Advertisement

އިންޑޮނީޝިއާގެ ކޮވިޑް ކޭސްތައް ދެ މިލިއަނަށް އަރައިފި

އިންޑޮނީޝިއާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލާ ސަހަރާއެއް.-- ފޮޓޯ: އޭއެފްޕީ/ ބޭ އިސްމޮޔޯ


އިންޑޮނީޝިއާގެ ކޮވިޑް ކޭސްތައް ދެ މިލިއަނަށް އަރައިފި

ޖަކާޓާ، އިންޑޮނީޝިއާ (ޖޫން 21) - އިންޑޮނީޝިއާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޖުމްލަ ކޭސްތަކުގެ އަދަދު ދެ މިލިއަނަށް އަރައިފި އެވެ.

ފާއިތުވި ހަފްތާތަކުގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް ދަނީ ދެ ގުނަވަމުންނެވެ. އެ ގައުމުގައި ކޮވިޑުގެ އެކި ވޭރިއެންޓުތައް އުޅޭ ކަމަށް ސިއްހީ ފަރާތްތަކުން ބުނެ އެވެ.

މިއަދު ޕޮޒިޓިވްވި 14،536 ކޭސްއަކީ އެ ގައުމަށް ރިކޯޑް އަދަދެކެވެ. އެއާއެކު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ ދެ މިލިއަނަށް އަރާފަ އެވެ. ގާތްގަނޑަކަށް 270 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނީޝިއާގައި މިހާތަނަށް މި ބަލީގައި 55،000 އެއްހާ މީހުން މަރުވެފައި ވެ އެވެ.

ނަމަވެސް ޓެސްޓު ކުރުން މަދުވުމާއި ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް ނުހެދޭތީ ރަސްމީ ތަފާސްހިސާބުގައި އެތައް ހާސް ކޭސްއެއް ނުހިމެނުން އެކަށީގެންވެ އެވެ. އެހެންކަމުން އަސްލު އަދަދުތައް އެއަށްވުރެ މާ މަތިވާނެ ކަމަށް ބެލެވެ އެވެ.

އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއެންޓު އެ ގައުމުން ވެސް ފެނިފައި ވާއިރު، ރޯދަ މަސް ނިމުމާ ދިމާކޮށް ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކޮށްފައިވުމަކީ ކޭސްތައް އިތުރުވަމުންދާ ސަބަބެއްގެ ގޮތުގައި ބެލެވެ އެވެ.

ޖަކާޓާ އާއި އެހެން ބައެއް ހިސާބުތަކުގެ ހޮސްޕިޓަލްތަކުގެ 75 ޕަސެންޓު ވަނީ ފުރިފަ އެވެ. އޭގެ އިތުރުން ކޮވިޑް ބަލީގައި މަރުވާ މީހުންގެ ޖަނާޒާތައް ވެސް ވަނީ ކުއްލިއަކަށް އިތުރުވެފަ އެވެ.

އިންޑޮނީޝިއާގައި ވެސް މާސްކު އެޅުމާއި ގައިދުރުކަން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާއްމުން ބޯނުލަނބާ މައްސަލަ ބޮޑެވެ. އޭގެ އިތުރުން ވެކްސިނަށް މީހުންގެ މެދުގައި އިތުބާރު ނެތް މައްސަލަ ވެސް އެބަ އޮތެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލާފައިވަނީ އިންޑޮނީޝިއާގައި އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުން ކޮންޓްރޯލް ކުރަން ހަރުކަށި ފިޔަވަޅު އެޅުމަށެވެ.

އެ ގައުމުގެ ސަރުކާރުން މިއަދު ބުނީ ޖަކާޓާ އާއި ބަލި ފެތުރެމުންދާ އެހެން ހިސާބުތަކުގައި ވަގުތީ ގޮތުން ފިޔަވަޅުތަކެއް އަޅަން ފަށާނެ ކަމަށެވެ.