Advertisement

ފިޔަވަޅު އަޅަން ޖެހެނީ ކޮން ބަޔަކަށް ކަން ރިޕޯޓުގައި ނެތުމުން އެޗްއާރުސީއެމްގެ ކަންބޮޑުވުން!

22 ޖޫން 2021 - 12:05 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގެ: މިޝްކާ އަށް ފަރުވާ ފޯރުކޮށްދިނުމުގައި ލަސްވި މައްސަލައިގައި ޒިންމާވާން ޖެހޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވި. -- ފޮޓޯ/ އަދަދު


ފިޔަވަޅު އަޅަން ޖެހެނީ ކޮން ބަޔަކަށް ކަން ރިޕޯޓުގައި ނެތުމުން އެޗްއާރުސީއެމްގެ ކަންބޮޑުވުން!

22 ޖޫން 2021 - 12:05 0

ފަރުވާ ލަސްވެ، ކޮވިޑުގައި ފާތުމަތު މިޝްކާ މަރުވި މައްސަލައިގެ އިހުމާލަށް ފިޔަވަޅު އަޅަން ޖެހެނީ ކޮން ބައަކަށް ކަމާއި އަޅަން ޖެހެނީ ކޮން ކަހަލަ ފިޔަވަޅުތަކެއް ކަން ހެލްތު މިނިސްޓްރީގެ ކޭސް ރިޕޯޓުގައި ނެތް ކަމުގެ ކަންބޮޑުވުން ހިއުމަން ރައިޓްސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ޖެންޑަ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގައި ފާޅުކޮށްފި އެވެ.

އެޗްއާރުސީއެމާއި ހެލްތު މިނިސްޓަރު މުހައްމަދު ނަސީމާ އެކު ބޭއްވި ބައްދަލުވުމުގައި، އެޗްއާރުސީއެމުން ވަނީ މިޝްކާގެ މަރާ ގުޅޭ ގޮތުން އެ ކޮމިޝަނުން ހޯދި ބައެއް ކަންކަން ހިއްސާކޮށްފަ އެވެ.

މިޝްކާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަމުން އަންނަ އިރު އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަން ކިޔައިދެއްވަމުން ކޮމިޝަންގެ މެމްބަރު މޫމިނާ ވަހީދު ވިދާޅުވީ އެމްބިއުލަންސްގައި ސީޕީއާރެއް ނުދޭ ކަމަށެވެ. އަދި ހެލްތުން ނެރެފައިވާ ކޭސް ރިޕޯޓާއި އައިޖީއެމްއެޗުގެ ރިޕޯޓުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަފްސީލް ރިޕޯޓެއް ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި ރިޕޯޓުގައި އޮތީ ފިޔަވަޅު އަޅަން ޖެހޭ ވާހަކަ އެވެ. އެކަމަކު، ކޮން ބައަކަށް ކަން ނެތް ކަމަށް ވިދާޅުވި އެވެ.

މިޝްކާގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

އެޗްއާރުސީއެމަށް ލިބިފައިވާ އައިޖީއެމްއެޗުގެ ރިޕޯޓުގެ ތަފްސީލްތައް ކޮމިޓީގައި ކިޔައިދެއްވަން ފެއްޓެވެމުން މިނިސްޓަރު ނަސީމް ވިދާޅުވީ ހެލްތުގެ ރިޕޯޓާ މެދު މަޝްވަރާކުރަން ބޭއްވި ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ރިޕޯޓުގެ ވާހަކަ ކިޔައިނުދެއްވައި، އެކަން ކުރަން ޖެހޭނީ އެހެން މަރުހަލާއެއްގައި ކަމަށެވެ. އައިޖީއެމްއެޗަކީ ހެލްތުން ބަލަހައްޓަން ޖެހޭ ތަނެއް ކަމަށާއި އައިޖީއެމްއެޗުގެ ރިޕޯޓަށް މަޝްވަރާކުރާނީ ކޮމިޓީ މަރުހަލާގައި ނޫން ކަމަށް ވިދާޅުވެ އެޗްއާރުސީއެމާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މައްސަލަ ބަލާފައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ކަމެއް ދިމާވުމުން ފިޔަވަޅު އަޅަން އޮންނަނީ ގާނޫނެއްގެ ތެރެއިން ކަމަށާއި ސިއްހީ ހިދުމަތްތެރިއެއްގެ މައްސަލައެއް ނަމަ އޮންނަނީ މެޑިކަލް ކައުންސިލަށް އެންގުން ކަމަށް ވިދާޅުވި އެވެ.

އެ މީހަކާ މެދު ނިންމުމެއް ނިންމާނީ ކައުންސިލުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެޗްއީއޯސީގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ އިދާރީ މުވައްޒަފުން ކަމުގައި ވިޔަސް ނުވަތަ އޮޕަރޭޝަންސްގައި އުޅޭ މުވައްޒަފުން ކަމުގައި ވި ނަމަވެސް އަޅުގަނޑުމެން އެ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅާނަން،" ނަސީމް ވިދާޅުވި އެވެ.

މިޝްކާގެ މަރުގެ މައްސަލައިގައި އެޗްއާރުސީއެމުން ކުރިއަށް ގެންދާ ކަންކަމާ ގުޅޭ ގޮތުން އެ ކޮމިޝަނާއި ހެލްތު މިނިސްޓަރުގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.