Advertisement

"ކާށެވެ! އެކަމަކު ހައްދު ފަހަނައަޅާ ނުދާށެވެ!"


"ކާށެވެ! އެކަމަކު ހައްދު ފަހަނައަޅާ ނުދާށެވެ!"

ކާބޯތަކެތި ބޭނުން ނުވާ މިންވަރަށް ތައްޔާރުކޮށް އެތަކެތި ކުންޏަށް އުކާލުމުގެ އާދަ ބޮޑަށް ގުޅިފައި އޮންނަނީ ރޯދަމަހާ އެވެ. އެއީ އިސްރާފު ކަމުގައި ވެސް އެންމެން ގަބޫލުކުރެ އެވެ. އެބާވަތުގެ އިސްރާފުކުރުން ހުއްޓުވުމަށް ހިންގޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވަރަށް ގިނަ އެވެ. ހާއްސަކޮށް ރޯދަ މަހާ ގުޅުވައިގެން ގެނެވޭ ހޭލުންތެރިކަމުގެ ގިނަ ޕްރޮގްރާމްތަކާއި ނޫސްވެރިކަމުގެ އެކި ވަސީލަތްތަކުން އެކަށީގެންވާ މިންވަރަކަށް އެކަންކަމަށް އެޑްރެސްކުރެވެމުންދާކަމީ އުފާކުރަންޖެހޭ ކަމެކެވެ.

ހަމަ މިޔާއެކު އުކައި ނުލައި ކުރެވޭ އިސްރާފާ ގުޅިގެން ވެސް ފިޓްނަސް ދާއިރާގެ ބޭފުޅުންނާއި ސިއްހީ ދާއިރާގެ ބޭފުޅުން ކުރައްވާ ބުރަ އަދި އަގުބޮޑު އަގުހުރި މަސައްކަތަކީ ލިޔާ ލިޔުމެއްގައި އޭގެ މުހިންމުކަން ބަޔާންކުރެވޭ ވަރަށްވުރެ އަގުހުރި މަސައްކަތެކެވެ. އުކައި ނުލައި ކުރެވޭ އިސްރާފަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެއުމެވެ.

ކާބޯތަކެތި އުކާލައިގެން ކުރެވޭ އިސްރާފާ ގުޅިގެން ދުނިޔަވީ ގޮތުންނާއި ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ ތަފާތު ކަންކަން ކުރެވެމުންދެ އެވެ. ނަމަވެސް އުކައި ނުލައި ކުރެވޭ އިސްރާފާ ގުޅިގެން ދުނިޔަވީ ގޮތުން މެނުވީ ހޭލުންތެރި ކުރެވެމުންދާތަން ވަރަށް މަދުން ނޫނީ ނުފެނެ އެވެ. އެހެންކަމާއެކު ކާބޯތަކެތި އުކައި ނުލައި ކުރެވޭ އިސްރާފާ ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެވެސް އެއްބަޔަކު ކުރަންޖެހިފައިވާ ކަމެއްކަމުގައި އަޅުގަނޑަށް ފެނެ އެވެ.

އަލްއަޢުރާފު ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވާ އާޔަތުން ބައެއްގެ މާނައިގައި ވެ އެވެ.

"ތިޔަބައިމީހުން ކާށެވެ! އަދި ބޯށެވެ. އެކަމަކު ހައްދު ފަހަނައަޅާ ނުދާށެވެ!"

ކެއުމާއި ބުއިމުގައި ހައްދު ފަހަނައަޅައި ދިއުން މާތް ﷲ ގެ ސީދާ ބަސްފުޅުން ނަހީކުރައްވާފައި އޮތުމަކީ އެކަމާމެދު އާދަޔާ ހިލާފަށްބޮޑަށް ވިސްނާ ފިކުރުކުރަންޖެހޭ ފަދަ ކަމެކެވެ. އެއާޔަތް ނިންމަވާލައްވަމުން މާތް ﷲ އަންގަވަނީ ހައްދުފަހަނައަޅާ ދާ މީހުން ދެކެ މާތް ﷲ ލޯބިވެވޮޑި ނުގަންނަވާ ކަމުގަ އެވެ. ކެއުމާއި ބުއިމުގައި ހައްދު ފަހަނައަޅާދިއުމުގެ ނުބައިކަމުން އަޅަމެން ސަލާމަތްކުރައްވާށި އެވެ.

އަލްއިމާމް އަލްބާނީ ޞައްޙަކުރައްވައި، ތިރުމިޛީ ރިވާކުރައްވާފައި ވެ އެވެ. ހަދީޘް ކުރެއްވި އެވެ.

"ތިމާގެ ގޮހޮރަށްވުރެ ނުބައި ކޮތަޅެއް އާދަމުގެ ދަރިޔަކު ނުފުރާނެ އެވެ. އާދަމުގެ ދަރިޔަކަށް އޭނާގެ މައިބަދަ ކޮޅަށްޖެހޭ ފަދަ ކާއެތިކޮޅަކުން ފުދޭނެ އެވެ. އެޔަށްވުރެ ގިނައިން ކޮންމެހެން ކާން ޖެހިއްޖެނަމަ، ކާއެއްޗެއްސަށް ތިންބައިކުޅަ އެއްބަޔެވެ. ބޯއެއްޗަށްސަށް ތިންބައިކުޅަ އެއްބަޔެވެ. އަދި އޭނާގެ ނަފުސަށް ތިންބައިކުޅަ އެއްބަޔެވެ."

ކާމޭޒު މަތީން ތެދުވެވޭއިރު މާނެވޭ ލެވޭކަމަށްވާނަމަ މިހަދީޘް ބަސްފުޅުގައި އައިސްފައިވާ ނަފުސަށް ދޭންޖެހޭ ހައްގާމެދު އެ ވެވެނީ އިހުމާލެކެވެ.

ކެއުމާއި ބުއިމުގައި ހައްދު ފަހަނައަޅައި ނުގޮސް ވަޒަންހަމަ މިންވަރެއް ގެންގުޅުމުގެ މުހިންމުކަމާއި ފައިދާތައް ވެސް އިލްމުވެރިން ބަޔާންކުރައްވާފައިވެ އެވެ. ބަނޑުފުރާ ކެއުމަކީ ހިތް އަނދިރިކުރާ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވެފައިވެ އެވެ. އަދި ގިނައިން ކެއުމުގެ ސަބަބުން ﷲ އާމެދު ޣާފިލުވުމުގެ އެންމެ މައިގަނޑު އެއްކަންތައް ކަމަށްވާ ނިކަމެތިކަމާއި ލޮޑުކަން ގެނުވަ އެވެ. ބަނޑުފުރައިގެން ހުންނަ މީހާ ހައިހޫނުކަމުގައިވާ މީހާގެ ހާލަތް ހަނދާން ނެތެ އެވެ. އެހެންވީމާ މުސީބާތް ޖެހިފައިވާ އެކުވެރިންނާމެދު ޣާފިލުވުން ކައިރި އެވެ. ޛުއްނޫން ވިދާޅުވިކަމަށް ރިވާވެފައިވެ އެވެ. ފާފައެއް ނުކުރެވި ނުވަތަ ފާފައެއް ކުރުމަށް ހިތަށް އަރާފައި ނުވާ ހާލަތެއް މެނުވީ ބަނޑުފުރާ ކެއުމުން އެންމެ ފަހަރަކު ވެސް ދިމާވެފައި ނުވެ އެވެ."

މިކަންކަމަކީ އަހަރެމެންގެ އިހުތިބީން ވަރަށް ސީރިއަސްކޮށް ނަގާފައިވާ ކަންކަމެވެ. އެންމެ އިހުގެ ބޭސްވެރިންވެސް ބުނަމުން އައިސްފައިވަނީ ބަނޑުލުމަކީ ހުރިހާ ބަލިތަކެއްގެ އަސްލުކަމަށެވެ. ނުކައިހުރުމަކީ ހުރިހާ ފަރުވާއެއްގެ އަސްލުކަމަށެވެ. ބުޚާރީ އާއި މުސްލިމްގައި އިމާމް ނާފިޢުގެ އަރިހުން ރިވާވެފައިވެ އެވެ. މާތް ﷲ ރުއްސުންލެއްވި މާތް ސަހާބީ އިބްނު އުމަރު، އެކަލޭގެފާނާ އެކުގައި ކެއުމަށް މިސްކީނަކު ގެނައުމުން މެނުވީ ކޭން ބައްލަވާ ނޫޅުއްވަ އެވެ. އެއް ފަހަރަކު ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް އެގޮތަށް ވެއްދި މިސްކީނަކު ވަރަށް ގިނައިން ކެ އެވެ. އެކަމާ ގުޅިގެން ތިމަންކަލޭގެފާނަށް އިބްނު އުމަރު ވިދާޅުވި އެވެ. އޭ ނާފިއު އެވެ. މިމީހާ ތިމަން ކަލޭގެފާނުގެ ގާތަށް ދެން ނުގެންނައްޗެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާތީ ތިމަން އެއްސެވީމެވެ. މުއުމިނުން ކާނީ އެއްބަނޑަށެވެ. އަދި ކާފަރުން ކާނީ ހަނބަޑަށެވެ.

ގިނައިން ކައިގެން ކުރާ އިސްރާފް ނަހީކޮށް، އެއްބަނޑަށް ކެއުމަށް ދީނުގައި އޮތް އަމުރު ދިވެހިރާއްޖޭގެ އިސްލާމީ މުޖުތަމައުއަށް ބީރައްޓެއްސެވެ. މި އަމުރު މިހެން އައިސްފައިވާކަން މި މުޖުތަމައުގެ ގިނަ ބަޔަކަށް އެނގޭމެ އެވެ. ހަށިގަނޑުގެ ބަރު އުފުލުމަށް އެބަ ދަތިވާ ކަންވެސް އެނގެ އެވެ. ފަރުޟު ނަމާދު ކުރުމަށް ދަތިވާ ހާލަތަށް ގޮސްފިކަން ވެސް އެނގެ އެވެ. ލޮޑުވެ، މާނޭވާ ލެވި، ހަށިގަނޑާއި ސިކުނޑީގެ މަސައްކަތަށް އުނދަގޫވެ ތާށިވެފައި މިތިބީ ގިނައިން ކެއުމުގެ ސަބަބުންކަންވެސް އެނގެ އެވެ. އެހެންނަމަވެސް މި މުޖުތަމައުގެ ގިނަ އަފުރާދުންގެ ކެއުން ބުއިމުގެ އާދަތަކަށް ބަދަލު ގެނައުމަށް ނުވެސް ވިސްނަ އެވެ.

އެކުވެރީންނޭ އެވެ. ހަޔާތަކީ ކުރު އެއްޗެކެވެ. ހެލިފެލިވެލައި، އަޅުކަމުގައި ހީވާގި ވެވޭނޭ ފަދަ ހަށިގަނޑަކާއި، ދުޅަހެޔޮ ސިކުނޑިއެއް އޮވެގެން މެނުވީ އިސްލާމް ދީނުގެ ފުރިހަމަ ގޮތުގައި ދެމިތިބުން ވާނީ މުސްތަހީލު ކަމަކަށެވެ. ބަލަންވީ އިބްނު ޢުމަރުއާ އެކު އެއް ސުފުރާގައި ކާން އިށީނުމުގެ ފުރުސަތު ލިބޭނެ ފަދަ ގޮތަކަށް ކެއިންބުއިމުގެ އާދަތައް ދެމެހެއްޓުމަށެވެ. އެ އާދަ މި މުޖުތަމައުގައި އަށަގެންފިނަމަ، އުކައި ނުލައި ކުރާ އިސްރާފު ނުވަތަ ކައިގެން ކުރާ އިސްރާފު ހުއްޓުވިދާނެކަމުގައި ފެނެ އެވެ.