Advertisement

ބްރިޓްނީ އެދުނީ ބައްޕަގެ ކޮންޓްރޯލުގެ ދަށުގައި އުޅެން ޖެހޭ "ގާޑިއަންޝިޕް" ނިމުމަކަށް ގެންނަން

"ފްރީ ބްރިޓްނީ" ކެމްޕެއިންގެ ޕޯސްޓަރެއް.-- ފޮޓޯ: އޭއެފްޕީ/ ފްރެޑެރިކް ޖޭ ބްރައުން


ބްރިޓްނީ އެދުނީ ބައްޕަގެ ކޮންޓްރޯލުގެ ދަށުގައި އުޅެން ޖެހޭ "ގާޑިއަންޝިޕް" ނިމުމަކަށް ގެންނަން

ލޮސް އެންޖެލިސް، އެމެރިކާ (ޖޫން 24) - އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒްގެ ހުރިހާ ކަމެއް އޭނާގެ ބައްޕައަށް ކޮންޓްރޯލް ކުރެވޭ ގޮތަށް 2008 ވަނަ އަހަރުން ފެށިގެން ދީފައިވާ "ގާޑިއަންޝިޕް" ނިމުމަކަށް ގެންނަން ކޯޓުގައި އޭނާ އެދެފި އެވެ.

"އަހަރެން ބޭނުން ވަނީ އަހަރެންގެ ދިރިއުޅުން އަނބުރާ ހޯދަން. މިހާރު 13 އަހަރުވެއްޖެ، މާ ގިނަ ދުވަސްވެއްޖެ،" ކޯޓުގައި ވީޑިއޯ މެދުވެރިކޮށް ދިން 20 މިނެޓުގެ ބަޔާނުގައި ބްރިޓްނީ ބުންޏެވެ. އޭރު ބްރިޓްނީގެ ސަޕޯޓަރުން ދިޔެއީ ކޯޓުގެ ބޭރުގައި އޭނާއަށް ތާއީދުކޮށް އަޑުގަދަ ކުރަމުންނެވެ.

މީގެ 10 އަހަރު ކުރިން އުމުރުން 39 އަހަރުގެ ބްރިޓްނީއަށް ނަފްސާނީ މައްސަލައެއް ދިމާވުމާ ގުޅިގެން އޭނާގެ މާލީ ކަންކަމާއި ޒާތީ ކަންކަން ކޮންޓްރޯލް ކުރުމުގެ ބާރު ކޯޓުން ދީފައި ވަނީ ބައްޕަ ޖޭމީ ސްޕިއާޒް އަށެވެ. ބްރިޓްނީގެ ސަޕޯޓަރުން ވަނީ އެކަން ނިމުމަކަށް ގެންނަން "ފްރީ ބްރިޓްނީ" ކެމްޕެއިން ފަށާފަ އެވެ.

ކޯޓުގައި އިއްޔެ ދިން ބަޔާނުގައި ބްރިޓްނީ ބުނީ ގާނޫނީ ގޮތުން އޭނާގެ ކޮންޓްރޯލް ބައްޕައާ ހަވާލުކޮށްފައި ވާތީ އޭނާ "ޓްރޮމަޓައިޒް" ވެފައިވާ ކަމަށާއި ޑިޕްރެޝަނާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"އަހަރެން އުފަލެއް ނުވޭ. އަހަންނަކަށް ނުނިދޭ. އަބަދުވެސް ހުންނަން ޖެހެނީ ރުޅިގަދަވެފައި،" ކޮންމެ ދުވަހަކު ރޯން ޖެހޭކަން ފާހަގަކުރަމުން ބްރިޓްނީ ބުންޏެވެ.

"ގާޑިއަންޝިޕާ" ގުޅޭ ގޮތުން ބްރިޓްނީ މީގެ ކުރިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކާފައި ވަނީ ވަރަށް މަދުންނެވެ. ނަމަވެސް ވަކީލު ސެމުއެލް އިންގްހަމް މިދިޔަ އޭޕްރިލް މަހު ބުނީ ކޯޓުގައި ކުރިއަށްދާ މައްސަލާގައި ބްރިޓްނީ ވާހަކަދައްކަން ބޭނުންވާ ކަމަށެވެ.

ބްރިޓްނީ އާއި އޭނާގެ ބައްޕައާ ދެމެދު ގާތް ގުޅުމެއް ނޯވެ އެވެ. ގާޑިއަންޝިޕްގެ ދަށުން އޭނާގެ ބެލެނިވެރިޔާގެ މަގާމުން ބައްޕަ ދުރުކުރަން ބްރިޓްނީ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރު އެވެ. ބްރިޓްނީ އެދުނީ އޭނާގެ މާލީ ކަންކަން ބެލެހެއްޓުން މާލީ ކުންފުންޏަކާ ހަވާލު ކުރާށެވެ.

ވަކީލު އިންގްހަމް ބުނީ ބްރިޓްނީ އޭނާގެ ބައްޕަ ދެކެ "ބިރު ގަންނަ" ކަމަށެވެ. ނިއު ޔޯކް ޓައިމްސްއިން އިއްޔެ އާއްމު ކުރި ސިއްރު ކޯޓު ލިޔުންތަކުގައިވާ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ބްރިޓްނީގެ ބައްޕަ އަންނަނީ ގާޑިއަންޝިޕް ބޭނުންކޮށް އޭނާ ކޮންޓްރޯލް ކުރަމުންނެވެ.

އެގޮތުން އެކުވެރިންނާއި ލޯބިވެރިން ހިޔާރު ކުރުމާއި، ފައިސާ ހޭދަކުރާނެ ގޮތާއި ބަދިގޭގެ ކަބަޑުތަކުގެ ކުލަ ހިޔާރު ކުރުމުގައި ވެސް ބްރިޓްނީގެ އަމިއްލަ ބާރު ނެތް ކަމަށް ބުނެފައި ވެ އެވެ.

މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނީ ފެބްރުއަރީ މަހު ނެރުނު ޑޮކިޔުމެންޓްރީ "ފްރޭމިންގް ބްރިޓްނީ ސްޕިއާޒް" އަށް ފަހު އެވެ.

ބްރިޓްނީ ހުސް ފަޔާ ގޭސް ސްޓޭޝަނެއްގައި ހުރި މަންޒަރު ޕަޕަރާޒީންގެ ކެމެރާތަކަށް އަރައި، ބޯ ބޭލީ 2006 ވަނަ އަހަރު ކެވިން ފެޑެލީންއާއެކު އޮތް ކައިވެނި ރޫޅި، ޖެހިގެން އައި އަހަރު ތިން ދަރިންގެ ބެލެނިވެރިކަން ގެއްލުމަށް ފަހު އެވެ.