Advertisement

ކުއްޖާގެ މަރުގެ ހަބަރު ފެތުރިގޮތުން ނޫހެއް ޖޫރިމަނާކޮށް، ބައެއް މީޑިއާތަކަށް އިންޒާރުދީފި

24 ޖޫން 2021 - 16:35 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ނޫސްވެރިންތަކެއް: ދާދިފަހުން މަރާލި 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ހަބަރު ފެތުރުމުގައި ސަމާލު ވުމަށް އިލްތިމާސް ކޮށްފި-- ފޮޓޯ/ އަދަދު


ކުއްޖާގެ މަރުގެ ހަބަރު ފެތުރިގޮތުން ނޫހެއް ޖޫރިމަނާކޮށް، ބައެއް މީޑިއާތަކަށް އިންޒާރުދީފި

24 ޖޫން 2021 - 16:35 1

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގެ ހަބަރު ފެތުރި ގޮތުން ނޫހެއް ޖޫރިމަނާކޮށް، ބައެއް މީޑިއާތަކަކަށް ޖެންޑާ މިނިސްޓްރީން މިއަދު އިންޒާރު ދީފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާކުރީ "އަވަސް" ނޫހެވެ. އެ ނޫސް ޖޫރިމަނާކުރީ 2،000 ރުފިޔާއިންނެވެ. މީގެއިތުރުން ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ފަތުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތިން މީޑިއާއަކަށް ވަނީ ދީފަ އެވެ.

މިއީ، މިދިޔަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މީޑިއާއަކާ މެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

އެ ގާނޫނުގައި ބުނާ ގޮތުން އެކި ކުށްތަކުގައި ތުހުމަތު ކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ސަަބަބުތަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމް ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް އާއްމެއް ނުކުރެވޭނެ އެވެ. ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އާއްމުކުރާ މައުލޫމާތުތަކާ ގުޅިގެން ފިޔަވަޅު އަޅަން ގާނޫނު ލާޒިމްކޮށްފައިވެ އެވެ.

"އަވަސް" ނޫހުގެ ފީޗާ އެޑިޓަރު އަހުމަދު ހަމީދު އާދަމް ވިދާޅުވި ގޮތުގައި، ފިޔަވަޅު އަޅާފައިވަނީ ތަހުގީގެއް ނުވަތަ ސުވާލެއް ކުރުމެއް ނެތި އެވެ. އެ ނޫހަށް އަންގާފައިވަނީ އެ މައްސަލާގައި މާފަށް އެދި، އެކަން ޝާއިއުކުރުމަށް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި، އެ ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެކެވެ.

މިފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފި ނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ އާންމުންނަށް ހިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއް ނަމަ، ލައިސެންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެ ކަމަށް ގާނޫނުގައިވެ އެވެ.

މި މާއްދާގެ ދަށުން ފިޔަވަޅެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބެނީ ދެ ހާލަތެއްގަ އެވެ. ފުރަތަމަ ހާލަތަކީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމެވެ. ދެވަނަ ހާލަތަކީ އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ ކަންކަމަށް ހިތްވަރުދިނުމުނެވެ.

މި ދެ ހާލަތުގައި ވެސް ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓަރަށް ލިބެނީ އެކަން ތަހުގީގުކޮށްފައި ކަމަށް ގާނޫނުގައިވެ އެވެ. ތަހުގީގެއް ހިންގާ ނަމަ، އެޑްމިނިސްޓްރޭޓިވް ފިޔަވަޅު އެޅުމުގެ އުސޫލުތައް ހިނގާނެ ކަމާއި އެންމެ އަސާސީ ކަމަކީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން ކަމަށްވެ އެވެ.

"އަވަސް"ގެ އިތުރުން އެހެން ބައެއް މީޑިއާތަކަށް ވަނީ އިންޒާރުގެ ސިޓީ ފޮނުވައިފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން މީޑިއާތަކަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވާ ގޮތުން، ކުޑަކުދިންގެ ހައްގުތަކަށާއި ކަރާމަތަށް އުނިކަން އަންނަ ފަދަ މައުލޫމާތު އާއްމުކުރާ ނަމަ އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކުއްޖާގެ މައްސަލާގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ވެސް މީޑިއާތަކަށް އިންޒާރު ދީ ބަޔާނެއް ނެރުނެވެ. ކުއްޖާގެ ކަރާމާތަށް ގެއްލުންވާ މައުލޫމާތުތައް ބައެއް މީޑިއާތަކުން އާންމުކުރާ ކަމާއި އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، ޖެންޑާ މިނިސްޓްރީން އެއްވެސް ތަހުގީގެއް ނެތި "އަވަސް" ޖޫރިމަނާކޮށްފައިވާތީ އެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ އެއްވެސް ތަހުގީގެއް، ސުވާލެއް ކުރުމެއް ނެތި މީޑިއާތައް ޖޫރިމަނާކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މީޑިއާތައް ޖޫރިމަނާކުރިމަކީ ކަމުގެ ހައްލު ނޫން ކަމަށެވެ. އަދި، އެކަމުގައި އެ ކައުންސިލާ މަޝްވަރާނުކުރާތީ ވެސް ޝަހުބާން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.