Advertisement

ދަ ހިޓްމޭންސް ވައިފްސް ބޮޑީގާޑް: ބޮކްސް އޮފީހުގެ 1 ވަނަ އަށް

ދަ ހިޓްމޭންސް ވައިފްސް ބޮޑީގާޑް ފިލްމުގެ ޕޯސްޓަރެއް.


ދަ ހިޓްމޭންސް ވައިފްސް ބޮޑީގާޑް: ބޮކްސް އޮފީހުގެ 1 ވަނަ އަށް

ލޮސް އެންޖެލަސް، އެމެރިކާ (ޖޫން 21) - "އަ ކުވައިޓް ޕްލޭސް 2" ފަހަތަށް ޖައްސާލުމަށް ފަހު "ދަ ހިޓްމޭންސް ވައިފްސް ބޮޑީގާޑް" ހޮލީވުޑްގެ ބޮކްސް އޮފީސް ޗާޓުގެ އެއް ވަނައަށް އަރައިފި އެވެ.

ރަޔަން ރެނޯލްޑްސް، ސެމުއެލް އެލް ޖެކްސަން އަދި ސަލްމާ ހަޔެކް ލީޑް ރޯލުތަކުން ފެނިގެންދާ ލަޔަންސްގޭޓްސްގެ މި ފިލްމު ރިލީޒް ކުރުމާއެކު ވަނީ އެއް ވަނަ މަގާމު ހޯދައިފަ އެވެ.

އެކްޝަން ކޮމެޑީ ފިލްމު ޑެބިއު ކުރުމާއެކު އެމެރިކާގެ 3،331 ތަނެއްގައި ވަނީ ދައްކާފަ އެވެ. މި ފިލްމަކީ 2017 ވަނަ އަހަރު ނެރުނު ހިޓް ފިލްމު "ދަ ހިޓްމޭންސް ބޮޑީގާޑް" ގެ ދެ ވަނަ ބަޔެވެ.

މި ފިލްމު އުފެއްދުމަށް 70 މިލިއަން ޑޮލަރު ހޭދަކުރިއިރު، މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 11.7 މިލިއަން ޑޮލަރެވެ. މި ފިލްމަށް ލިބެމުންދާ ތަރުހީބާއެކު އާމްދަނީ ވެސް ރަނގަޅު ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ބޮކްސް އޮފީސް ޗާޓުގެ އެއް ވަނައަށް "ހިޓްމޭން" އެރުމާއެކު "އަ ކުވައިޓް ޕްލޭސް 2" މިހާރު އޮތީ ރިލީޒް ކުރިތާ ހަތަރު ހަފްތާ ފަހުން ދެ ވަނަ މަގާމުގަ އެވެ.

ޕެރެމައުންޓް ސްޓުޑިއޯޒްގެ ހޮރޯ ފިލްމުން އެމިލީ ބްލަންޓް ފެނިގެން ދާއިރު، ފިލްމު ޑައިރެކްޓު ކުރީ އޭނާގެ ފިރިމީހާ ޖޯން ކްރަސިންކީ އެވެ. އެ ފިލްމަކީ ބަލިމަޑުކަން ފެށުު ފަހު އެމެރިކާގައި 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފިލްމެވެ.

ބޮކްސް އޮފީސް ޗާޓުގެ ތިން ވަނައިގައި މިހާރު އޮތީ ސޮނީގެ "ޕީޓާ ރެބިޓް 2: ދަ ރަންއަވޭ" އެވެ. ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ މި ލައިވް އެކްޝަން/ އެނިމޭޝަން ފިލްމުގެ މައިގަނޑު ކެރެކްޓާއަށް އަޑު އަޅާފައިވަނީ ޖޭމްސް ކޯޑެން އެވެ.

ޗާޓުގެ ހަތަރު ވަނަ ވޯނާ ބްރޯޒްގެ ހޮރޯ ފިލްމު "ދަ ކޮންޖަރިން: ދަ ޑެވިލް މޭޑް މީ ޑޫ އިޓް" އަށް ލިބުނު އިރު ފަސް ވަނައިގައި އޮތީ ޑިޒްނީގެ "ކްރުއެލާ" އެވެ.