Advertisement

ކުދި ވިޔަފާރިތަކަށް އެސްޑީއެފްސީން މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ދޫކުރަނީ

23 ޖޫން 2021 - 14:18 0

އަމަން ހަލީމް

އަމަން ހަލީމް

މަޖީދީމަގުގެ ފިހާރަތަކެއް: ކުދިއަދި މެދުފަންތީގެ ވިޔަފާރިފުޅާކުރަން ސަރުކާރުން މިއަދު ވަނީ މިލިއަންރުފިޔާއާ ހަމައަށް ލޯން ސްކީމެއް ތައާރަފްކޮށްފައި.


ކުދި ވިޔަފާރިތަކަށް އެސްޑީއެފްސީން މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ދޫކުރަނީ

23 ޖޫން 2021 - 14:18 0

ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން އިގުތިސޯދަށް އައިސްފައިވާ ހީނަރުކަމުން ވިޔަފާރިތައް އަރައިގަތުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއް މިއަދު ތައާރަފުކޮށްފި އެވެ.

ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނަކީ ސަރުކާރުގެ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ މަސައްކަތުގެ ތެރެއިން، ސަރުކާރުން ތައާރަފުކުރި ދެ ލޯނުގެ ތެރެއިން އެއް ލޯނެވެ. އަނެއް ލޯނަކީ ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނެވެ.

ކޮވިޑް-19 ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނާ ގުޅޭ މައުލޫމާތު: އިންފޯގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)


މި ލޯން ލިބޭ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ/ރެސްޓޯރަންޓްތަކާއި، ޖިމްތަކާއި، ސެލޫންތަކާއި ގެސްޓްހައުސް ވިޔަފާރިތަކަށެވެ.

ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު: ހާއްސައީ އެންމެ ކުދި ވިޔަފާރިތަކަށް

އެސްޑީއެފްސީގެ ސަސްޓެއިނެބަލް ލޯނަކީ މިހާރު ހިނގަމުންދާ އެންމެ ކުދި ވިޔަފާރިތަކަށް ހާއްސަ ލޯނެކެވެ.

މި ލޯނުތައް ދޫކުރަނީ ތިން ޕެކޭޖެއްގެ ދަށުންނެވެ. އެއީ ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށާއި، ވިޔަފާރި ހިންގަން ބޭނުންވާ ފައިސާ (ރަނިން ކެޕިޓަލް) އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމަށް ލޯނު ދޫކުރާ ޕެކޭޖްތަކެކެވެ. ވިޔަފާރި ފުޅާކުރުމަށް ދޫކުރާ ލޯނު ޕެކޭޖްގެ ތެރެއިން ވިޔަފާރިތަކަށް ފަންނީ ލަފާ ދިނުން ހިމެނެ އެވެ.

މި ލޯން ސްކީމްގެ ތެރެއިން ގިނަވެގެން ވިޔަފާރިއަކަށް ދޫކުރެވެނީ އެއް މިލިއަން ރުފިޔާ އެވެ. އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. ރަހުނަކާ ނުލާ ދޫކުރާ މި ލޯނުތައް އަނބުރާ ދައްކަން ފަސް އަހަރާއި އަށް އަހަރު ދުވަހުގެ މުއްދަތެއް ލިބެ އެވެ. އަދި ވިޔަފާރި ފުޅާކުރަން ހާއްސަ ލޯން ޕެކޭޖް ފިޔަވާ އެހެން ލޯނަކަށް އެދޭނަމަ އިކުއިޓީ ބަހައްޓާކަށް ނުޖެހެ އެވެ.

ލޯނަށް ހުށައަޅާ ވިޔަފާރިތަކުގެ ހުންނަންޖެހޭ ޝަަރުތުތައް:

  1. 2018 އިން ފެށިގެން 2020 އަށް ތިން އަހަރު ފައިދާ ވެފައިވާ ވިޔަފާރިއަށް ވުން
  2. މިދިޔަ އަހަރު ތެރޭގައި އެއްވެސް ލޯނެއް ޑީފޯލްޓް ވެފައި ނުވުން
  3. މިހާރު ލޯނެއް ނަގާފައިވާނަމަ، އާ ފެސިލިޓީގެ ތެރެއަށް ތާވަލުކުރެވޭ
  4. ވޭތުވެ ދިޔަ އަހަރު މެދުނުކެނޑި ވިޔަފާރި ކުރުން

މި ލޯނުތަކަށް އެދެން ހުޅުވާލަނީ އަންނަ ޖުލައި މަހުން ފެށިގެންނެެވެ.

އިސްކަން ދެނީ ލޮކްޑައުންގެ އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކަށް

މި ލޯން ސްކީމްތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އެންމެ އިސްކަންދޭނީ ލޮކްޑައުން އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކަށް ކަމަށެވެ. އަދި މިފަހަރުގެ ލޯނު ޕެކޭޖްތައް ބައްޓަން ކުރީ އެސްޑީއެފްސީގެ ބިޒްނަސް ކްލިނިކް ހިދުމަތް ވިޔަފާރިތަކަށް ފަންނީ ލަފާ ލިބޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

މި ހިދުމަތުގެ ތެރެއިން ދެވޭ ބިޒްނަސް ކޮންސަލްޓަންސީ މަޝްވަރާތަކަށް ފަހު ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ނުގެންދެވޭ ވިޔަފާރިތަކަށް އެހެން ވިޔަފާރިއަކަށް ބަދަލުކުރަށް މަޝްވަރާކުރެވޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

މިފަހަރުގެ ލޯން ސްކީމްގައި އެންމެ ބޮޑަށް އިސްކަން ދެނީ ލޮކްޑައުންގައި އެންމެ ބޮޑަށް އަސަރުކުރި ވިޔަފާރިތަކަށް ކަަމުން މާލެ ސަރަހައްދުގެ ވިޔަފާރިތަކާއި ގިނަ ދުވަހު ލޮކްޑައުންގައި ހުރި އެހެން ރަށްތަކުގެ ވިޔަފާރިތަކަށް އިސްކަން ދެވޭނެ އެވެ. އަދި ބަންދުކުރަން މަޖުބޫރުވި ޖިމްތަކާއި ސެލޫންތައް ފަދަ ގާތުން ހިދުމަތްދާ ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓްތަކަށް ހާއްސަ އަހައްމިއްޔަތެއް ދޭނެ އެވެ.