Advertisement

އެއް ކޮޓަރީގެ ބަދަލުދޭން މުއިއްޒު އެދުނުއިރު އަސްލަމްގެ ސިޔާސަތު ތަފާތު

16 ޖޫން 2021 - 17:40 1

ނާޒިމް ހަސަން

ނާޒިމް ހަސަން

މުއިއްޒު އަދި އަސްލަމް: އެއް ކޮޓަރީގެ މައްސަލާގައި ވެސް ހިޔާލު ތަފާތު


އެއް ކޮޓަރީގެ ބަދަލުދޭން މުއިއްޒު އެދުނުއިރު އަސްލަމްގެ ސިޔާސަތު ތަފާތު

16 ޖޫން 2021 - 17:40 1

ކުރީ ސަރުކާރުން އެއް ކޮޓަރީގެ އެޕާޓްމެންޓް ދޭނެ ކަމަށް ލިސްޓް ނެރުނު 1،000 މީހުންނަށް އެހެން ގޮތެއް ހޯދައިދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި އެދިވަޑައިގެންފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން އަޅާ ފްލެޓްތަކުގައި އެއް ކޮޓަރީގެ ފްލެޓްތަކެއް ހަދަން ހަވާލުކޮށް، އަލަތު ކައިވެނީގެ ކެޓަގަރީ ކުރީ ސަރުކާރުން ތައާރަފުކުރި އެވެ. އަދި، އެއަށް ކުރިމަތިލީ އެންމެންނަށް ފްލެޓް ދޭން ނިންމި އެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ އެ ކެޓަގަރީ އުވާލާފަ އެވެ. އެކަން ކުރީ ކުންފުނިތަކުގެ ގިނަ މަޝްރޫއުތައް ކުރިއަށް ނުދާތީ އާއި ބައެއް ކުންފުނީގެ ފްލެޓްތައް އެ ތަނުގެ މުވައްޒަފުންނަށް ދޭން ބޭނުންވާތީ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވާ ގޮތުގައި އެއް ކޮޓަރީގެ ފްލެޓް އެޅުމަކީ މި ސަރުކާރުން އެއްވެސް ގޮތަކުން ގެންގުޅޭނެ ވިސްނުމެއް ނޫން ކަމެވެ. އެއީ، ސޯޝަލް ހައުސިންގެ ތެރޭގައި ގެންގުޅެން ރަނގަޅު މޮޑެލެއް ނޫން ކަމަށް ފާހަގަ ކުރެއްވި އެވެ.

"އެއް ކޮޓަރީގެ އެޕާޓްމެންޓް އެއީ ސަރުކާރުގެ ހައުސިން މަޝްރޫއުއެއްގެ ތެރޭގައި އިސްކަން ދީގެން ކުރިއަށްގެންދާނެ ކަމެއް ނޫން، އެތަނުގައި ސިންގަލް މީހަކަށް އުޅެވިދާނެ، އެކަމަކު އާންމުކޮށް މީހަކު ސިންގަލްކޮށް މާގިނަ ދުވަހަކު ނުހުންނާނެ، އާއިލާއެއް ބިނާކުރާނެ،" އަސްލަމް ވިދާޅުވި އެވެ.

މި ސަރުކާރުން އެއް ކޮޓަރީގެ އެޕާޓްމެންޓްގެ ކެޓަގަރީ އުނިކުރަން ނިންމީ އެހެންވެ ކަމަށާއި އަދި، މި ސަރުކާރުން ދެން އިތުރަށް ކުރިއަށް ގެންދާ ހައުސިންގެ މަޝްރޫއުއެއްގައި ވެސް އެއް ކޮޓަރީގެ އެޕާޓްމެންޓް ނަހަދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިހާރު ސަރުކާރުން އިއުލާން ކޮށްފައިވާ މަޝްރޫއުތަކުގައި ވެސް މުޅިން ވެސް ހިމެނެނީ ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކެވެ.

ނަމަވެސް، ކުރީގެ ހައުސިން މިނިސްޓަރުގެ ހިޔާލު އެކަމުގައި ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އަލަށް ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް އެއީ މުހިންމު އެއްޗެކެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، އެ ޒުވާނުންގެ ހައްގުތައް މި ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލަކުން ގެއްލިގެން ދިޔުމަކީ ކަންބޮޑުވުމެއް ކަމެވެ.

"ސަރުކާރު ބަދަލުވިޔަސް ސަރުކާރަކުން ރައްޔިތުންނަށް ގެދޮރު ފޯރުކޮށްދިނުމަށް ކަނޑައަޅާފައި އޮތް ސިޔާސަތެއް ބަދަލުވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން، ބަދަލު ކުރަން ޖެހިއްޖެނަމަވެސް އެކަށީގެންވާ ހައްލެއް ލިބެންވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީގެ މޭޔަރު މުއިއްޒު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން އެއް ކޮޓަރީގެ އެޕާޓްމެންޓް ލިބޭނެ ކަމަށް ލިސްޓް ނެރެފައިވާ 1،000 މީހުން އެބަތިބި ކަމަށާއި އެމީހުންގެ ކަންބޮޑުވުންތައް އޭނާއާ ހަަމައަށް އައިސްފައިވާ ކަމަށެވެ.

"އޭގެ ބައެއް މީހުންނަށް ދަރިން ލިބި ބޮޑުވެފައި އެބަތިބި މިހާރު، އެމީހުންގެ ހައްގަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކުރެވެން ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެ ފަރާތްތަކަށް މިހާތަނަށް އެހެން ގޮތެއް ސަރުކާރުން ހޯދައިދީފައިނުވީ ނަމަވެސް، އުއްމީދު ކުރަނީ އެމީހުންނަށް އެހެން ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށް ކަމަށެވެ.

"އުއްމީދު ކުރަނީ މިކަންކަން ވެސް ބަދަލުވެގެންދާނެ ކަމަށް، އެ ފަރާތްތައް މަގުމަތި ވެގެންދާނެ ކަމަކަށް ގަބޫލެއް ނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، މުއިއްޒުގެ އެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު އަސްލަމް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެ ފަރާތްތަކަށް އެހެން ފުރުސަތެއް ދެއްވުމުގެ ސިޔާސަތެއް ގެންގުޅުއްވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.