Advertisement

މަޔެއްގެ ޝުއޫރު: ލޮލުގެ ނޫރާ އެވެ! ހިތުގެ ވިންދާ އެވެ!


މަޔެއްގެ ޝުއޫރު: ލޮލުގެ ނޫރާ އެވެ! ހިތުގެ ވިންދާ އެވެ!

ފަތިސް ނަމާދުގެ ބަންގީގެ އަޑުގެ ކުޑައިރުކޮޅެއް ކުރިން އަހަރެންގެ ގަޑި ސޯނާވެ އެވެ! ތޫލި، މޫސިކީ އަޑަކުން އަހަރެންގެ ސޯނާގަޑި ގޮވާލަނީ ބައެއް ފަހަރު ގައިގައި ބައްދާލަމުންނެވެ. ބައެއް ފަހަރު އަތު ހުރި ބާރެއްލާ ގައިގައި ޖަހާލަމުންނެވެ. ގިނަ ދުވަސް ދުވަހު ތުއްތު އިނގިލިތަކުގެ ތެރޭ އަހަރެންގެ އިސްތަށިގަނޑު އޮޅާލައި، އަހަރެންގެ ލޯ، ދަރިފުޅުގެ ލޮލާ ދިމާވާނޭހެން މޫނު އަނބުރާލަމުން، ލޯބި ހިނިތުންވުމަކާއެކު "މަންމާއޭ! ތެދުވާށޭ!" ބުނާކަހަލަ ބެލުމަކުން ބަލާލަމުންނެވެ. އެވަރުން ވެސް އަހަރެންގެ ނިދިން ބަރާވެފައިވާ ލޯ ހުޅުވަން ދެކޮޅު ހަދައިފިއްޔާ އަހަރެންގެ އެސްފިޔައިގައި ހިފާ، ގަދަކަމުން ލޯ ހުޅުވާލަމުންނެވެ.

މިއީ ދުވަހުގެ އެންމެ އުފާވެރި އެއް ވަގުތުކޮޅެވެ. އަރާމު ނިންޖަކަށްފަހު ދަރިފުޅުގެ ހަށިގަނޑާއި ސިކުނޑި ތާޒާވެފައިވާ ވަގުތެވެ. ދަރިފުޅުގެ ދުވަހީ ތާވަލުގެ ތަރުތީބުން ގަޑި ހިނގާން ފެށުމުގެ ކުރިން ލިބޭ "މިނިވަން" ވަގުތު ކޮޅެވެ. އިއްޔެގެ "މެލްޓްޑައުން"ގައި ދަރިފުޅު އަތުން އަމިއްލައަށް ލިބުނު އެއްވެސް އަނިޔާއެއްގެ ނިޝާނެއް ވެސް ދަރިފުޅުގެ ގަޔަކު ނެތެވެ. އަދި ދަރިފުޅު ނިންދެމުވަށްފަހު މަންމަމެން ގަނޑުފެން އެޅި ތަންތަނުގައި އަޅާ ވޭނުގެ އިހުސާސް، ތިޔަ ހިނިތުންވުމުން ހަނދާން ނެތިކޮށްލައެވެ.

ހެނދުނުގެ ބުރަށް ތައްޔާރުވާން ކުސްތަޅަން ތިޔަ ފަށަނީ މާ އަވަހަށެވެ. މަޑުކޮށްލާށެވެ! އަދި ޕޮލިސް ޕާމިޓް ނުލިބެ އެވެ. ޕޮލިސް ޕާމިޓް މުހިއްމު މިންވަރު ދަރިފުޅަށް ފަހުމުވާނެ ހެއްޔެވެ؟ މިހާރު ދަރިފުޅުގެ ތާވަލުން ބުރުގެ ގަޑި ޖެހިއްޖެ އެވެ. ޕޮލިސް ޕާމިޓަކާއި ޕޮލިސް ޕާމިޓެއް ކަމަށްބަލާފަ ބުރު ޖަހަން ނައްޓާލަންވީ އެވެ.

ދަރިފުޅުމެން ކަހަލަ "ޚާއްޞަ" ކުދިންގެ ކަންކަމަށް އަދިވެސް މި ދިވެހިންގެ ލޮލެއް ނުހުޅުވޭދޯ އެވެ؟ ދެންމެ، މަންމަގެ ބުރަކަށީގައި ބޮލުން ދެތިން ފަހަރު ޖަހާލުމުން، "މި ޒަމާނުގެ ކުދިންނަށް ދަރިން ބަލާކަށް ނޭނގޭ ދޯއޭ" އެ ބުނީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމުގެ ހޭލުންތެރިކަން ހުރީތީ ބޭސްއަވީގައި ދުވަންދިޔަ މެދު އުމުރުގެ މީހެކެވެ. ދަރިފުޅު ހިތްހަމަނުޖެހުނީ ކީއްވެގެން ހެއްޔެވެ؟ މި ކާފިއުއަކާ ހެދި ދަރިފުޅު ބުރު ޖަހާ ގަޑީގައި މަގުމަތީ މާ ބައިބޯ ވީމާ ދޯ އެވެ؟ އެކަމަކު ކުރާނެ ކަމެއް ނެތެވެ. ދަރިފުޅާއި މަންމައާވެސް ޖެހޭނީ މި އާ އާދަތަކަށް ހޭނޭށެވެ. ދަރިފުޅަށް ކަންކަމަށް ހޭނެން ދަތިކަން މަންމަ ދަންނަމެވެ. ޙާލަތަކީ މަންމަގެ މުށުތެރޭ ވާ ކަމެއްނަމަ މުޅި ދުނިޔެވެސް ދައުރުވީހީ ދަރިފުޅުގެ އިރުޝާދަށެވެ.

ދަރިފުޅާ އެވެ! ތިޔަ ދުނިޔެއިން މަންމައަށް ޖާގައެއް ދީބަލާށެވެ. އަނގައިން ނުބުނެވުނަސް އިޝާރާތުން ނަމަވެސް ތިޔަ ހިތުގައި އުފެދޭ އުދާސްތަކާއި ތިޔަ ސިކުނޑީގައި ދައުރުކުރާ ޝުޢޫރުތައް ހިއްސާކޮށްބަލާށެވެ. ހިނިތުންވެލާ ފަހަރު ތިޔަ ހިނިތުންވާ ސަބަބު މަންމައަށް ބުނެދީބަލާށެވެ. ރޮއި ރޮއި ހަނާވާއިރު ތިޔަ ހިތުގަޖެހޭ ސަބަބު އަންގައިދީބަލާށެވެ. އަމިއްލައަށް ގޮށްމުއްކަވާފައި ގައިގައި ޖަހާއިރު ތަދުވާނީ ހަމަ ދަރިފުޅަށްކަން ނުވިސްނޭ ހެއްޔެވެ؟ މަގުމަތީ ދަމުން މަންމަގެ އަތުން ލޫދިގެން ދުއްވައިގަންނައިރު، އޭގެ ނުރައްކާ ނޭނގެނީ ހެއްޔެވެ؟ ހަރު ތަންތަނުގައި ބޮލުން ޖަހާލާ ކޮންމެ ފަހަރަކު މަންމަގެ ހިތުން ތަންކޮޅެއް ފުނޑުފުނޑުވެ އެވެ. އެކަމަކު މަންމަ ހިތްވަރު ކުރާނަމެވެ. މަންމަ އުއްމީދު ކަނޑާނުލާނަމެވެ. މިއީ މީގެ ހަތް އަހަރު ކުރިން އިންޑިޔާގެ ނިމްހާންސް ހޮސްޕިޓަލުން ދަރިފުޅުގެ ޙާލަތު މަންމައަށް ކިޔައިދިން ދުވަހު މަންމަ ކަނޑައެޅި ޢަޒުމެކެވެ.

މީގެ ނުވަ އަހަރުކުރި އެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ވިހާ ކޮޓަރި އެވެ. ވޭންވަރުގައި ސާޅީސް އަށްގަޑިއިރު ވާން އުޅެނިކޮށް ދަރުފުޅު މި ދުނިޔެއަށް ލޯހުޅުވާލި އެވެ. ފޫޅުމާ ފޫޅުވެސް ކަނޑާލުމުގެ ކުރިން ދަރިފުޅު މަންމަގެ ބަނޑުމަތީ ބާއްވާލުމާއެކު މި ތަޖުރިބާއަށް މަންމަ ތައްޔާރުތޯ ހިތާ ހިތުން ސުވާލުކޮށްލެވުނެވެ. އެހެންނަމަވެސް ދަރިފުޅުގެ ކުޑަކުޑަ އިނގިލިތަކުން މަންމަގެ ޝަހާދަތް އިނގިލީގައި "ބައްދާލީ" މަންމައަށް މިކަން ކުރެވޭނޭ ކަމުގެ ޔަޤީންކަމާއެކުގަ އެވެ. އެދުވަހު ހާދަ ހުވަފެނެއް ދުށީމެވެ. ހާދަހާ ގަނޑުވަރެއް ވައިގައި ކުރެހީމެވެ.

މިއަދު ވެސް މިހުރީ އެ ދުވަހު ދަރިފުޅު ދިން އިތުބާރުގައި ހިފައިގެންނެވެ. އެހެނަސް ހުވަފެންތައް "އެޑިޓް"ކޮށްފީމެވެ. ވައިގައި ކުރެހި ގަނޑުވަރުގެ ފަރުމާ ބަދަލުކޮށްފީމެވެ. އެކަމަކު އަދިވެސް ސާފު ބަހުން "މަންމާ"އޭ ގޮވާލާނޭ ދުވަހަކަށް އިންތިޒާރުކުރެވެނީ އުއްމީދަކީ ބޯހަރު އިހުސާސަކަށް ވާތީ ތޯއްޗެކެވެ.