުރަތަމަ ޖިންސީގޯނާކުރީ ގްރޭޑް ހަތަރެއްގައި އުޅެނިކޮށެވެ. އޭރު އުމުރުން ނުވަ އަހަރެވެ.

މަންމަގެ ބޮޑުދައިތަގެ ފިރިމީހާ ހަނާގެ ދިރިއުޅުމުގެ މައްޗަށް ވެރިވެގަތް ދުވަހަކީ, އާއިލީ މާހައުލުގެ އުފާވެރިކަމުގެ ތެރޭގައި، ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމުގެ ހުވަފެން ދެކުނު ހަނާގެ ރިޕޯޓް ފޯމު ދިން ދުވަހެކެވެ. އާއިލާގެ ގިނަ ބަޔަކު އެ ދުވަހު އެއްތަންވީ ހުރިހާ މާއްދާއަކުން އެކްސެލެންޓް ލިބުމުން ހަނާގެ ކާމިޔާބީ ފާހަގަކުރާށެވެ.

އެންމެން ތެރޭގައި ހުއްޓައި އެ މީހާ ހަނާއަށް ގޮވައި ހިނގާބަލާށޭ ބުނުމުން ހަނާ ވެސް އަދި އެތަނުގައި ތިބި އެހެން މީހަކަށް މާބޮޑުު ކަމަކަށް ނުވި އެވެ.

ހަނާއަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް އޭނާއަކަށް ނެތް.


ހަނާ ގޮވައިގެން އޭނަ ދިޔައީ ކޮޓަރިއަށެވެ. އެއްކޮށް ދޮރެއް ނުލައްޕަ އެވެ. އެ ދުވަހު ކޮޓަރިއަށް ވައްދާފައި ބެހުނީ އެވެ. ކީއްހޭ ތިކުރީ އެހުމުން، އެއްވެސް މީހެއް ގާތު ނުބުނަން އިންޒާރު ވެސް ދިނީ އެވެ. ކޮޓަރިން އޭނާއެކު ނުކުތްއިރު މިވީ ގޮތެއް ހަނާއަކަށް ރަނގަޅަށް ވިސްނައިގަންނާކަށް ނޭނގެ އެވެ.

ލިބުނު އިންޒާރާއި އާއިލާ އިން އެންމެ އިތުބާރު ކުރެވޭ އެކެއްގެ ފަރާތުން އެ ހިނގި ކަމުން އުނދަގޫވިޔަސް ނުވާ ކަމަކަށް ހަދައިގެން އެންމެން ތެރޭގައި ހުންނަން ޖެހުނީ އެވެ.

އެންމެންގެ ލޯމަތިން ހަނާ ދުރުކޮށް، އެކަނިވާނެ ވަގުތާއި ގޮތްތައް އެ މީހާ ތަކުރާރުކޮށް ހޯދި އެވެ. ސައިކަލް ދުއްވާލަން ދިއުމުގެ ނަމުގަ އެވެ. އެކި ހަދިޔާތައް އެންމެންގެ ތެރޭގައި ދީ އޭނާއަކީ ހަނާއަށް ހެޔޮ މީހެއް ކަމަށް ވެސް ދައްކައިގެންނެވެ. މީރު ކާއެއްޗެހި ހަދާފައި ހުރި ކަމަށް ބުނެ އެ ގެއަށް ވެސް ގެންގޮސްގެންނެވެ.

މިއިން ކޮންމެ ފަހަރު ހަނާގެ ހަށިގަނޑާއި ހިތާއި ސިކުނޑީގެ މައްޗަށް ވެރިވެގަންނަނީ އަނިޔާވެރި އަމަލުތަކެކެވެ. އަނގަ ބަންދުކޮށްލީ ވަޅިން ބިރުދައްކައިގެންނެވެ.

"އެއް ދުވަހަކު ގެއަށް ލާން ދަމުން ގެންދިޔައީ ގުދަނަކަށް. އޭނާ ފައިބައިގެން އެ ގުދަނަށް ވަނީމަ އަޅުގަނޑުގެ ހިތްބުނި ގޮވާނެއޭ، ދުވެފައި ދާން ވެސް ހިތަށް އެރި، އެކަމަކު ނުކުރުނު،" ހަނާ ކިޔައިދިނެވެ.

"[އުނިކޮށްފައި].... އެ ދުވަހު ވަރަށް ރުއިން،"

އޭގެ ފަހުން ވެސް ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމަށް ފެންކަޅިވެފައި އިން ހަނާ ކިޔައިދެމުން ދިޔައީ، ރައްކާކޮށްފައި ހުރި ހުރިހާ ހިތްދަތިކަމަކާއި ޝަކުވާތަކެއް ވެސް ބަންޑުންކުރަމުންނެވެ.

"މަންމަ ދެކެ ވަރަށް ބިރުގަނޭ, ހިތަށް އެރީ ފެމިލީ މީހަކު އެހެން ހެދީއޭ ބުންޏަސް ގަބޫލެއް ވެސް ނުކުރާނެއޭ. ދެން ވަރަށް ބޮޑަށް އެ މީހާ ބިރުވެސް ދައްކާފައި އަޅުގަނޑަށް ހުރީ،" ހަނާ ބުންޏެވެ.

އެއްވެސް މީހަކު، ގައިގައި އަތްލާން ނުވާ ތަންތަނާއި އުޅެގެން ނުވާނެ ގޮތްތައް މަންމަގެ ފަރާތުން އަދި އާއިލާގެ އެހެން މީހެއްގެ ފަރާތުން ވެސް ހަނާއަށް ކިޔައިދީފައެއް ނުވެ އެވެ. އެ ކަހަލަ ކަމެއް ވެއްޖެ ނަމަ ދެން ހަދަންވީ ގޮތުގެ ވާހަކަ އެއްވެސް ވަރަކަށް ދެކެވިފައެއް ނުވެ އެވެ.

ފުރާވަރަށް އަރަމުން އަންނަ އަންހެން ކުއްޖަކާ މަންމައާ ދެމެދު އޮންނަން ޖެހޭ ގުޅުން ނުވަތަ ދެކެވެންޖެހޭ ވާހަކަތައް ހަނާ އާއި މަންމައާ ދޭތެރޭގައި ނުދެކެވުމަކީ ކިހާ ހިތްދަތިކަމެއް ކަން ހަނާއަށް އަންދާޒާ ކުރެވެނީ މިހާރެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ މީހަކު ޝުއޫރު ފާޅުކުރަން ބޯޑެއް ހިފައިގެން: ހަނާއަށް އިދާރާތަކުން ވެސް ވަނީ އިހުމާލުވެފައި


އަނިޔާގެ ޝިކާރައަކަށް ވިކަން ހަނާއަށް މީހެއްގެ ގާތު ބުނެގެން އެހީއެއްވެދާނެ ކަމުގެ އުއްމީދުއާވެ އެ ވާހަކަ ދެއްކުމުގެ ހިތްވަރު ލިބުނީ ގްރޭޑް ނުވައެއްގަ އެވެ. އެހެން ކުއްޖަކަށް ދިމާވި ކަމެއްގެ ވާހަކަ އަންހެން ކުދިންތަކެއްގެ ތެރޭގައި ދެކެވި ޓީޗަރާ ހަމައަށް ދިއުމުން ދިން ހިތްވަރު ފެނިފައި މަޑުން ނީނދެވުނީ އެވެ. ހަނާ އުޅެމުންދާ ހާލާއި ހިތު ތެރޭގައި ފޮރުވާފައި ހުރި ވާހަކަތަކުން ކުޑަ މިންވަރެއް ކިޔައިދެވުނީ އެވެ. ސްކޫލްގެ މެނޭޖްމަންޓާ ހަމައަށް އެކަން ގެންދިޔައީ އެ ޓީޗަރެވެ.

ޕްރިންސިޕަލް ރޫމްގައި މަންމައާ އެ ވާހަކަތައް ހިއްސާކުރިއިރު, ޓީޗަރާ އެކު ކްލާހުގައި މަޑުކޮށްގެން އިން ހަނާ ފިނިވެ ހާސްވީ މަންމަ ބުނެފާނެ އެއްޗަކާ މެދުގަ އެވެ. މަންމަ ރުޅި އަންނާނެތޯ އިރުކޮޅަކާ ޓީޗަރު ގާތު ސުވާލު ވެސް ކުރެވުނެވެ.

ހަނާ ބުނިގޮތުގައި މަންމައަށް އެ ވާހަކަަތައް އެނގުމުން ވަރަށް ރުޔެވެ. އެކަމަކު ސްކޫލުން ދޮރުން ނުކުތުމާ އެކު ހިތްހަމަނުޖެހިފައި ހުރީ އެ ވާހަކަ އެހެން މީހަކަށް ކިޔައިދިނުމުންނެވެ.

"މަންމަ ބުނީ ތިމަންނަ ކައިރީގައި ވަކިން ބުނެލި ނަމަ އެ ގެއަށް ގޮސްފައި އެ މީހުންނާ ވާހަކަ ދައްކައިގެން އެކަން ހައްލުކޮށްލީމުހޭ," ހަނާ ކިޔައިދިނެވެ.

އެކަން އެނގުމާ އެކު އެ މީހާ ގެއަށް އައުން މަންމަ މަނާކުރި އެވެ. އޭގެ ފަހުން މިހާތަނަށް ވެސް މަންމަ އެ މީހާއާ ވާހަކައެއް ނުދައްކަ އެވެ.

"އަމިއްލަ ނަފްސަށް އިތުބާރު ގެއްލި ވަށައިގެން ހިތްދަތިކަން"

އެ މީހާގެ ފަރާތުން ކުރިމަތިވި ކަންކަމާއި އޭނާ ފެންނަ ކޮންމެ ފަހަރަކު، އަދި އަނިޔާ ހަނދާންވާ ކޮންމެ ފަހަރަކު ހަނާ އަމިއްލަ ނަފްސުދެކެ ރުޅި އަންނަން ފެށީ އެވެ. ބިރާއި އެކަނިވެރިކަމާއި ހިތްދަތިކަމާއި މާޔޫސްކަމުގައި މިއަދާ ހަމައަށް ވެސް ހަމަޖެހުމެއް ނުލިބެ އެވެ.

އަމިއްލައަށް އަތުގައި ކަޓަރު އެޅުމާއި ޕިން ހެރުން ފަދަ ކަންކަން ހަނާ ކުރި އެވެ. ދުނިޔެއިން ދާންވީއޭ ހިތަށް އެރި ކޮންމެ ފަހަރަކު މަންމަ ދެރަވެދާނެތީ ފަސްޖެހެވުނީ އެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ މީހަކު ޝުއޫރު ފާޅުކުރަން ބޯޑެއް ހިފައިގެން: ހަނާއަށް ވަނީ އިހުމާލުވެފައި


"ކިޔެވުން އެއްކޮށް ދިޔައީ. ބައެއް މާއްދާތަކުން ކިރިޔާ ފާސްވަނީ. ފޮތް ހިފައިގެން އިނދެ ކިޔަސް ލިއެފައި އޮންނަ އެއްޗެއް ސިކުނޑިއަކަށް ނުވަދޭ،" ހަނާ ކިޔައިދިނެވެ.

"ނުނިދޭ އެއްގޮތަކަށް ވެސް. ބާލީސްދަށަށް ކަޓަރު ލައިގެން ނިދެނީ. އޭނަ މަގުމަތިން ފެނުނަސް ދުވެފައި އައިސް އެކަނިމާ އެކަނި ކޮޓަރީގައި ތަޅުލައިގެން އިންނަން ބޭނުންވާނީ،"

1412 އަަށް ގުޅައި ރިޕޯޓްކުރީ އަމިއްލައަށް

ކުދިންނަށް ދިމާވާ ކަންކަމުގައި އެހީވަނީ 1412 ކަން އެނގުނު ހިސާބުން ވަރަށް ގިނައިން ގުޅި އެވެ. އަހަންނަށް ކަމެއް ވެއްޖެއޭ އެހީވާށޭ ބުނެ ފޯނު ބާއްވަން ގުޅިއަސް ބުނަން ނުކެރުނީ އެވެ.

"އެ މީހުން ފޯނުވެސް ނަގާ. ހަލޯވެސް ބުނޭ. އަޅުގަނޑަށް ބިރުން ފޯނު ކަނޑާލެވެނީ ކޮންމެ ފަހަރަކު ވެސް،"

އެއް ދުވަހު ގުޅުނު ވަގުތު ކިޔައި ދެވުނީ އެވެ. ޖެންޑާ މިނިސްޓްރީ އާއި ފުލުހުން 2018 ގައި އެ ރަށަށް ގޮސް މައްސަލަ ބަލަން ފެށީ އެ ހިސާބުންނެވެ.

ތަހުގީގަށް ހަނާ ބަލާ ދިއުމުން މަންމަ އެދުނީ "އެއްވެސް ކަމެއް ނުކުރެއޭ، ގައިގައި އަތެއް ނުލައޭ" ބުނެ ނިންމާލާށެވެ. ސަބަބަކަށް ދެއްކީ މަންމައަށް އެ މައްސަލައިގެ ތެރޭގައި ނޫޅެވޭނެ ކަމެވެ. ވީ ކަމެއް ވިޔަސް އާއިލާ ބަދުނާމުކުރަން ފުލުހުންނަށް ވާހަކަ ނުކިޔައިދޭން ވެސް އެދުނީ އެވެ.

މަންމަ އެހެން ބުނެފައި އޮއްވައި ފުލުހުންނާއި ޖެންޑާ ގެންދިއުމުން ހުރިހާ ވާހަކަތަކެއް ހަނާއަށް ނުކިޔައިދެވުނެވެ. ޑޮކްޓަރަށް ދައްކައި މެޑިކަލް ރިޕޯޓް ހަދަން ގެންދަން އުޅުމުން ވެސް މަންމަ ހެދީ ދެކޮޅު ކަމަށް ހަނާ ބުންޏެވެ.

"ހުރިހާ އެންމެން ވެސް ބުނީ މަންމަގެ ކުރިއަށް އަރައި ބަސްބުނާކަށް ނުކުރޭނެއޭ. އަޅުގަނޑު ބުނިން ކުޑައިރު ބުނީމެއް ނޫންހޭ ކަމެއް ކޮށްފިއްޔާ[އެ މީހަކު] ދިރިހުއްޓާ ވަޅުލާނަމޭ. އެކަމަކު އެކަކަށް ވެސް ނުކުރުނެއް ނޫންހޭ އެ މީހާއާ ދިމާލަށް އިނގިލި ދިއްކޮށްލާފައި އެއްޗެއް ބުނެލާކަށް ވެސް،"

ނުވާ ކަމަކަށް ހަދައި ކޭސް ބަންދު!

ތަހުގީގުގެ ބޭނުމަށް ޑޮކްޓަރަށް ދައްކަން ދިއުމުން ލިބުނު ޖަވާބަކީ އެހާ ދުވަސްވެފައި ހުރުމުން އަނިޔާ ލިބިފައި ހުއްޓަސް ނޭނގޭނެ ކަމެވެ.

ޑޮކްޓަރުގެ ކޮޓަރިން ފުލުސް މީހާ ބޭރަށް ނުކުތުމުން މަންމަ އަނެއްކާވެސް އެދުނީ ނުވާ ކަމަކަށް އެކަން ހަދައި ނިންމާލާށެެވެ. މަންމަ ރޮއެރޮއެފައި އެހެން އެދުމުން، ހަނާއަށް މަޖުބޫރުވީ ފުލުހުންނަށް މަންމަ ކިޔައިދިން ގޮތާ އެއްބަސްވާށެވެ.

"މަންމަ ދެކެ ބިރުން ބޯޖަހާލަ ޖަހާލާ އިނީ. އެ މައްސަލަ އެ ހިސާބުން ހިނދުނީ،"

ފުލުހުން ހަނާގެ މައްސަލަ އެ ހިސާބުން ފައިލްކުރީ އެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ މީހަކު ޝުއޫރު ފާޅުކުރަން ބޯޑެއް ހިފައިގެން: ހަނާގެ އާއިލާއިން އޭނާއަށް ސަޕޯޓެއް ނުދިން


ހަނާ ބުނިގޮތުގައި އަމިއްލަ ނަފްސު ދެކެ ރުޅި އައުމާއި ބާކީވުން އަދި އެއްވެސް މީހަކަށް އިތުބާރު ނުކުރެވެން ފެށީ އެ ހިސާބުންނެވެ. ފިރިހެނަކު ފެނިއްޖިއްޔާ، ބިރުގަނެ އެކަހަލަ އަނިޔާއެއް ދީފާނެ ކަމުގެ ހިތްދަތި ވިސްނުންތައް ވަށާލަ އެވެ. ވަޒީފާއެއްގައި ވެސް ނޫޅެވުނެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި ކަންހިނގާ ގޮތް ފެންނަން ފެށުމުން، ހަނާ ބޭނުންވީ އޭނާގެ މައްސަލައިގައި އަމިއްލައަށް ތެދުވާށެވެ. އާއިލާގެ މީހުންގެ ގާތު އަލުން އެ ވާހަކަ ދެއްކީ އަމިއްލަ އަށެވެ.

"ހުރިހާ އެންމެން ކަހަލަ ގޮތަކަށް ބުނީ މިހާ ދުވަސްވީމަ ކީއްކުރަންހޭ މައްސަލަ ނަގަނީ،" ހަނާ ކިޔައިދިނެވެ.

ދޫނުކުރާނެ ކަން އެނގުމުން، އެދުނީ 18 އަހަރު ފުރުމުން މައްސަލަ ކުރިއަށް ގެންދާށެވެ. ފަހަތުގައި ހިތްވަރު ދޭން ތިބޭނެ ކަމުގެ ޔަގީންކަން ވެސް އާއިލާގެ ބައެއް މީހުންގެ ފަރާތުން ލިބުނެވެ.

"ދެތިން ދުވަސް ފަހުން ޕޮލިހަށް އެ ދުވަހު ގުޅައި މެސެޖް ވެސް ކުރިން. ޕޮލިހުން ދާނަމޭ ބުނި. އެކަމަކު ނާދޭ."

އެހެންވެ އަނެއްކާވެސް އޮތީ މައްސަލަ ކުރިއަށް ނުގޮހެވެ. މިފަހުން އަނެއްކާވެސް އެ ހަނދާންތަކުގެ ތެރެއަށް ހަނާ ދަމައިގަނެ ކަސްތޮޅު އެޅުވީ އައިޖީއެމްއެޗުގައި ދިމާވި ހާދިސާއެކެވެ. ނާސިން ކޯހުގެ ތަމްރީނަށް އައިޖީއެމްއެޗަށް ޑިއުޓީއަށް ނުކުތް ދުވަހެއްގައި، އުމުރުން ދުވަސްވީ ފިރިހެނަކު ފެންވަރުވަން ޖެހުނީ އެވެ.

"އެ ދުވަހު ރޮވެން ފެށި ގޮތަށް، މީހުން ތެރެއަށް ނުކުންނަ ހިތްނުވީ. ހާސްވާން ފެށީ،"

"ގޭގައި އުޅޭ ދައްތަ ނަސޭހަތްދިން. އަބަދަކު ތިހެން ނޫޅެވޭނެއެއް ނޫންހޭ. އުއްމީދުކުރި ވަރަށް ގިނަ ކަންކަން އަޅުގަނޑު އަތުން ބީވެއްޖެ މިކަމާ ހެދި،"

ހަނާ ކިޔައިދިން ގޮތުގައި މި ފަހުން އޭނާގެ ވާހަކަތައް ސޯޝަލްމީޑިއާގައި ލިއުމުން ޓީޗަރަކު ގުޅާފައި އެ ދުވަހު އެހީ ނުވެވުމުން މާފަށް އެދުނެވެ. އެކަމަކު މިހާރު ދޭ ހިތްވަރުން އަމިއްލަ ނަފްސަށް އަލުން އިތުބާރުކުރެވޭނެ ކަމުގެ ޔަގީންކަމެއް އޭނާއަކަށް ނެތެވެ.

ހަނާގެ މި ވާހަކަތަކާ ގުޅިގެން އާއިލާގެ އެހެން މީހަކަށް ގުޅުމުން އޭނާ ކިޔައިދިން ގޮތުގައި މި ހާދިސާ ދިމާވި ކަން އެނގުނީ އެ ގެއަށް ދިޔަ ދުވަހެއްގައި ރޮއެފައި އެ ވާހަކަ ހަނާ ކިޔައިދިނުމުންނެވެ. އެކަމެއް ހިނގައިގެން ހަނާ ޑޮކްޓަރަށް ދައްކަން އޭނާ ދިރިއުޅުނު ރަށަށް ގެންދިޔައިރު ވެސް އެއީ ކޮން ކަމެއްގައި ކަމެއް އާއިލާގެ ފަރާތަކުން ނާންގަ އެވެ. ބަލިވެގެން ޑޮކްޓަރަށް ދެއްކީ ކަަމަށް ބުނެ ނިންމާލީ އެވެ.

"އެއްދުވަހު ރޮއެފައި ކިޔާދިނީ ބިރުގަންނަ ވާހަކަ އާއި ނުނިދޭ ވާހަކަ. އެއްވެސް މީހަކު ގަބޫލުކުރާނެހޭ ވެސް އެހި،" އޭނާ ކިޔައިދިނެވެ.

"އެ ހިސާބުން އޭނައަކީ [ފިރިހެންމީހާ އަކީ] އާއިލާ މީހެކޭ ބުނަން ވެސް ލަދުގަތް. އަޅުގަނޑުގެ އެއްބަފާ އަންހެންމީހާގެ ހުރި ހަމައެކަނި އަންހެން ކުއްޖާގެ ދިރިއުޅުން ދިޔައީ."

ހަނާ އާއި އޭނާގެ އާއިލާގެ މީހަކު "އަދަދު"އަށް އިއްޔެ ކިޔައިދިން ވާހަކަތަކާ ގުޅިގެން ތުހުމަތުކުރާ މީހާގެ އާއިލާ އަށް ގުޅުމުން ބުނީ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ. ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ކަން ބުނެދީ، ތަކުރާރުކޮށް އެހުމުން ވެސް ބުނީ "ނަމްބަރު ދިން މީހަކު ނުބުނަނީސް ކޮމެންޓެއް ކުރަން ބޭނުން ނޫން" ކަަމަށެވެ.

"ކުށްވެރިއަކީ އަޅުގަނޑެއް ނޫން، އިންސާފު ބޭނުން،"

"ވަރަށް އުނދަގޫވޭ، އަމިއްލައަށް ދިމާނުވަންޏާ ނޭނގޭނެ ކިހާ ވަރެއްގެ ކަމެއް ކަން. އެކަކު ވެސް އެހީއެއް ނުވީމާ ވާ ދެރަވެސް އެނގޭނީ އަމިއްލައަށް މި ކަންކަން ތަހައްމަލްކުރަން ޖެހުނީމާ،" ހަނާ އަލުން މައްސަލަ ނެގި ސަބަބު ކިޔައިދިނެވެ.

"ދެން އެބަ ބުނޭ މިހާ ދުވަސް ކޮށްފައި ކީއްވެހޭ ތި މައްސަލަ ނެގީ. އޭރު ކީއްވެހޭ ނުބުނީ، ހަމައެކަނި އޮތީ ބައްދާލީއޭ."

އެއީ ހަނާ ބޭނުންވެގެން ތަހުގީގު ފައިލުގައި ފޮރުވި ވާހަކައެއް ނޫނެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ މީހަކު ޝުއޫރު ފާޅުކުރަން ބޯޑެއް ހިފައިގެން: ހަނާގެ އާއިލާއިން އޭނާއަށް ސަޕޯޓެއް ނުދިން


އޭނާ ބޭނުންވީ އަދި ދެކެމުން އައި ހުވަފެނަކީ ނަރުހަކަށް ވުމެވެ. ފޮތްތަކުގައި ލިޔަމުން އައި ވާހަކައަކީ ބޮޑުވެގެން އެންމެ ވާން ބޭނުމީ ނަރުހަކަށް ކަމެވެ. އެކަން ނުވެ ދިގުލައިގެންދަނީ ބިރުވެރި ހަނދާންތަކުން އަރައި ނުގަނެވޭތީ އެވެ. މީހުންނާ ކުރިމަތިލާން ވެސް ބޭނުމެވެ.

މި ހުރިހާ ކަމަކަށް އޮތް ހުރަހަކީ އޭނައަށް ދިން އަނިޔާ އެވެ. އެހީގެ އަތެއް ދިއްކޮށްލާނެ މީހަކު ނުވުމެވެ.

މި އުނދަގުލުގައި ހަނާގެ ކޮންމެ ދުވަހެއް ނިމިގެންދާއިރު، އޭނައަށް އެ އަނިޔާ ދިން މީހާ އުޅެނީ މިނިވަންކޮށެވެ. ހަނާއަށް ކުރިވަރު އިތުރު މީހަކަށް ކޮށްލުމުގެ ފުރުސަތު ވެސް އޮތީ އެވެ.

މަންމަ ދެކެ ހަނާ ވަރަށް ލޯބިވެ އެވެ. އެކަކު ވެސް މަންމައާ ދިމާލަށް ބަހެއް ބުނާކަށް ވެސް ނޭދެ އެވެ. އެކަމަކު އޭރު އަޅާލަން ޖެހޭ ވަރަށް އަޅާނުލި ކަމާއި މައްސަލަ ކުރިއަށް ނުގެންދަން މަންމަ ބުނި ކަން ސިއްރުކުރާކަށް ހަނާ ބޭނުމެއް ނުވެ އެވެ. އެހެން ކުދިންގެ ހައްގުގަ އެވެ. އެ ވާހަކަ މަންމަ ގާތު ވެސް ހަނާ އެންމެފަހުން ބުނެފި އެވެ.

"މަންމަ މިހާރު ވަރަށް ސަޕޯޓިވް، ދެރަވެގެން ރޯންވެސް ރުއި،"

ހަނާ އެދެނީ މުއައްސަސާތަކުން އޭނާއަށް އިންސާފު ހޯދައި ދިނުމަށެވެ. މިކަހަލަ މައްސަލަތަކުގައި ހެކި ނެތިގެން ނުވަތަ މާބޮޑު ކަމަކަށް ނުވެ މުއައްސަސާތަކުގެ އަޅާލުން ނުލިބި ނިމިގެންދާ ގޮތަށް އޭނާގެ މައްސަލަ ދޫކޮށް ނުލުމަށެވެ. ސޯޝަލްމީޑިއާގައި ލިއުމުން އޭނާ ފުލުސް އޮފީހަށް ގެންދިއުމަށް ފަހު ބަޔާން ނެގުން ލަސްވެގެން ވެސް ހުރީ ކަންބޮޑުވެފަ އެވެ. މީޑިއާއާ މި ވާހަކަ ހިއްސާކޮށްފައި، ޖަހައިދޭނަންތޯ ތަކުރާރުކޮށް ސުވާލުކުރީ އެކަކު ވެސް އޭނާގެ ވާހަކަ ގަބޫލުކުރާނެ ކަމުގެ ޔަގީންކަމެއް ނެތުމުން ކަަމަށް ބުންޏެވެ.

ހަނާއަށް ކުރިމަތިވި ހިތްދަތިކަން ސޯޝަލްމީޑިއާގައި ހިއްސާކުރުމާ އެކު ލިބުނު މެސެޖްތަކުގައި، މި ހާލަތު ދިމާވެ ނުކުންނަން ފަސްޖެހިފައި ތިބިކަން ސާފުކޮށް ބައެއް މީހުން ބުންޏެވެ.

"އަޅުގަނޑަށް އިހްސާސްކުރެވުނީ މިކަހަލަ ކަމެއްގައި، އެހެން މީހަކު ނޫޅޭނެކަން އިންސާފު ހޯދައިދޭން. އެ މީހަކު އަމިއްލައަށް ތެދުވަން ޖެހޭނީ. އަޅުގަނޑު ސަލާމަތްކުރަން ހަމަ އެކަކު ވެސް ނައި،"

(މި ރިޕޯޓުގައި އަނިޔާ ލިބުނު ކުއްޖާގެ އަސްލު ނަން ބޭނުން ނުކުރީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން އެކަމަށް ހުރަސްއެޅޭތީ އެވެ.)