Advertisement

ތުރުކީގެ އަމިއްލަ ބާރު ކަނޑުވާލައި ވޭލްސް އަނެއް ބުރާ ގާތަށް

16 ޖޫން 2021 - 22:56 0


ތުރުކީގެ އަމިއްލަ ބާރު ކަނޑުވާލައި ވޭލްސް އަނެއް ބުރާ ގާތަށް

16 ޖޫން 2021 - 22:56 0

ބަކޫ، އަޒަރުބައިޖާން (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ތުރުކީ 2-0 އިން ބަލިކޮށް ވޭލްސް ދެ ވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

މިރޭގެ މެޗަކީ ވާދަވެރި މުބާރާތެއްގައި ތުރުކީ އަތުން ވޭލްސް ހޯދި ފުރަތަމަ މޮޅެވެ. އެންމެ ފަހުން ތުުރުކީ އާއި ވޭލްސް ވާދަވެރި މެޗަކަށް ނުކުތީ 1997 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގަ އެވެ. އެ ފަހަރު މޮޅުވީ ތުރުކީ އެވެ.

އެންމެ ފަހުން ޔޫރޯގެ ސެމީ ފައިނަލުގައި ކުޅުނު ވޭލްސް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އޮތީ ގްރޫޕް އޭގެ އެއް ވަަނައިގަ އެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތީ ފުރަތަމަ މެޗުން ތުރުކީ އަތުން މޮޅުވި އިޓަލީ އެވެ. އިޓަލީ އަށް މި ވަގުުތު އެއް މެޗުން ތިން ޕޮއިންޓް ލިިބިފައިވާއިރު، މިރޭ އެ ޓީމުން ސްވިޒަލެންޑާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް އިޓަލީ އަށް އެއް ވަނަ އަށް އެރޭނެ އެވެ.

މިރޭގެ މެޗުން ބަލިވި ތުރުކީ އޮތީ ގްރޫޕްގެ އެންމެ ފުލުގައި ދެ މެޗުން ޕޮއިންޓެއް ނުލިބި އެވެ. މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދަން ތުރުކީ އަށް މިހާރު އަމިއްލަ ބާރެއް ނެތެވެ. ތުރުކީ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ފަހު މެޗުގައި ސްވިޒަލެންޑް އަތުން ބޮޑު ތަފާތަކުން މޮޅުވެ، އަދި އެހެން މެޗުތަކެއްގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ 30،000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ފަށައިގެން އެންމެ ހުސް ފުރުސަތު ލިބުނީ ވޭލްސްގެ އާރޮން ރަމްސޭ އަށެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ގަރެތު ބޭލް ހުސްކޮށްލާފައި ރަމްސޭ އަށް ދިން ބޯޅަ އޭރިއާތެރެއިން ޑިފެންޑަރެއް ކަައިރިން ނައްޓާލުމަށް ފަހު ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް ތުރުކީ ކީޕަރު އުގުރުކާން ޗަކީރް ވަނީ މަތަކޮށްފަ އެވެ.

ތުރުކީގެ ކެޕްޓަން ބުރަކް ޔިލްމާޒް މެޗުގެ ނުވަ ވަަނަ މިނިޓްގައި ޖެހި ބޯޅަ ވޭލްސް ޑިފެންޑަރު ކްރިސް މެޕަމް ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނިޓްގައި ވޭލްސްގެ ކެއިފާ މޯ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ވޭލްސްގެ ރަމްސޭ އަށް ދެ ވަަނަ ހުސް ފުރުސަތު ލިބުނީ މެޗުގެ 24 ވަނަ މިނިޓްގަ އެވެ. ބޭލް ދިން ބޯޅައަކުން މި ފަހަރު އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ރަމްސޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. މެޗުގެ 29 ވަނަ މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅައަކުން ތުރުކީގެ ކާން އައިހާން ބޮލުން ޖެހި ބޯޅަ ގޯލު ރޮނގު މަތިން ސަލާމަތްކުރީ ޖޯ މޮރެލް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަމްސޭ ވަނީ މި ހާފުގައި ގޯލެއް ޖަހަން އޭނާ އަށް ލިބުނު ތިން ވަނަ ފުރުސަތުން ގޯލެއް ޖަހައިފަ އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ހާފްގެ މެދެއްހާ ހިސާބުން ބޭލް މަތިން ހުރަސްކޮށް ދިން ބޯޅަ އޭރިއާތެރެއިން މެއިން ކޮންޓްރޯލް ކުރުމަށް ފަހު ރަމްސޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ތުރުކީ އަށް އެއްވަރުކޮށްދޭން މެޗުގެ 54 ވަނަ މިނިޓްގައި ޔިލްމާޒަށް ކުޑަ އޭރިއާތެރެއިން ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ ތިން މިނިޓް ފަހުން ވޭލްސް އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ރަމްސޭ ޖެހި ޝޮޓް ކީޕަރު ޗާކިރް ވަނީ މަތަކޮށްފަ އެވެ.

ވޭލްސް އަށް ދެ ވަނަ ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ބޭލް އަށް ވެސް ލިބުނެވެ. މެޗުގެ 60 ވަނަ މިނިޓްގައި ބޭލް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ މާ މަތިންނެވެ. މިއީ ބޭލް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަހުން ތުރުކީގެ ޔިލްމާޒާއި ހަކަން ޗަނޮނޮގްލޫ އަދި ޗެންގިޒް އުންޑެއާ ވޭލްސް ހާފު ތެރޭގައި ކުޅެގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ވޭލްސްގެ ޑިފެންޑަރުން ދިޔައީ ތުރުކީގެ އެޓޭކްތައް ހުއްޓުވަން ޖެހޭ ވަގުތުގައި އެކަން ކުރަމުންނެވެ.

ކައުންޓަ އެޓޭކުގައި ވޭލްސް އިން ދިޔައީ އެޓޭކްކުރަމުންނެވެ. އެ ގޮތުން މެޗުގެ 80 ވަނަ މިނިޓްގައި އޭރިއާތެރެއިން ރަމްސޭ ނަގައިދިން ހުރަހަކުން ބޭލް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު ޗާކިރް އަތަށެވެ.

ތުރުކީން މެޗުގެ 87 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރަން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ކޯނަރަކުން ހުރަސްވި ބޯޅައަކުން މެރީހް ޑެމިރާލް ބޮލުން ފޮނުވާލި ބޯޅަ ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ވަނީ މަތަކޮށްފަ އެވެ.

ވޭލްސްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ކޮނާ ރޮބަޓްސް އެވެ. މި ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަަސްކޮށްދިނީ ލަނޑެއް ނުޖެހުނަސް މޮޅަށް ކުޅުނު ބޭލް އެވެ.