Advertisement

އަލީ ވަހީދުގެ ޝަރީއަތް އަންނަ ހަފުތާގައި ބާއްވަނީ

16 ޖޫން 2021 - 15:09 2

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

އަލީ ވަހީދާއި އަސްހަދު: ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ ޝަރީއަތް މި މަހު 21 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައި.


އަލީ ވަހީދުގެ ޝަރީއަތް އަންނަ ހަފުތާގައި ބާއްވަނީ

16 ޖޫން 2021 - 15:09 2

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދުގެ ޝަރީއަތް އަންނަ ހަފުތާގައި ބާއްވަން ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށް ކަމަށެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ)އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހަށް ޝަރީއަތް މިދިޔަ ހަފުތާގައި ބާއްވަން ތާވަލްކުރި އެވެ. އެކަމަކު ފަހުން ކެންސަލްކުރީ އެވެ.

އެ ޝަރީއަތް އޮންލައިންކޮށް ބާއްވައިދެއްވަން އަލީ ވަހީދު، ކޯޓުގައި އެދިަވޑައިގަތެވެ. ސަބަބެއް ކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައި އޮތީ ބޭސްފަރުވާ ނުނިމުމެވެ.

އަލީ ވަހީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް ކްރިމިނަލް ކޯޓަށް ލިއުން ހުށަހެޅުމުން އޭނާގެ ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ދޫކުރީ އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުކޮށްފަ އެވެ. އޭނާ ފަރުވާއަށް ބޭރުގައި ހުންނެވުމަށް ދިން ހަތަރު މަސް ވަނީ ހަމަވެފަ އެވެ.

ދައުލަތުން އޭރު ކޯޓުގައި އެދުނީ ޓްރެވަލް ޑޮކިއުމެންޓެއް އަލީ ވަހީދު ފުރާވަޑައިގަތުމުގެ ހުއްދަ ދޭށެވެ. ނަމަވެސް އަލީ ވަހީދަށް ބޭނުން ގައުމަކަށް ދެވޭ ގޮތަށް ހަތަރު މަހަށް ދޫކޮށްލީ އޭނާ ދުބާއީ އަށް ނުވަތަ ޖަރުމަނަށް ދާން އެދި ހުށަހެޅުއްވުމުންނެވެ.

އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ދައުލަތުން ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދިޔަ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވެފައިވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެފަދަ މައްސަލައެއް ނުހިނގޭނެތީ އެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އަންނާނެ އެވެ.

އަލީ ވަހީދު އުޅޭތަނެއް ހޯދަން، މަތީ މަރުހަލާގެ ދެ ކޯޓުން ވެސް އަސްހަދަށް ގުޅި އެވެ. އެކަމަކު، އޭނާ ވިދާޅުވެފައިވަނީ އަލީ ވަހީދު ވީ ތަނެއް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޖާމިނު އެއްބަސްވުމާ ހިލާފުވުމަކީ އެއަށް ގާނޫނުގައި އަދަބުތަކެއް ކަނޑައަޅާފައިވާ ކަމެކެވެ.

އެހެންވެ އެއް އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމާއި ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ 15,000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން އަދި، ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުން ފަދަ އަދަބެއް ދެވިދާނެ އެވެ.