Advertisement

މިޝްކާގެ މަރުން ހާމަވި ބޮއްސުންލާފައި އޮތް ހާލަތު!

22 ޖޫން 2021 - 10:36 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މިޝްކާ: ފަރުވާގެ ހުރިހާ ދިމާލެއްގައި އެކަށީގެން ނުވާ ވަރުގެ އިހުމާލުތަކެއް ހުރި ކަމަށް ހެލްތުގެ ރިޕޯޓުގައި ބުނޭ.


މިޝްކާގެ މަރުން ހާމަވި ބޮއްސުންލާފައި އޮތް ހާލަތު!

22 ޖޫން 2021 - 10:36 1

ކޮވިޑުގައި ފަރުވާ ލަސްވެ، ފާތުމަތު މިޝްކާ މަރުވުމަކީ އިހުމާލުތަކުގެ ކުޑަ މިންވަރެކެވެ؛ އެތަނުގެ ހާލަތު އޮތީ ބޮއްސުންލައިފަ އެވެ!

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ތެރޭގައި މަސައްކަތްކުރާ ބަޔަކު "އަދަދު" ނޫސްވެރިން ގާތު މިހެން ބުނީ މިޝްކާއަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ހުރިހާ ދިމާލެއްގައި ވެސް އިހުމާލު އޮތް ކަމަށާއި އެޓެންޑުވި ނަމަ ހާދިސާ ހިނގުން ނާދިރު ކަމަށް ބުނެ ހެލްތު މިނިސްޓްރީން ކޭސް ރިޕޯޓް އާއްމުކުރުމުގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ.

މިޝްކާއަށް ދިމާވި ފަދަ އެތައް ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރުވެރި ކަމުގެ ތެރޭގައި އުޅެ އެ މީހުންގެ ސިކުނޑި ހާސްވީ އެވެ. ޝަކުވާތައް ބަންޑުން ނުކޮށް އެ މީހުންގެ ހިތަށް ކެތްނުވީ އެވެ. އިންސާނިއްޔަތަށް ހިދުމަތް ކުރަން ނުކުމެ ކުރިމަތިވި ކަންކަމަށް ހައްލު ނުލިބި ދިގުލައިގެން ގޮސް މުޅިން މާޔޫސްވީ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގެ: އެތަނުގައި ހިންގާ އޮޕަރޭޝަންގެ ގިނަ ކަންކަން އިސްލާހު ކުރަން ޖެހޭ ކަން މިޝްކާގެ މަރާ އެކު ވަނީ ފެންމަތިވެފައި. -- ފޮޓޯ/ އަދަދު


ކޮވިޑަށް ބިލިއަނުން ހޭދަވެއްޖެ އެވެ. ކޮވިޑް މެނޭޖްކުރުމުގައި ރަނގަޅު ކަމަށާއި ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެކަމަކު އެޗްއީއޯސީގެ އެ މުވައްޒަފުން ވެސް ކުރާ ސުވާލަކީ އަހަރެއް ވޭތުވެދިޔައިރު އަހަރެމެން މިތިބީ ކޮން ހިސާބެއްގައި ހެއްޔެވެ؟ ކޮވިޑު މެނޭޖްކުރުމުގައި ސުމަކުން ފެށި ރާއްޖެއަށް ހެދުނު ގޯސްތަކުން މިހާތަނަށް ރަނގަޅު ކުރި ހެއްޔެވެ؟

އެނދުތައް އިތުރުކުރެވިދާނެ އެވެ. މެޝިންތައް ހޯދިދާނެ އެވެ. އެކަމަކު، މީހުން ބިނާކުރެވުނު ހެއްޔެވެ؟ ވޮލަންޓިއަރުންނާ އެކު މުޅި އޮޕަރޭޝަންގައި ތިބި މީހުންނަށް ކުޑަމިނުން ތަމްރީންތަކެއް ގެންދެވުނު ހެއްޔެވެ؟ ހިނގާ ގޮތް ރަނގަޅަށް މޮނިޓާ ކުރެވުނު ހެއްޔެވެ؟ މި ޕެންޑަމިކްގައި މުޅި ދިރިއުޅުން މިކަމަށް ހުސްކުރި މީހުންނަށް ނަފްސާނީ އެހީތެރިކަން އެކަށީގެންވާ ގޮތަށް ފޯރުކޮށްދެވުނު ހެއްޔެވެ؟

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް މި މަހު 444 ދުވަސް ވި އިރު ހިނގާފައިވާ ހޭދަ. -- އިންފޯގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު


މިޝްކާގެ ކޭސްގައި، ފަރުވާއަށް އާދޭސްކުރަމުން ދިޔަ މަންމަ އަށް ކޯލް ސެންޓަރުން ގުޅި ގަޑީގައި ފޯނު ނުނެގުނީމާ ދަރުބާރުގޭގެ މެޑިކަލް ރެސްޕޯންސް ޓީމު (ޑީއެމްއާރުޓީ)ގެ ޑޮކްޓަރު ޖެހީީ "އެޓެންޑެޑް" ކަމަށެވެ. އެ ބަލި މީހާގެ ކަންކަމުގައި އޭނާ ގުޅިކަން ނުވަތަ ޒިންމާ އަދާކޮށްފި ކަމަށް ބުނެ ނިންމާލީ އެވެ.

އެއީ, ވެވުނު ބޮޑު އިހުމާލެއް ކަން ހާމަވިއިރު އެ ކުއްޖާގެ ފުރާނަ ގެއްލިއްޖެ އެވެ.

އޮޕަރޭޝަންސް ވައިބާ ގްރޫޕެއްގައި، ނިޒާމް ހުއްޓިފައި!

އެޗްއީއޯސީއަށް މީހަކު ގުޅާ ހިސާބުން ފެށިގެން، ފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ތަރުތީބުކޮށްފައިވާ ގޮތުގެ ދޯހަޅިކަން ނުވަތަ މާބޮޑު ސަމާލުކަމެއް ނުދިނުން ނުވަތަ ލަސްވިޔަސް މައްސަލައެއް ނެތުން ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ނަގާކަން ވެސް ހާމަައަށް ފެނުނީ އެވެ.

މިޝްކާގެ ބެލެނިވެރިޔާގެ ކޯލަށް ވެސް ފުރަތަމަ އެޓެންޑްވީ ހަމަޖައްސާފައި އޮންނަ އުސޫލުގެ ތެރެއިން ކޯލް ސެންޓަރުގެ ވޮލަންޓިއަރެކެވެ. އޭނާގެ ޒިންމާއަކީ ނަމާއި އުމުރާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަމްބަރަކާއި ބަލީގެ ހާލަތު ވައިބާ ގްރޫޕާއި ގޫގުލް ޝީޓަށް އެޅުމެވެ. ހަމައެއާ އެކު އެޗްއީއޯސީން ބޭނުންކުރާ ސިސްޓަމް، އައުޓް ބްރޭކް (އޯބީ)އަށް ޓާސްކް އަޅާނެ އެވެ.

އެ މައުލޫމާތަށް އެކްސަސް އޮންނަނީ މެޑިކަލް ކްލަސްޓާ ޑީއެމްއާރުޓީއަށެވެ. އެ މައުލޫމާތު އެ މީހުން ހިއްސާކުރާނީ އައިޖީއެމްއެޗުގެ ކްލިނިކަލް މެޑިކަލް ރެސްޕޯންސް ޓީމް (ސީމެޓަ)ށެވެ. އެ ވެސް ވައިބާ ގްރޫޕެއް މެދުވެރިކޮށެވެ. އެމްބިއުލަންސް އެކްޓިވޭޓް ވާނީ ސީމެޓް ނުވަތަ ޑީއެމްއާރުޓީން ނިންމުމުންނެވެ.

"މިޝްކާގެ [ހާލު ގޯސްކަން އެންގި] ވައިބަ މެސެޖް ވެސް އިނީ މިސްވެފައި. އެމްބިއުލެންސާ ހަމައަށް އެއްވެސް މަރުހަލާއަކުން މައުލޫމާތު ފޯރުކޮށްނުދީ އިނީ،" އޭނާ ކިޔައިދިނެވެ.

އެ އާއިލާ އިން އެހެން ގޮތެއް އޮތްތޯ ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އައިޖީއެމްއެޗުން އިންކާރުކުރީ ކޮވިޑު ބަލި މީހުން އުފުލަން ވަކި އެމްބިއުލަންސްތަކެއް ހުންނާތީ ކަމަށް ބުނެ އެވެ. ސެނަހިޔާ ހޮސްޕިޓަލުން އެހީ ހޯދަން އުޅުމުން ވެސް އެ މީހުން ގުޅަން ޖެހުނީ ވެސް އެޗްއީއޯސީއަށެވެ.

މިފަދަ ބޮޑު އޮޕަރޭޝަނެއް ވައިބާ ގްރޫޕްތަކުގައި ހިންގާ ކަމަށް ބުނާ ހެއްކެއްގެ ގޮތުގައި، އެ މީހުން ދެއްކީ ފޯނުގައި ހުރި އެކި ކަންކަމަށް ހުރި ގްރޫޕްތަކެވެ.

މަޖިލީހުގެ ކޮމިޓީގައި މިނިސްޓަރު އަހުމަދު ނަސީމް ވެސް އިއްޔެ ވިދާޅުވެފައި ވަނީ ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި މައިގަނޑު ކޮމިއުނިކޭޝަން އެޕްލިކޭޝަނެއްގެ ގޮތުގައި ވައިބާ ބޭނުންކުރާ ކަމަށެވެ. މިޝްކާއާގުޅޭ މެސެޖް މިސްވެފައި އިނީ އެ ގްރޫޕްގެ ތެރެއިން ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މެސެޖް ނުފެނުމުން، ދަރުބާރުގެއަށް ގޮސްގެންނާއި އެހެން ގޮތްގޮތުން ބެލެނިވެރިން ކުރި މަސައްކަތުން އެމްބިއުލަންސަށް ގުޅި 10 މިނެޓް ތެރޭގައި މިޝްކާ ހޮސްޕިޓަލަށް ގެންދެވުނެވެ. އޭރު އެ މީހުން އެމްބިއުލަންސްގެ އިންތިޒާރުގައި ތިބޭތާ 2 ގަޑިއިރާއި 26 މިނެޓް ހޭދަވެއްޖެ އެވެ.

ދެން މައްސަލައަކަށް ވީ އެމްބިއުލަންސް ތެރޭގައި މިޝްކާއަށް ސީޕީއާރު ނުދިނުމެވެ. ހެލްތު މިނިސްޓްރީން ދެ ފަހަރަށް ނެރުނު ރިޕޯޓުގައި އެ ވާހަކަ ހިމަނާފައި ނެތަސް އައިޖީއެމްއެޗުގެ ރިޕޯޓުގައި އެ ވާހަކަ އެބައޮތެވެ.

ހިނގާފައިވާ ބައެއް ހާދިސާތަކުން ރަނގަޅު ކުރަން ޖެހޭ ކަންކަން!

"އަހަރެންނަކީ އިންސާނިއްޔަތަށް ހިދުމަތް ކުރާ މީހެއް ވިއްޔާ، އަހަރެން ކުރަން ޖެހޭ ކަމެއް ނުކޮށްގެން ބަލި މީހަކަށް ކިރިޔާ ވެސް ގެއްލުމެއްވާ ކަން އެނގޭ ނަމަ އަހަންނަށް އެކަން ބަލައެއް ނުގަނެވޭނެ،" އެޗްއީއޯސީގެ އޮޕަރޭޝަނާ ގުޅޭ ގޮތުން "އަދަދު"އަށް ވާހަކަ ދެއްކި އެކަކު ބުންޏެވެ.

މި ވާހަކައިން އެ މީހުން ބުނެދޭން ބޭނުންވީ، އޮޕަރޭޝަންގެ ތެރެއިން އެންމެ ބޭނުން ޖެހޭ ވަގުތު ބަލިމީހާއަށް އެހީ ފޯރުކޮށް ނުދެވި ދާ ކަމާއި އެކަންކަން ވަރިހަމަވެފައި އޮންނަ އޮތުމެވެ. މިސާލެއްގެ ގޮތުން ނެގީ ދުވާލެއްގެ މައްޗަށް އެތަނަށް އަންނަ ކޯލްތަކަށް ޖަވާބު ނުދެވި ހުރުން މާ ބޮޑު މައްސަލައަކަށް ނުނެގުމެވެ. ބައެއް ދުވަސްތަކުގައި 2،000 ކޯލްތަކުގެ ތެރެއިން 1،500 މީހުންނަށް ގުޅުން "އޯކޭ" ކަމަށް ހިސާބުތަކަށް ބަލައި ނިންމާލުން މި ނޫހާ ވާހަކަ ދެއްކި މީހުންނަކަށް ބަލައެއް ނުގަނެވެ އެވެ.

ކޮވިޑަށް ޓެސްޓް ކުރާ މީހާއަށް ބައެއް ހާލަތްތަކުގައި، ނަތީޖާ ނުލިބި އެތައް ދުވަހެއް ހޭދަވެ އެވެ. ބައެއް މީހުންނަށް ނަތީޖާ ލިބުނީ ބަލިން ފަސޭހަވެފައި ވަނިކޮށެވެ. ކުޑަކުޑަ ކަމެއް ލަސްވެގެން އެ މީހަކަށް ކުރިމަތިވާ ނަފްސާނީ އުނދަގުލުގެ އެތައް ޝަކުވާއެއް އޮއްސަ އެވެ.

އެމްބިއުލަންސެއް މަގުމަތީގައި: ހަމަޖައްސާފައި އޮންނަނީ ކޮވިޑު ބަލި މީހުންނަށް ހާއްސަ އެމްބިއުލަންސްގައި ނޫނީ އެމަޖެންސީ ވިޔަސް ބަލި މީހާ ނުއުފުލާ ގޮތަށް.


ކޮންޓެކްޓް ޓްރޭސިންއަށް ނުވަތަ ހާލުބަލަން ގުޅައި ބަލި މިހާ ކޮބާތޯ އަހާއިރު ކޮވިޑުގައި އެ މީހަކު ނިޔާވެފައި އެބަހުއްޓެވެ. ކޮވިޑު މަރުތައް ސިސްޓަމްގައި އަޕްޑޭޓްކުރާ އެޗްއީއޯސީން އެ ސުވާލު މިކުރެވެނީ ފިރިމީހާ/އަނބިމީހާ ނުވަތަ އާއިލާގެ ކޮންމެވެސް މީހަކާ އެވެ.

މި ދޭތެރެއިން، ކޮވިޑުގައި މަރުވި މީހަކަށް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަން ވެސް އާއިލާއަށް ގުޅާފައި އެބަހުއްޓެވެ.

ބަލި މީހާގެ ހާލު ބޮޑުވެގެން އައިޖީއެމްއެޗުގެ އެމްބިއުލަންސަށް ގުޅުމުން ބަލައިދާން އެއްބަސް ނުވެ އެވެ. ނުވަތަ ގެ ކައިރިއަށް ގޮސްފައި ވެސް ކޮވިޑުގެ ބަލި މީހެއް ކަން އެނގުމުން ހޮސްޕިޓަލަށް ބަލިމީހާ ނުގެންގޮސްދީ އެމްބިއުލަންސް އެބަދެ އެވެ. މި ފަހުން، އައިޖީއެމްއެޗުގެ އެމްބިއުލަންސެއް ބަލިމީހާ ނުގެންދިއުމުން، ރެޑް ކްރެސެންޓަށް ގުޅައިގެން އެ މީހުން ދިޔައިރު ހަތަރު ވަރަކަށް އެމްބިއުލަންސް އެ ގޭ ދޮށުގައި އޮތެވެ. އެއީ އާރުއާރުޓީ އާއި އޭޑީކޭ އާއި އައިޖީއެމްއެޗުގެ އިތުރުން ކޮވިޑް އެމްބިއުލަންސެއް ވެސް އޮތެވެ.

"އައިޖީއެމްއެޗުން ރިޖެކްޓް ކުރާ މައްސަލަ ވެސް ބޮޑު. މިއީކީ އެބޯލާއެއް ނޫންތާ، ޕީޕީއަޅައިގެން ބަލި މީހާ ހޮސްޕިޓަލާ ހަމައަށް ފޯރުކޮށްދެވެންވާނެ،" އޭނާ ބުންޏެވެ.

މި ދޭތެރެއިން މާލޭގައި މާބަނޑު މީހަކު އެމްބިއުލަންސް ތެރޭގައި ވިހެއީ ވެސް ބަލާ ދިއުން ލަސްވުމުން ކަމަށް އެ މީހުން ކިޔައިދިނެވެ.

ޕެރަމެޑިކްގެ ނަމުގައި އީއެމްއެސްއަށް އިންޑިއާއިން ނަރުހުން ގެނެސްފައިވިޔަސް އެކަށިގެންވާ ގޮތެއްގައި ތަމްރީންދީފައެއް ނުވާ ކަމަށް ވެ އެވެ. އެއް ހާދިސާ ކިޔައިދެމުން އެކަކު ބުނީ މާލޭ ހިޔާގައި އޮތް ހައި ރިސްކް ބަލި މީހަކު ބަލައި ގޮސް އޭނާ ނުބޭލިގެން ގިނަ އިރުތަކެއް ހޭދަވި ކަމަށެވެ. އެ ދުވަހު އެތަނުގެ ލިފްޓުގައި ހުރީ މައްސަލަ ޖެހިފަ އެވެ. އެ ބަލި މީހާ ބަލަން ޖެހުނީ ދިވެހި ރެޑް ކްރެސެންޓުގެ ޕޭޝަންޓް ޓްރާންސްފާ ޓީމު ގެންގޮސްގެންނެވެ.

މި އޮޕަރޭޝަންގެ އިންތިޒާމް ދޯދިޔާ ކަމުން މިފަދަ އެތައް ހާދިސާއެއް ހިނގާފައިވެ އެވެ.

"މައްސަލައަކީ މިސްޓޭކެއް ހެދުނީމާ ރަނގަޅު ނުކުރުން، މިކަންކަމަކީ އަލަށް ހިނގާ ކަންކަމެއް ނޫން،" އެ މީހުން ބުންޏެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މެޑިކަލް އިމަޖެންސީގައި ކަންކުރާ އުސޫލަކީ ކޯލް ސެންޓަރަށް ގުޅާ ހިސާބުން އެމްބިއުލަންސް ފޯރުމާ ހަމައަށް ކޯލް ސެންޓަރުން ފޯނު ނުބޭއްވުން ކަމަށާއި ރާއްޖޭގައި ހެދުނު ގޯސްތަކަށް ބަލައި އެ އުސޫލަށް އަމަލުކުރުން ލަސްވި ސަބަބާ މެދު ސުވާލު އުފެއްދި އެވެ.

އެސްއޯޕީތައް ކޮބާ؟ އޮޑިޓެއް ނުކުރޭ!

އެޗްއީއޯސީގައި 855 ވޮލަންޓިއަރުންނާއި ހެލްތު މިނިސްޓްރީގެ 87 މީހުންނާއި ސަރުކާރުގެ 156 މީހުންނާ އެކު ޖުމްލަ 1098 މީހަކު މަސައްކަތް ކުރެ އެވެ. އެކި ކަންކަމަށް 32 ކްލަސްޓާ ވަނީ ހަދައިފަ އެވެ. ކޯލް ސެންޓަރުގައި 100 އަށް ވުރެ މީހުން މަސައްކަތް ކުރެ އެވެ.

ސިއްހީ އިމަޖެންސީ ސީރިއަސްކޮށް ނަގައިގެން މަސައްކަތްކުރާ ނަމަ އެޗްއީއޯސީ ތެރޭގައި އަމަލުކުރާނެ އެސްއޯޕީތަކެއް އެކުލަވާލާނެ އެވެ. އެންމެން ކުރަނީ އެއް ކަމެއް ކަމަށާއި މޮނިޓާ ނުކުރެވެއޭ ބުނި ވާހަކައަކަށް ބާރު ލިބެނީ އެސްއޯޕީތަކެއް ލިޔެ ފެންނަން ނެތުމުންނެވެ.

ކްލަސްޓާތަކާ ހަވާލުކޮށްފައިވާ ކަންކަން ކުރޭތޯ މޮނިޓަކުރާނެ ރަނގަޅު ނިޒާމެއް ނެތެވެ.

އެނގިފައިވާ ގޮތުގައި، އެސްއޯޕީތައް ވެސް ލިއަން ފަށައިގެން އުޅެނީ އަދި ކިރިޔާ އެވެ. ވަކިވަކި ކްލަސްޓާތަކަށް އެ ބަޔަކު އަދާކުރަން ޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތުތަކެއް ސާފުކޮށްދޭން އެދުނީ މިޝްކާގެ މަރަށް ފަހު އެވެ.

އިހުމާލުގެ ބޮޑެތި ތުހުމަތުތަކެއް މިޝްކާގެ މަރުގެ ކުރިން ވެސް އެޗްއީއޯސީއަށް އަމާޒުވެ އެވެ. އެގޮތަށް ދިމާވާ ކަންކަމަށް ހައްލު ވެސް ހޯދައިދީފައި އެބަހުއްޓެވެ. އެކަމަކު، ނިޒާމު ބޮއްސުންލައިގެން ގޮސްފައިވާ ކަމުގެ ހެއްކަކީ މި ފަހުން ހިނގި ހާދިސާ އެވެ. ޝަކުވާތައް އަބަދުވެސް ބަންޑުންކުރާ ތަނުގެ ހާލަތު އާއްމުންގެ ލޯމައްޗަށް ފެނުނީ އިޔާދަނުކުރެވޭވަރުގެ ކަމެއް ހިނގައިދިއުމުންނެވެ. ދެން އޮތީ، ރަނގަޅުކުރަން ބޭނުންވާ ނަމަ ހުރި މައްސަލަތައް ދެނެގަތުމެވެ. ގޯސްތައް ހޯދައި ރަނގަޅުކުރުމެވެ.

އެޗްއީއޯސީގެ އޮޑިޓެއް މިހާތަނަށް ނުހަދަ އެވެ. އެކަމަކު އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މިނިސްޓަރު ނަސީމް ދެކެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ކަންކަން ރަނގަޅުކުރަން ނުވަތަ އިސްލާހުކުރަން ބޭނުން ނަމަ އޮޑިޓެއް ހަދަން ޖެހޭ ކަން ގަބޫލުކުރައްވާ ކަމަށެވެ. އެކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ހެލްތުގެ ރިޕޯޓް: ހިނގާ ކަމަށް އެއްބަސްވި ގޯސްތައް

މިޝްކާގެ މަރާ ގުޅޭ ގޮތުން ހެލްތުން ނެރުނު ރިޕޯޓުގައި، ފަރުވާއަށް އެދުނީ އިމަޖެންސީ ހާލަތެއްކަން ބެލިފައި ނެތުމުން ފަރުވާ ފޯރުކޮށްދޭން ލަސްވި ކަމަށް އޮތެވެ. ސިއްހީ ހިދުމަތް ދޭ ފަރާތެއްގެ ހައިސިއްޔަތުން ޑޮކްޓަރު އެ ޒިންމާ އަދާކޮށްފައި ނުވުމާއި އެމްބިއުލަންސް ފޮނުވާފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ޒިންމާ ކޯލް ސެންޓަރުން ނަގާފައި ނުވުން ހިމެނެ އެވެ.

އިމަޖެންސީތަކަށް އަވަހަށް އިޖާބަ ދިނުމަށް ކޯލް ސެންޓަރު، ޑީއެމްއާރުޓީ އަދި ފެސިލިޓީ މެނޭޖްމަންޓް ހިމެނޭގޮތުން ހެދިފައިވާ އެމްއެމްއާރުޓީ ވައިބަ ގްރޫޕަކީ މި ހާދިސާ ހިނގިއިރު އެކްޓިވް ވައިބާ ގްރޫޕެއް ނޫން ކަން.

އެ ރިޕޯޓުގައި ބުނީ މިޝްކާގެ މައްސަލަ ބެލިއިރު އެޗްއީއޯސީގެ އެކި ކްލަސްޓާތަކުގެ މެދުގައި ކޯޑިނޭޓްކުރާ ޕްރޮސެސް ފްލޯތަކާއި އެސްއޯޕީތަކާއި އެކިއެކި އުސޫލްތަކުގައި މައްސަލަ ހުރި ކަން ފާހަގަކުރެވޭ ކަމަށެވެ. އެކަށީގެންވާ ވަގުތު ފިޔަވަޅު އަޅާފައި ނުވަނީ އެހެންވެ ކަމަށް ރިޕޯޓުގައިވެ އެވެ.

ހިދުމަތް އަވަހަށް ފޯރުކޮށްނުދެވޭ އަނެއް ސަބަބަކީ، އޯބީ ސޮފްޓްވެއާގެ ބަދަލުގައި މައުލޫމާތު އެކި ގޮތްގޮތަށް ބޭނުންކުރަމުން ދިއުމެވެ. ކޯލް ސެންޓަރަށް އަންނަ ކޯލްތަކަށް ސައްހަ މައުލޫމާތު ނެތި ޖަވާބުދާރީވުމާއި އިމަޖެންސީ ކޯލްތަކުގައި އަމަލުކުރަން ޖެހޭ އަވަސް މިނުގައި އަމަލުނުކުރެވުން ހިމެނެ އެވެ.

އެޗްއީއޯސީގައި ކަން ހިނގާ ގޮތް މޮނިޓާ ނުކުރެވެނީ ރިޕޯޓުގައިވާ ގޮތުގައި ހުރިހާ މައުލޫމާތެއް އެއް ޕްލެޓްފޯމަކުން ފެންނަން ނެތުމުން ކަމަށް ވެސް އޮތެވެ. ދިމާވާ އެކި މައްސަލަތަކުގައި އެ ހާލަތަކާ ގުޅޭ ގޮތުން ފިޔަވަޅު ނޭޅޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. ވޮލަންޓިއަރުން ގިނައިރު، އެ ފަރާތްތައް އެކަށީގެންވާ ގޮތެއްގައި މަސައްކަތަށް އަހުލުވެރި ކުރެވިފައި ނުވުން ވެސް ހިމެނެ އެވެ.

ފަހަރަކު ކަމެއް، ހަމަ މަގަށް އަޅުވަނީ

ހެލްތު މިނިސްޓްރީން ބުނީ އެޗްއީއޯސީގައި ހުރި މައްސަލަތައް ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.

"މި ހާދިސާ ދިމާވުމަށް މެދުވެރިވި އެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތަކެއް ކަން ވަނީ ފާހަގަކުރެވިފަ އެވެ،" ރިޕޯޓުގައި ވެ އެވެ.

މިނިސްޓަރު ނަސީމް: ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި.


ފުރަތަމަ ހަމަ މަގަށް މިސްރާބު ބަދަލުކުރުވީ އެމްބިއުލަންސްގެ ހިދުމަތެވެ. އައިޖީއެމްއެޗާއި އަމިއްލަ ހޮސްޕިޓަލްތަކުގެ އެމްބިއުލަންސް ކޮވިޑު ބަލި މީހުން އުފުލަން ބޭނުމެއް ނުކުރެ އެވެ. ކޮވިޑަށް ހާއްސަކޮށްފައި އޮތް ފަސް އެމްބިއުލަންސަކީ އެކަށީގެންވާ މިންވަރެއް ނޫނެވެ. އެކަން މިޝްކާގެ މަރާ އެކު ރޭކާލައި، އެމްބިއުލަންސްގެ އަދަދު އިތުރުކޮށް، ސިއްހީ ހިދުމަތްދޭ ކޮންމެ ތަނަކަށް ގުޅުމުން ވެސް އެމްބިއުލާންސް ފޮނުވަން ޖެހޭ ގޮތަށް އުސޫލު ބަދަލުކުރަން ހެލްތު މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އިމަޖެންސީގައި އެމްބިއުލަންސަށް 100 އަށް ގުޅާ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެއާއެކު ހެލްތު މިނިސްޓްރީން ވަކިކޮށް، އެމްބިއުލަންސަށް ވަކިން ހިންގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކޯލް ސެންޓަރުގެ ކޯލްތަކަށް އަވަސް މިނުގައި ފިޔަވަޅު އަޅަމުން ދޭތޯ އާއި އިމަޖެންސީ ކޯލްތައް ރަނގަޅަށް މޮނިޓާކުރެވޭނެ އަދި އިމަޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާކުރަން ވަނީ ނިންމައިފަ އެވެ. އެމަޖެންސީ ކޭސްތަކަށް ޑޮކްޓަރުންނަށް އަވަހަށް އެޓެންޑުވެ، އެމްބިއުލާންސް ޓްރިގާ ކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނައުމަކީ ވެސް އިސްލާހުކުރަން ކުރާނެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެތަނުގައި މަސައްކަތް ކުރި މީހުން ޝަކުވާ ކުރަން ޖެހޭ އަދި ސިކުނޑި ބަރުވި ސަބަބުތަކެއް އެބަހުއްޓެވެ. މައްސަލައެއް ދިމާވެ ޓުވިޓާގައި އެ ވާހަކައއް ގޮވާލުމުން ކިޔާ ފާޑުތައް ހުއްޓުވާލަން އެކަމެއް ރަނގަޅު ކޮށްދިނުމަކީ ހައްލެއް ނޫނެވެ. ހާލަތު ގޯސްވާ އިރަށް ތަންތަން ހޯދައި ބޮޑު ހަރަދުކޮށް އަވަސް އަރުވާލައިގެން އެނދުތައް އިތުރުކުރުމެއް ވެސް ނޫނެވެ. މިހެން ހެދީމާ ކަންކަން ރަނގަޅު ނުވެ ބޭކާރުވާނީ ޓެކްސް ފައިސާ އެވެ.

ގައުމެއްގެ ނިސްބަތުން ބައްޔާ ދެކޮޅަށް ރާއްޖެއަށް ކާމިޔާބީތަކެއް ހޯދުނަސް، އަހަރެމެން އަދިވެސް މިތިބީ ކޮވިޑުު ފެށި ހިސާބުގައި ކަމަށް ބުނަނީ އޮޕަރޭޝަންސްގައި ކަމެއް ދިމާވީމާ އެކަމަކަށް ހައްލު ހޯދަން އުޅޭތަން ފެންނާތީ އެވެ.

"ބަލިމީހާ ހާލު ބޮޑުވެގެން ގުޅާ ހިސާބުން ކޯލް ސެންޓަރުގެ ޒިންމާ އެންމެ ބޮޑީ، އެތަން ހައްލުކުރަން ޖެހޭ. ގުޅާ މީހާއަށް ގައިޑްކޮށްދޭން ޖެހޭ، މައުލޫމާތު ރަނގަޅަށް ނަގަން ޖެހޭ. [ކޯލް ސެންޓަރުގެ މީހަކު] އެ މިހާ ކައިރީގައި ހުރެގެން އެމްބިއުލަންސްގެ ފޮލޯއަޕް ހަދަން ޖެހޭ. ކޯލް ބާއްވަން ޖެހޭނީ ބަލި މީހާއަށް ރީޗްވެވުނީމަ. އެގޮތަށް އޮޕަރޭޝަންސް ނުގެންދާހާ ހިނދަކު ފެއިލްވާނެ،" އެކަކު ބުންޏެވެ.

މިނިސްޓަރު ނަސީމް ޖެންޑާ ކޮމިޓީގައި އިއްޔެ ދެއްވި ޔަގީންކަމަކީ ކަންކަން ރަނގަޅު ކުރައްވާނެ ކަމެވެ.