Advertisement

ކަވާނީގެ ގޯލާ އެކު އުރުގުއޭ ކުއާޓާ ފައިނަލަށް

25 ޖޫން 2021 - 09:45 0

ލަނޑު ޖެހުމަށް ފަހު ކަވާނީ އުފާފާޅުކުރަނީ.


ކަވާނީގެ ގޯލާ އެކު އުރުގުއޭ ކުއާޓާ ފައިނަލަށް

25 ޖޫން 2021 - 09:45 0

ކުޔަބާ، ބްރެޒިލް (ޖޫން 25) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އެޑިންސަން ކަވާނީގެ ގޯލާ އެކު 2-0 އިން ބޮލިވިއާ ބަލިކޮށް އުރުގުއޭ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ރޭ އުރުގުއޭ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައި އަނެއް ބުރުން ފުރުސަތު ހޯދިއިރު، ގްރޫޕް އޭ އިން ކުއާޓާ ފައިނަލުގެ ހުރިހާ ޖާގައެއް ވަނީ ކަށަވަރުވެފަ އެވެ. ކޮޕަ އެމެރިކާގެ ދެ ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ވާދަކުރާއިރު، ހަތަރު ޓީމެއް ކުއާޓާ ފައިނަލަށް ދާނެ އެވެ. އުރުގުއޭ އަތުން ވަލިވެ ބޮލިވިއާ ވަނީ ކަޓައިފަ އެވެ.

ގްރޫޕް އޭގެ އެއް ވަަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އާޖެންޓީނާ އެެވެ. ދެ ވަަނައިގައި އޮތީ ރޭ 2-0 އިން ޗިލީ ބަލިކުރި ޕެރަގުއޭ އެވެ. ޕެރަގުއޭ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކު ޗިލީ އެވެ. އަދި ހަތަރެއްގައި އޮތް އުރުގުއޭ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ބޮލިވިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ފުރަތަމަ ދެ މެޗުން އުރުގުއޭ ވަނީ އާޖެންޓީނާ އަތުން ބަލިވެ، ޗިލީއާ އެއްވަރުވެފަ އެވެ. އެހެންވެ ރޭގެ މެޗުން މޮޅުވުން އޮތީ މަޖުބޫރުވެފަ އެވެ.

އުުރުގުއޭ އިން ރޭގެ މެޗުގައި ލީޑުނެގީ 40 ވަނަ މިނިޓްގައި ބޮލިވިއާގެ ޖެއިރޯ ކީންޓޭރޯސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ އުރުގުއޭގެ ޖިއޯޖިއަން ޑީ އަރަސްކައޭޓާ ނެގި ހުރަހެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކީންޓޭރޯސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ކަވާނީ އުރުގުއޭގެ ދެ ވަނަ ގޯލު ޖެހީ މެޗު ނިމެން 11 މިނިޓަށް ވެފައި ހުއްޓަ އެވެ. މި މެޗުގައި ކަވާނީ އަތުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ގެއްލުނުއިރު، އޭނާ ގޯލު ޖެހީ 79 ވަނަ މިނިޓްގައި ފަކުންޑޯ ޓޮރޭޒް ނަގައިދިން ހުރަހަކުންނެވެ. މިއީ ގައުމީ ޓީމަށް ކުޅެދިން 121 މެޗުން ކަވާނީ އެ ޓީމަށް ޖަހައިދިން 52 ވަނަ ގޯލެވެ.

މި ގްރޫޕްގައި ބާކީ ނުކުޅެ އޮތީ ދެ މެޗެވެ. ފަހު ދެ މެޗަށް ބަލާއިރު، ގްރޫޕްގެ މަގާމުތައް ކަނޑައަޅަން މި ދެ މެޗު މުހިއްމެވެ. އެ މެޗުތަކުގައި އުރުގުއޭ ކުޅޭނީ ޕެރަގުއޭއާ ދެކޮޅަށެވެ. އަދި އާޖެންޓީނާ ބައްދަލުކުރާނީ ބޮލިވިއާއާ އެެެވެ. މި ގްރޫޕްގެ ހަތަރު ވަނައިގައި އުރުގުއޭ ނިންމައިފިނަމަ ކުއާޓާގައި ކުޅެން ޖެހޭނީ ގްރޫޕް އޭގެ އެއް ވަނަ ކަށަވަރު ކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލާ ދެކޮޅަށެވެ.