Advertisement

ބައި ބިލިއަން ޑޮލަރުގެ ޑްރަގްސް މިޔަންމާގައި ނައްތާލައިފި

މަސްތުވާތަކެތި ނައްތާލާފައިވަނީ މިޔަންމާގެ ވެރިރަށް ޔަންގޯންގައި.-- ފޮޓޯ: އޭއެފްޕީ


ބައި ބިލިއަން ޑޮލަރުގެ ޑްރަގްސް މިޔަންމާގައި ނައްތާލައިފި

ޔަންގޯން، މިޔަންމާ (ޖޫން 26) - ކޮވިޑާ ގުޅިގެން މަސްތުވާތަކެތި އުފުލުމަށް ދިމާވި ގޮންޖެހުންތަކަށް އާދަވާން ފަށާފައިވާ ކަމަށް ބެލެވޭ މި ދަނޑިވަޅުގައި މިޔަންމާގައި ބައި ބިލިއަން ޑޮލަރު މަސްތުވާތަކެތި ނައްތާލައިފި އެވެ.

ނައްތާލި ބާވަތްތަކުގެ ތެރޭގައި ކެނެބިސް، ހިރޮއިން، ކެޓަމީން، ޓްރެމެޑޯލް އަދި އައިސް ހިމެނެ އެވެ. އެ ތަކެތި ނައްތާލީ ކޮންމެ އަހަރަކު ފާހަގަކުރާ ދުނިޔޭގެ މަސްތުވާތަކެތީގެ ދުވަހާ ދިމާކޮށް މިއަދު އެވެ. އެންޓި ޑްރަގް ފުލުހުން ބުނީ ޔަންގޯންގެ އިތުރުން ޝާން ސްޓޭޓުގެ މަންޑަލޭ އަދި ތައުންގުއީގައި ބޭއްވި ހަފްލާތަކަކަށް ފަހު ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލި ކަމަށެވެ.

އެ ތިން ސިޓީގައިގައި ޖުމްލަ 224 މިލިއަން މެތް ޓެބްލެޓު ހިމެނޭ ގޮތަށް 668 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ނައްތާލާފައި ވެ އެވެ.

އދ. އިން މި މަހުގެ ކުރީކޮޅު ބުނީ ކޮވިޑާ ގުޅިގެން ދަތުރު ކުރުމުގައި ހުރަސްތައް ހުރި ނަމަވެސް އިރުމަތީ އަދި ދެކުނު އިރުމަތީ އޭޝިއާގައި މެތަމްފެޓަމައިންގެ މާރުކޭޓް ފުޅާވެފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ގައުމުތަކަށް އުފުލާ މެތް އުފައްދަނީ މިޔަންމާގެ ޝާން ސްޓޭޓުގައި ކަމަށާއި އޮސްޓްރޭލިއާ އާއި ޖަޕާނު ފަދަ ގައުމުތަކަށް ވެސް އެ ތަކެތި ސްމަގްލް ކުރާ ކަމަށް އދ. އިން ބުންޏެވެ.

މިޔަންމާ އާއި ލާއޯސް އަދި ތައިލޭންޑު ހިމެނޭ "ގޯލްޑަން ޓްރައިއޭންގަލް" ގެ ގޮތުގައި މަޝްހޫރު ސަރަހައްދަކީ ދެކުނު އިރުމަތީ އޭޝިއާގައި މަސްތުވާތަކެތީގެ މައި މަރުކަޒެވެ.