Advertisement

ފެނަކައަށް ތުހުމަތުކުރި ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ނުބަލަން ނިންމައިފި

28 ޖޫން 2021 - 19:10 1

އަމަން ހަލީމް

އަމަން ހަލީމް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު: ފެނަކައިން ބުނަނީ ފިނޭންސުގެ ލަފާގެ މަތިން މައްސަލަތައް ހައްލުކުރަމުން އަންނަ ކަމަށް -- ފޮޓޯ: ފެނަކަ


ފެނަކައަށް ތުހުމަތުކުރި ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ނުބަލަން ނިންމައިފި

28 ޖޫން 2021 - 19:10 1

ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓާއި ރެކްރޫޓްމަންޓުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ފާހަގަވި ކަންކަން އިސްލާހުކުރަމުން އަންނާތީ އެ މައްސަލަ އިތުރަށް ނުބަލަން ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ފެނަކަ މައްސަލައިގައި އޭސީސީން ފޮނުވި ރިޕޯޓާ މެދު އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފަހު ނިންމީ، ފެނަކައިގެ ޕްރޮކިއުމަންޓް އަދި ރެކްރޫޓްމަންޓްގެ ތެރެއިން ފާހަގަވީ ކަންކަން އިސްލާހުކުރަން އެޅި ފިޔަވަޅުތައް ތަންފީޒުކުރަމުން އަންނާތީ އެ މައްސަލަ އިތުރަށް ނުބަލާށެވެ.

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވަނީ، މިކަމުގައި ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެޅި ފިޔަވަޅުތަކެއް އެނގުން މުހިއްމު ކަމަށާއި ބަލަންވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރޭތޯ ބެލުން ކަމަށެވެ.

ނާޝިޒް މިހެން ވިދާޅުވުމުން ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ވަނީ ފިނޭންސާއި ފެނަކައިގެ ސިޓީތަކުން އަޅާފައިވާ ފިޔަވަޅުތައް ސާފު ކަމަށެވެ. އަދި ފެނަކައަށް އިސްލާހުކުރަން އެންގި ކަންކަން އިސްލާހުކުރަމުން ދިޔުމާ ގުޅިގެން، ފެނަކައިގެ މައްސަލަ ވަކިން ބެލުމުގެ ބަދަލުގައި ޕީސީބީ މެދުވެރިކޮށް ހުރިހާ އެސްއޯއީތަކަކަކުން ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން އޭނާ ހުށައެޅުއްވި އެވެ.

ނައިބު މުގައްރިރުގެ ވާހަކަތަކަށް ކޮމިޓީގައި ދެން ތިއްބެވި މެމްބަރުން ވަނީ ތާއީދުކުރައްވާފަ އެވެ. އެ ހިސާބުން ކޮމިޓީން ވަނީ އެ މައްސަލަ އިތުރަށް ނުބަލަން ނިންމާފަ އެވެ.

ފެނަކަ ކޯޕަރޭޝަނާ ގުޅިގެން އޭސީސީއަށް މައްސަލަތައް ރިޕޯޓްކުރީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެގޮތުން 28 މައްސަލައެއް އޭސީސީއަށް ރިޕޯޓްކުރުމުން، އޭގެ ތެރެއިން 22 މައްސަލައެއް އޭސީސީން ބެލި އެވެ.

މައްސަލަ ބެލުމުގައި ފެނަކަ ތެރޭގައި، ކޮރަޕްޝަން ހިނގަމުންދާ ނުވަތަ ކޮރަޕްޝަނަށް ފަހިވާގޮތަށް ބައެއް ކަންކަން ހުރުމުން އޭސީސީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް މިކަންކަން ގެނެސްފަ އެވެ.

އޭސީސީން ރައީސް އޮފީހާ ހިއްސާކުރި ކަންކަމާއި ގުޅިގެން، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ފެނަކައިގެ ކަންކަން އިސްލާހުކުރަން ރައީސް އެންގެވި އެވެ. އެއާ ގުޅިގެން ފިނޭންސުން ވަނީ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް 13 ކަމެއް އިސްލާހުކުރަން ފެނަކައަށް އަންގާފަ އެވެ. އަދި މިކަންކަން އިސްލާހުނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކުންފުންޏަށް ސަރުކާރުން ދިނެވެ.

މި މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުތައް ރައްދުވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު "އަދަދު"އަށް ވިދާޅުވީ އޭނާ ވެސް ހިމެނޭ ގޮތަށް ކުންފުނީގެ މެނޭޖްމަންޓުން ކޮރަޕްޝަނެއް ނުހިންގާ ކަމަށާއި އެކަމަށް ހުޅުވިފައިވާ ހުރިހާ ދޮރުތައް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ސައީދާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތެއް އޭނާ ސިފަކުރެއްވީ، އޭނާގެ އަގު ވައްޓާލަން ދުރާލާ ބަޔަކު ރާވައިގެން ހިންގި ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގަ އެވެ.