Advertisement

ލީޑަރު ކިމް ހުންނެވީ ބަނޑަށް ޖެހިފައި ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ ޓީވީން ބުނެފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން.-- ފޮޓޯ: އޭއެފްޕީ


ލީޑަރު ކިމް ހުންނެވީ ބަނޑަށް ޖެހިފައި ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ ޓީވީން ބުނެފި

ސޯލް، ދެކުނު ކޮރެއާ (ޖޫން 28) - އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް ހުންނެވީ ކާން ނުލިބުމުގެ ސަބަބުން ހިކިވެ އަނަރޫފަވެފައި ކަމަށް ބުނެ އެ ގައުމުގެ ރައްޔިތަކު ދިން އިންޓަވިއުއެއް ދައުލަތުގެ ޓީވީން ދައްކައިފި އެވެ.

އުތުރު ކޮރެއާގައި ލީޑަރުގެ ސިއްހީ ހާލުކޮޅާއި ޒާތީ ދިރިއުޅުމާ ގުޅޭ ގޮތުން އާއްމުކޮށް ވާހަކަ ދެއްކުމަކީ މަނާ ކަމެކެވެ. އެހެންކަމުން ދައުލަތުގެ ޓީވީން އެފަދަ އިންޓަވިއުއެއް ދެއްކުމަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ވާނެ ކަމެއް ނޫނެވެ.

ވެރިރަށް ޕިޔޯންގްޔޭންގްގައި ދިރިއުޅޭ ނަން ހާމަ ނުކުރާ އާއްމު މީހަކު ކޭސީޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނީ ކިމްގެ ހާލަތާ މެދު ގައުމުގެ އެންމެން ތިބީ "ހިތް ފަޅައިގެން ގޮސްފައި" ކަމަށެވެ.

"އަޅުގަނޑުމެންގެ އިހުތިރާމް ލިބިފައިވާ ސެކެޓްރީ ޖެނެރަލް ހިކިވެ އަނަރޫފަވެފައިވާ މަންޒަރު ފެނުމަކީ އަޅުގަނޑުމެންގެ ހިތްތައް ފަޅައިގެންދާ ކަމެއް،" އެ މީހާ ބުންޏެވެ.

އެނެލިސްޓުން ބުނީ އެ އިންޓަވިއު ދެއްކުމުން އެނގިގެން ދަނީ ކިމްގެ ބަރުދަނަށް އަންނަ ބަދަލުގެ ބޭނުންކޮށްގެން އާއްމުންގެ ވަފާތެރިކަން އިތުރަށް ހޯދަން މަސައްކަތް ކުރަމުންދާކަން ކަމުގަ އެވެ. މި ދަނޑިވަޅަކީ އުތުރު ކޮރެއާއަށް ކާބޯތަކެތީގެ ދަތިކަން ދިމާވެފައިވާ ދަނޑިވަޅެކެވެ.

އޭގެ އިތުރުން ކިމްގެ ސިއްހީ ހާލަތަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ ނަޒަރު ވެސް މި ވަގުތު ވަނީ ހުއްޓިފަ އެވެ. އެއީ ކުއްލި ގޮތަކަށް ކިމް އަވަހާރަވެއްޖެ ނަމަ ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކާ މެދު ސުވާލު އުފެދޭނެތީ އެވެ.

ކިމްއަކީ ވަރަށް ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރައްވާ ބޭފުޅެކެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަރުދަން އިތުރުވަމުން ގޮސް، މިހާރު ކުއްލިއަކަށް އޭނާގެ ބަރުދަން ވަނީ ލުއިވާން ފަށާފައި ކަމަށް ފޮޓޯތަކުން ދައްކަ އެވެ.

އުތުރު ކޮރެއާއިން ފިލައިގެން ދެކުނު ކޮރެއާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އެނެލިސްޓު އާން ޗާން އިލް އޭއެފްޕީއަށް ބުނީ އުތުރު ކޮރެއާގެ ސަރުކާރުން މަސައްކަތް ކުރަމުން އެ ދަނީ ކިމްއަކީ ރައްޔިތުންނަށްޓަކައި ބޮޑެތި ގުރުބާނީތައްވާ ލީޑަރެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ.

ކިމްގެ ސިއްހީ ހާލަތާ މެދު ދުނިޔޭގައި ޝައުގުވެރިކަން އުފެދުނީ މިދިޔަ އަހަރުގެ ކާފާފުޅުގެ އުފަންދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނެވުމުންނެވެ. އޭގެ އިތުރުން 20 ދުވަސް ވަންދެން އާއްމުންނަށް ކިމް އެއް ގޮތަކަށް ވެސް ފެނިފައެއް ނުވެ އެވެ.

ކިމްގެ ކާފާފުޅު ކިމް އިލް ސުންގް އާއި ބައްޕާފުޅު ކިމް ޖޮންގް އިލްއަކީ ވެސް ވަރަށް ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރެއްވި، ބަރުދަން އިތުރު ދެ ބޭފުޅުންނެވެ. އެ ދެ ލީޑަރުން ވެސް އަވަހާރަވީ ކުއްލިއަކަށް ހާޓް އެޓޭކް ޖެހިގެންނެވެ.