Advertisement

އީސަގެ މައްޗަށް އަންނަ ހަފުތާ ޝަރީއަތް ފަށަނީ

16 ޖޫން 2021 - 19:01 2

ނާޒިމް ހަސަން

ނާޒިމް ހަސަން

މެންބަރު އީސަ: އޭނާގެ މައްޗަށް ވަނީ އަންނަ ހަފުތާ ޝަރީއަތް ފެށުމަށް ވަނީ ތާވަލުކޮށްފައި


އީސަގެ މައްޗަށް އަންނަ ހަފުތާ ޝަރީއަތް ފަށަނީ

16 ޖޫން 2021 - 19:01 2

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރި ކަމުގެ ތުހުމަތުވާ މައްސަލައިގައި އަންނަ ހަފުތާ ޝަރީއަތް ފެށުމަށް ތާވަލުކޮށްފި އެވެ.

އީސައާ ދެކޮޅަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް ކުރިމިނަލް ކޯޓުން ތާވަލުކޮށްފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހަށެވެ.

އީސައާ ގުޅޭ ގޮތުން ތަހުގީގު ކުރީ އަސްރާ ނަސީމްގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށާއި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން ލިބޭ ކަމަށް އަސްރާ ތުހުމަތުކުރި މައްސަލަ އެވެ.

ފަހުން އަސްރާ ވަނީ ދަރިފުޅުގެ ހައްގުގައި ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށް ނުގެންދަން އެދިވަޑައިގެންފަ އެވެ. ނަމަވެސް، ފުލުހުން ބުނެފައިވަނީ ވަކި މީހަކު އެދިގެން ޖިނާއީ މައްސަލައެއްގެ ތަހުގީގު ހުއްޓައި ނުލާނެ ކަމަށެވެ.

އެގޮތުގެ މަތިން ތަހުގީގު ނިންމައި ފުލުހުން، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ދެ ދުވަސް ތެރޭގައި މައްސަލަ ދިރާސާކޮށް ދައުވާ އުފުލި އެވެ.

އީސަގެ މައްޗަށް އުފުލި ދައުވާގެ ކުށަކީ ޖުނަހްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަދަބަކީ، ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. ޖޫރިމަނާގެ އަދަބު ކަނޑައަޅާނަަމަ، އަދަބަކީ 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ އެވެ. އެހެންކަމުން، މި މައްސަލަ އީސަގެ މައްޗަށް ސާބިތުވި ނަމަވެސް، ގޮނޑިއެއް ނުގެއްލޭނެ އެވެ.

އީސަގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކު، އޭނާ ހައްޔަރުކުރަން ޕްރޮސިކިއުޓަ ޖެނެރަލް މެދުވެރިކޮށް ފުލުހުން ކޯޓު އަމުރަކަށް ވެސް އެދުނެވެ. އެކަމަކު އެ އަމުރު ނެރެދޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ބުނެ ކުރިމިނަލް ކޯޓުން ނުރެނުދިނެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ މަގާމުތަކުން ވެސް އީސަ ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އީސަ ވަކިކުރަން މަސައްކަތް ފެށުމުން، އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތައް ދޮގު ކުރައްވައި، ވިދާޅުވެފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ.