Advertisement

ބޮލަށް އަނިޔާވި ފަހުން ޕަވާޑް ލައްވައި ފްރާންސުން ކުޅުވި މައްސަލަ އޮޅުންފިލުވަނީ

16 ޖޫން 2021 - 20:57 0

ޕަވާޑަށް ދަނޑުމަތީގައި ފަރުވާދެނީ.


ބޮލަށް އަނިޔާވި ފަހުން ޕަވާޑް ލައްވައި ފްރާންސުން ކުޅުވި މައްސަލަ އޮޅުންފިލުވަނީ

16 ޖޫން 2021 - 20:57 0

މިއުނިކް (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޖަރުމަނު އަތުން ފްރާންސް 1-0 އިން މޮޅުވި މެޗުގައި އެ ޓީމުގެ ފުލްބެކް ބެންޖަމިން ޕަވާޑްގެ ބޮލަށް އަނިޔާވެފައި ވަނިކޮށް އޭނާ ލައްވައި ކުޅުވި ސަބަބު ބުނެދޭން ފްރާންސަށް ޔުއެފާ އިން އަންގައިފި އެވެ.

ރޭގެ މެޗުގެ 58 ވަަނަ މިނިޓްގައި ޖަރުމަނުގެ ރޮބިން ގޮސެން ފުއްމައިގެން އަރައި ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނާގެ ކަކޫ ޕަވާޑް ބޮލުގައި ޖެހެ އެެވެ. ޕަވާޑަށް ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ މެޗު ފުރިހަމަކޮށްފަ އެވެ.

އެކަމަކު މެޗަށް ފަހު ދިން އިންޓަވިއުގައި ޕަވާޑް ބުނީ އޭނާ ބޮލުގައި ވަރަށް ބާރަށް ޖެހުނު ކަމަށެވެ. އެ ވަގުތު "ވާނުވާ ނޭނގި" 10 ނޫނީ 15 ވަރަކަށް ސިކުންތުވީ ކަމަށާއި ފަހުން ދިޔައީ ރަނގަޅަށް ކަމަށް ޕަވާޑް ބުނެފައިވެ އެވެ.

ރޭގެ މެޗުގެ ތެރެއިން ޕަވާޑް ބޮލުގައި ގޮސެން ފައި ޖެހެނީ.


އުމުރުން 25 އަހަރުގެ ޕަވާޑްގެ އެ އިންޓަވިއުއަށް ފަހު ގިނަ ބަޔެއް އެކި ގޮތަށް ވާހަކަ ދައްކަން ފެށުމާ އެކު ޔުއެފާ އިން ވަނީ ކަންތައްތައް ހިނގައިދިޔަ ގޮތް ލިޔުމުން ބުނެދޭން ފްރާންސަށް އަންގައިފަ އެވެ. ޔުއެފާ އިން ބަލަނީ ސީރިއަސް އަނިޔާތަކުގައި އަމަލުކުރަން ޖެހޭ ޕްރޮޓޮކޯލާ އެއްގޮތަށް ފްރާންސުން އަމަލުކޮށްފައިވޭތޯ އެވެ.

އިނގިރޭސި ޖަމިއްޔާއެއް ކަމަށްވާ ބްރެއިން ޗެރިޓީ ހެޑްވޭ އިން ބުނީ ޕަވާޑް ލައްވައި އެ މެޗު ކުޅުވުން ރަނގަޅު ނޫން ކަމަށާއި އޭނާ ދިން އިންޓަވިއުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު އެކަމުގެ ސީރިއަސްކަން ވަޒަންކޮށްލެވޭ ކަަމަށެވެ.

ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ފިފްޕްރޯ އިން ވަނީ ޕަވާޑާ މެދުގައި ސިއްހީ ނަޒަރުން ބަލާއިރު ކަންތައްތައް ދިޔައީ ރަނގަޅަށްތޯ ކަށަވަރުުކުރުން މުހިއްމު ކަމަށެވެ. އެއީ މުސްތަގުބަލުގައި އެ ފަދަ ކަމެއް ދިމާވެދާނެތީ ހުރިހާ ކުޅުންތެރިން ސަމާލުވާން މެސެޖެއް ދިނުމުގެ ގޮތުން ކަމަށް ފިފްޕްރޯ އިން ބުނެ އެވެ.

ބޮލަށް އަނިޔާއެއް ލިބޭ ކުޅުންތެރިއަކު ބަދަލުކުރެވޭ ގޮތަށް ފުޓްބޯޅައިގައި ވަނީ ކޮންކަޝަން ސަބްސްޓިޓިއުޓްސް ތައާރަފްކޮށްފަ އެވެ. އެއީ ބޮލަށް ލިބޭ އަނިޔާ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި އަނިޔާ ލިބޭ ކުޅުންތެރިއަކަށް ފުރިހަމަ ފަރުވާ ދޭން މަގުފަހިކޮށްދޭން ގެނައި ގަވާއިދެކެވެ. އެ ގަވާއިދަށް ގިނަ ލީގުތަކެއްގައި އަމަލުކުރަމުން އައި ނަމަވެސް މި ފަހަރުގެ ޔޫރޯގައި ނުކުރެ އެވެ. އެއީ ފަސް ބަދަލު ކުރެވޭ ގޮތަށް މި ވަގުތު ވެސް ވަގުތީ ހުއްދައެއް ދީފައި އޮތުމުން ކަމަށް ބެލެވެ އެވެ.

ޔުއެފާ އިން މި ފަހަރުގެ ޔޫރޯ ފެށުމުގެ ކުރިން ވަނީ ޓީމުތަކުގެ މެޑިކަލް ޓީމުތަކަށް ސެޝަނެއް ނަަގައިދީ އިމަޖެންސީ ކަންކަމުގައި އަަަމަލުކުރަންވީ ގޮތް ބުނެދީފަ އެވެ. އޭގެ ތެރޭގައި ބޮލަށް ލިބޭ އަނިޔާތަކުގައި ހާއްސަ ސަމާލުކަމެއް ދޭން އެންގި އެވެ.

މި ފަހަރުގެ ޔޫރޯގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއަކް އެރެސްޓެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓި ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އެރިކްސަންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.