Advertisement

އަނިޔާ ލިބޭ ކުދިންގެ ބަޔާނާއި ރިޕޯޓްތައް ދައުވާލިބޭ މީހާއަށް ދޭން ހުރަހެއް ނެތް: ހައިކޯޓު

16 ޖޫން 2021 - 20:04 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ޖިންސީ އަނިޔާއާ ދެކޮޅަށް ހަދާފައިވާ ކުރެހުމެއް: އަނިޔާ ލިބޭ ކުދިންގެ ބަޔާނާއި ރިޕޯޓްތައް ދައުވާލިބޭ މީހާއަށް ދޭން ހުރަހެއް ނެތް ކަމަށް ހުކުމްކުރި


އަނިޔާ ލިބޭ ކުދިންގެ ބަޔާނާއި ރިޕޯޓްތައް ދައުވާލިބޭ މީހާއަށް ދޭން ހުރަހެއް ނެތް: ހައިކޯޓު

16 ޖޫން 2021 - 20:04 0

ކުޑަކުދިންނަށް ޖިންސީ އަނިޔާ އާއި ގޯނާ ކުރުމުގެ ދައުވާ އުފުލާފައިވާ މީހުންނަށް އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ބަޔާނާއި ރިޕޯޓްތަކުގެ ކޮޕީތައް ދޫކުރުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

މިފަދަ މައްސަލަތަކުގައި ދައުލަތުން އާންމުކޮށް އަމަލުކުރާ އުސޫލަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދެނީ އެވެ. އޭގެ ދަށުން ކުދިންގެ ބަޔާންތަކާއި އެ ކުދިންނާ ގުޅޭ އެކި ރިޕޯޓްތަކުގެ ކޮޕީ ދޫކުރުމުގެ ބަދަލުގައި ޝަރީއަތުގެ މަޖިލީހުގައި ހުށަހަޅައި، އެ ބެލުމަށް ފުރުސަތު އެ މަޖިލީހުގައި ދެނީ އެވެ.

އެގޮތަށް އަމަލު ކުރަމުން ދަނިކޮށް އަދި، ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވަނިކޮށް ބ. އޭދަފުށީ މެޖިސްޓްރޭޓު ކޯޓުން ވަނީ މައްސަލައެއްގައި ހިމެނޭ ކުއްޖާގެ ބަޔާނާއި ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓާއި އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓް އަދި ކުއްޖާގެ އިންޓަވިއު އާއި 18 އަހަރު ނުވާ ހެކިވެރިއެއްގެ ބަޔާނާއި ފޮޓޯ ރިޕޯޓެއްގެ ކޮޕީ ދައުވާ ލިބޭ މީހާއަށް ދޫކުރުމަށް އަމުރުކޮށްފަ އެވެ.

އެ ހެކިތައް ރައްކާތެރިކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ މައްސަލާގައި ހިމެނެނީ ކުޑަކުއްޖަކަށް ވެފައި ކުއްޖާގެ ޒާތީ މައުލޫމާތު އެ ލިޔެކިޔުންތަކުގައި ހިމެނޭތީ އެ މައުލޫމާތުތައް ދައުވާ ލިބޭ ފަރާތަށް ލިބިއްޖެނަމަ އެ ތަކެތި މުޖުތަމައުއަށް ފެތުރިގެން ދިޔުމުގެ ފުރުސަތު އޮތުމުންނެވެ. އަދި، އަނިޔާ ލިބޭ ކުދިން "ރީވިކްޓިމައިޒް"ވުމުގެ ފުރުސަތު އޮންނާނެތީ އެވެ.

އެ ހެކިތައް ހާމަކުރަން ނެރުނު އަމުރާމެދު ހިތްހަމަނުޖެހޭތީ، ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ.

އެ މައްސަލާގައި މި މަހުގެ 10 ވަނަ ދުވަހު ހައިކޯޓުން އިއްވި ހުކުމްގައި ބުނީ އިންސާފުވެރި ޝަރީއަތެއްގެ އެންމެ އަސާސީ އެއް ކަމަކީ ދައުވާ ސާބިތުކުރުމަށްޓަކައި ތުހުމަތުވާ ފަރާތާ އިދިކޮޅަށް ހުރި ހެކި އެނގުމާއި އެ ހެއްކާ ބެހޭ ގޮތުން ސުވާލު ކުރުމަށް ފުރުސަތު ލިބުން ކަމަށެވެ.

"ހުށަހެޅިފައިވާ ހެކިތަކާ ބެހޭ މައުލޫމާތު އެނގުމަކާ ނުލައި ހެކިންނާ ސުވާލު ކުރުމަކީ އެދެވޭ ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން،" ހުކުމްގައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ދައުވާއެއްގައި ދައުވާ ސާބިތުކުރުމުގެ ގޮތުން ހުށަހެޅޭ ހެކިތައް ދައުވާ ލިބޭ ފަރާތަށް ދިނުން މަނާކުރާ އެއްވެސް ނައްސެއް ނެތްކަން ހުކުމްގައި ފާހަގަކުރި އެވެ.

ގާނޫނުގައި މާނަކޮށްފައިވަނީ އެ ގާނޫނުގެ ދަށުން ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ދިމާވެފައިވާ ކުޑަކުއްޖާގެ ތަފްސީލުތައް މީޑިއާގައި ޝާއިއުކުރުމާއި އެ ތަފްސީލްތައް ދޫކުރުން ކަމެވެ.

މައްސަލައެއްގައި ދައުވާ ލިބޭ ފަރާތަށް އެފަދަ ކުއްޖާގެ މައުލޫމާތު ހިމެނޭ ހެކި ގަރީނާ ހާމަކުރުމަކީ "ޝާއިއު" ކުރުމުގެ މާނައިގެ ތެރޭގައި ހިމަނަން ޖެހޭ ގާނޫނީ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ވެސް ހުކުމްގައި ބުންޏެވެ.

ހުކުމްގައި ބުނީ ކުއްޖާގެ ޒާތީ މައުލޫމާތު ނަކަލުކޮށް އާންމުކުރުމުގެ އިހްތިމާލެއް އޮތްނަމަ، ދައުލަތުން ހަވާލާދޭ ހެކިތަކުގައި ހިމެނޭ ކުއްޖާގެ ކާކުކަން ދެނެގަނެވޭ މައުލޫމާތުތަކަކީ ދައުލަތަށް ފަސޭހަކަމާއެކު ވަންހަނާ ކުރެވިދާނެ މައުލޫމާތެއް ކަމަށެވެ. އަދި، އެކަމަކީ ޝަރުއީ ނިޒާމް ނުދަންނަ ބީރައްޓެހި ކަމެއް ނޫން ކަމަށެވެ.

އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ހެކި ރައްކާތެރިކޮށް ޝަރީއަތް ހިންގުމަކީ އިންސާފުވެރި ގޮތެއް ކަމަށް އެއްވެސް ހަމައަކުން ނުބެލެވޭނެ ކަމަށް ހުކުމްގައި ބުންޏެވެ. އަދި، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ކުއްޖާގެ ބަހަކީ ނުހަނު ބޮޑު ބުރަދަނެއް ދެވޭ ބަހަކަށްވާއިރު އެ ބަހަކީ ބޭރުފުށުންނާއި އެތެރެފުށުން އާދަޔާ ހިލާފަށް ތެދު ބަހެއްތޯ ބެލުން ލާޒިމް ކަމަށެވެ.

އެގޮތުން، މައްސަލާގައި ހިމެނޭ ބަޔާންތަކާއި ރިޕޯޓްތަކަކީ ކުއްޖާގެ ބަހަކީ އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ބެލުމަށް ރިއާޔަތްކުރަންޖެހޭ ހެކިތަކެއް ކަމާއި އެ ބަހުގައި ސުވާލު އުފެދޭ ކަމެއް އޮތްތޯ ބަލަން ދައުވާ ލިބޭ މީހާއަށް އެނގޭނީ އެ ހެކިތައް އެނގިގެން ކަމަށް ހުކުމްގައިވެ އެވެ.

"ހަމައެހެންމެ ހެކި ގަރީނާގެ ގޮތުގައި ހުށަހެޅޭ ރިޕޯޓްތަކުގައި ހުރެދާނެ ކަންތައްތަކާމެދު ސުވާލު އުފައްދާ ތައުނުކުރުމުގެ ފުރުސަތު ފުރިހަމަ ގޮތެއްގައި ފަހިވެގެންދާނީ އެފަދަ ރިޕޯޓްތައް ލިބިގެން، ތުހުމަތާ ގުޅޭ ހެކި ގަރީނާ ސާފުވެ ހާމަވެގެން މެނުވީ އެކަށީގެންވާ ގޮތެއްގައި ދިފާއު ބިނާނުކުރެވޭނެ،" ހުކުމްގައިވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނީ މިފަދަ މައްސަލަތަކުގައި ހުށަހަޅާ ހެކިތަކަކީ ވަންހަނާކުރުމަށް ދަތި ނުވަތަ ވަންހަނާކޮށްފިނަމަ ހެކީގެ އަސްލު އޮޅި ދައުވާ ލިބޭ ފަރާތަށް ދިފާއު ބިނާކުރަން ހުރަސްއެޅިދާނެ ހެކިތަކެއް ކަމަށެވެ. ހެކި ހާމަކޮށްފިނަަަމަ ކުއްޖާގެ ކަރާމާތަށް ގެއްލުންވެދާނެ ކަމަށް ބެލެވޭ ހާލަތުގައި ވެސް ވަކި ޝަރުތުތަކާއެކު އެ ހެކިތައް ހާމަކުރަން ހުރަހެއް ނެތް ކަމަށެވެ.

އެހެންވެ، ހައިކޯޓުން ނިންމީ އަނިޔާ ލިބުނު ކުއްޖާގެ ބަޔާންތަކާއި ރިޕޯޓްތަކުގެ ކޮޕީ ދައުވާ ލިބޭ މީހާއަށް ދިނުމަށް ނެރެފައިވާ އަމުރަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.

ނަމަވެސް، ކުއްޖާގެ އިންޓަވިއު ރެކޯޑިން އާއި 18 އަހަރު ނުވާ ހެކިވެރިޔަކު ވީޑިއޯ އިންޓަވިއު ނަކަލުކުރެވޭ ގޮތަށް ދައުވާ ލިބޭ މީހާއަށް ދޫކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ރޫހާ ހިލާފު ކަމެއް ކަމަށް ހުކުމްގައި ބުންޏެވެ. އެހެންވެ، އެ ހެކިތަކުގެ ކޮޕީ ދޫކުރުމަށް އަމުރުގައި އޮތް ބައި ހައިކޯޓުން ބާތިލްކުރި އެވެ.

މި ހުކުމް ކުރައްވާފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާ އެވެ.