Advertisement

ރަޝިޔާ ވެކްސިން ގަންނަން އެއްބަސްވުމުގައި އަދި ސޮއި ވެސް ނުކުރެވޭ

23 ޖޫން 2021 - 11:50 5

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް: ރަޝިއާ ވެކްސިން ގަންނަ އެއްބަސްވުމުގައި ސޮއި ކޮށްފި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، އެކަން އަދި ނުވާކަމަށް އެޗްޕީއޭއިން ބުނޭ. -ފޮޓޯ: އެޗްޕީއޭ


ރަޝިޔާ ވެކްސިން ގަންނަން އެއްބަސްވުމުގައި އަދި ސޮއި ވެސް ނުކުރެވޭ

23 ޖޫން 2021 - 11:50 5

ކޮވިޑާ ދެކޮޅަށް ރަޝިއާއިން އުފައްދާފައިވާ ވެކްސިން ގަންނަން އެއްބަސްވުމުގައި އަދި ސޮއި ވެސް ނުކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްސް އޭޖެންސީ (އެޗްޕީއޭ)އިން ރޭ ބުނެފި އެވެ.

ކޮވިޑް ވެކްސިން ރާއްޖޭގައި ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

ނަމަވެސް ސިންގަޕޫރު ކުންފުނިން ގަތް ވެކްސިން ލިބުން ލަސްވެގެން، ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ 200،000 ޑޯޒް ގަންނަން ނިންމި އެވެ.

އަދި އެ ވެކްސިން ގަތުމުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މި މަހުގެ އެއް ވަނަ ދުވަހު "އަދަދު"އަށް ވަނީ ވިދާޅުވެފަ އެވެ.

އެ ވެކްސިންގެ މައުލޫމާތު ހޯދުމަށް ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނެތް ކަމަށެވެ.

"އެއްބަސްވުމުގައި ސޮއި ކުރުމާއި ކަންތައްތައް އަަދި ކުރިއަށް ނުދޭ،" ނަޒްލާ ވިދާޅުވި އެވެ.

ނަމަވެސް، އެކަން ހުއްޓިފައިވާ ސަބަބެއް ނަޒްލާ ވިދާޅެއްނުވެ އެވެ.

ސިންގަޕޫރުގެ ކުންފުނިން ގަތް ވެކްސިނާ ގުޅޭ ގޮތުން ނަޒްލާ ވިދާޅުވީ އެ ވެކްސިން އަންނަ މަހު ލިބެން ފެށޭނެ ކަމަށާއި، އެ ވެކްސިން ލިބުމާއެކު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ސިންގަޕޫރުން ގަނެފައިވަނީ އެސްޓްރާޒެނެކާ ވެކްސިން ނަމަވެސް، ކޮވިޝީލްޑް ވެކްސިން ދީފައިވާ މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ބޭނުންކުރެވޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ލަފަޔާއެކު އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

ދެ ކުންފުންޏެއްގެ ވެކްސިން އިން ދެ ޑޯޒް ހަމަކުރުމަކީ މައްސަލައެއް ނޫން ކަމަށް ބޭރުގެ ބައެއް ދިރާސާތަކުން ދެއްކި ނަމަވެސް، ރާއްޖޭގައި އެކަން ނުކުރާނެ ކަމަށް ޑރ. ނަޒްލާ ރޭ ވިދާޅުވި އެވެ.