Advertisement

ކޮވިޑާ ގުޅުން ހުރި ކަމެއްގައި އުތުރު ކޮރެއާގެ އިސް ބަޔަކު މަގާމުން ވަކިކޮށްފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން.-- ފޮޓޯ: އޭއެފްޕީ


ކޮވިޑާ ގުޅުން ހުރި ކަމެއްގައި އުތުރު ކޮރެއާގެ އިސް ބަޔަކު މަގާމުން ވަކިކޮށްފި

ސޯލް، ދެކުނު ކޮރެއާ (ޖޫން 30) - ކޮވިޑާ ގުޅުން ހުރި "ބޮޑު ހާދިސާއެއް" ހިނގުމުން އުތުރު ކޮރެއާގެ ގިނަ އިސް އޮފިޝަލުންތަކެއް މަގާމުން ވަކިކޮށްފި އެވެ.

އަވައްޓެރި ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ބަލި އެތެރެވުން ހުއްޓުވުމަށް އުތުރު ކޮރެއާގެ ބޯޑަރުތައް ބަންދު ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އެ ގައުމުން މިހާތަނަށް އެއްވެސް ކޭސްއެއް ފެނިފައިވާ ކަމަށް ބުނެފައެއް ނުވެ އެވެ. ދައުލަތުގެ މީޑިއާ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ހިއްސާކުރި ތަފާސްހިސާބުން ވެސް ދައްކަނީ އުތުރު ކޮރެއާއިން ކޮވިޑުގެ އެންމެ ކޭސްއެއް ވެސް ނުފެންނަ ކަމަށެވެ.

ނަމަވެސް އޮފިޝަލުންތަކެއް ވަނީ "ގައުމާއި ރައްޔިތުންގެ ރައްކާތެރިކަން ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓޭނެ ފަދަ ބޮޑު ހާދިސާއެއް ހިނގަން މަގިފަހިކުރުވާފައި" ކަމަށް ލީޑަރު ކިމް ޖޮންގް އުން ވަނީ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިޔުރޯ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ކިމް އެގޮތަށް ވިދާޅުވި ކަމަށް ހަބަރު ފެތުރި ނަމަވެސް، އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅިގެން ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އެއާއެކު ތަކެތި ލިބުމުގައި ބޮޑެތި ދަތިތައް އެބަ ހުއްޓެވެ. އޭގެ އިތުރުން މިދިޔަ އަހަރު މޫސުން ގޯސްވެ، ދަނޑު ބިންތައް ހަލާކުވުމުން ކާބޯތަކެއްޗަށް ވެސް ވަނީ ޖެހިފަ އެވެ.