Advertisement

ނެދަލެންޑްސްގެ ކޯޗުކަމުން ޑި ބޮއާ ވަކިވެއްޖެ

29 ޖޫން 2021 - 20:05 0


ނެދަލެންޑްސްގެ ކޯޗުކަމުން ޑި ބޮއާ ވަކިވެއްޖެ

29 ޖޫން 2021 - 20:05 0

އަމްސްޓެޑަމް (ޖޫން 29) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ނެދަލެންޑްސް ކެޓިތާ ދެ ދުވަސް ފަހުން އެ ޓީމުގެ ކޯޗުގެ މަގާމުން ފްރެންކް ޑި ބޮއާ ވަކިވެއްޖެ އެވެ.

ޑި ބޮއާ އަކީ މި ފަހަރުގެ ޔޫރޯ އަށް ފަހު ވަޒީފާ ގެއްލުނު ފުރަތަމަ ކޯޗެވެ.

އުމުރުން 51 އަހަރުގެ ޑި ބޮއާ ނެދަލެންޑްސް ކޯޗުކަމާ ހަވާލުވިތާ އަހަރެއް ނުވަނިސް މަގާމުން ވަކިވީ ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު އެވެ. ޑި ބޮއާ ޓީމާ ވަކިވާން ނިންމީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ކެޓިއިރު، ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިތުބާރު އޭނާ އަށް ނެތްކަން އެނގުމުންނެވެ.

ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވެގެން ނޮކައުޓް ބުރަށް ދަތުރުކުރި ނެދަލެންޑްސް ކެޓީ ދެ ވަނަ ބުރުގައި ޗެކް ރިޕަބްލިކް އަތުން 2-0 އިން ބަލިވުމުންނެވެ. އެ މެޗުގެ ދެ ވަނަ ހާފްގެ ބޮޑުބައި ނެދަލެންޑްސް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ޒުވާން ޑިފެންޑަރު މަތައިސް ޑި ލިޓަށް ރަތް ކާޑު ދެއްކުމުންނެވެ. ޑި ލިޓް ވަނީ ބަލިވީ އޭނާގެ ސަބަބުން ކަމަށް ބުނެ މައާފަށް އެދިފަ އެވެ.

ނެދަލެންޑްސް ކޯޗަކަށް ކުރިން ހުރި ރޮނާލްޑް ކޫމަން ބާސެލޯނާއާ ހަވާލުވުމުން ޑި ބޮއާ އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ނެދަލެންޑްސް ޓީމަށް ޑި ބޮއާ ވަނީ 15 މެޗުގައި އިރުޝާދުދީފަ އެވެ. އަށް މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. އަދި ތިން މެޗުން ވަނީ ބަލިވެފަ އެވެ. ބަލިވީ އެކުވެރިކަމުގެ މެޗެއްގައި މެކްސިކޯ އަތުންނާއި ވޯލްޑް ކަޕް ކޮލިފައިންގައި ތުރުކީގެ އިތުރުން މި ފަހަރު ޗެކް ރިޕަބްލިކް އަތުންނެވެ.

ޑި ބޮއާ އަކީ ކޯޗިން ކެރިއަރުގައި އޭނާ އަށް ފަހަކަށް އައިސް ކުރަން ޖެހިފައިވަނީ ހިތި ތަޖުރިބާތަކަކާ އެވެ. ކޯޗިން ކެރިއަަރުގައި ފުރަތަމަ އަޔަކްސްއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރި ނަމަވެސް އިންގްލެންޑްގައި ކްރިސްޓަލް ޕެލަސް އަދި އިޓަލީގައި އިންޓަ މިލާން އަދި އެމެރިކާގެ އެޓަލަންޓާ ޔުނައިޓެޑްގައި ޑި ބޮއާގެ ރެކޯޑް އެންމެ ރަނގަޅެއް ނޫނެވެ. ކްރިސްޓަ ޕެލަސްގެ ކޯޗުކަމާ ހަވާލުވިތާ 77 ދުވަސް ތެރޭ ވަޒީފާ ގެއްލުނުއިރު، އިންޓައާ އެކު ޑި ބޮއާ އަށް ކޯޗިންގެ މަސައްކަތް ކުރެވުނީ އެންމެ 14 މެޗެވެ. އޭނާ ވަނީ އެ ޓީމުން ވެސް ވަކިކޮށްފަ އެވެ.