Advertisement

މިއަދުން ފެށިގެން ލިބޭ ލުއިތައް ތިލަކޮށް!

16 ޖޫން 2021 - 13:33 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކާފިއު ގަޑީގައި މަގުމަތި ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


މިއަދުން ފެށިގެން ލިބޭ ލުއިތައް ތިލަކޮށް!

16 ޖޫން 2021 - 13:33 2

ކޮވިޑުގެ ހާލަތު މާލޭ ސަރަހައްދަށް މީގެ ތިން ހަފްތާކުރިން ހަރުކަށި ކުރި ފިޔަވަޅުތަކަށް މިއަދުން ފެށިގެން ވަނީ ބައެއް ލުއިތައް ދީފަ އެވެ.

އެގޮތުން ކާފިއު ހިންގާ ވަގުތަށާއި، ކަސްރަތު ކުރަން ދިން ފުރުސަތުގެ އިތުރުން މިސްކިތްތަކުގައި ނަމާދު ކުރަން ލުއިތަކެއް ދިން ނަމަވެސް، އެކަމާ މެދު ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑަށް އޮޅުން އަރައިފަ އެވެ.

ކާފިއުއަށް ދިން ލުއި

އިއްޔެއާ ހަމައަށް މާލޭ ސަރަހައްދުގައި ހަވީރު 4:00 ން ފެށިގެން ހެނދުނު 8:00 އާ ހަމައަށް ދަނީ ކާފިއު ހިންގަމުންނެވެ. ބާކީ ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވެނީ ފުލުހުން މެދުވެރިކޮށް ލިބޭ ހާއްސަ ފާހެއް އޮތް ނަމަ އެވެ. އެ ފާސް ދޫކުރުނީ ކޮންމެ ގޭބީސީއަކަށް ދެ ދަންފަޅިއަކަށް ބަހާލައިގެން ދެ ފާހެވެ.

އޭގެ މާނައަކީ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ލިބޭ އަށް ގަޑިއިރުގައި ބޭރަށް ނުކުމެވޭނީ އެ ފާސް އޮންނަ ފަރާތްތަކަށް އެކަނި ކަމެވެ. ކާފިއު ގަޑީގައި ފާސް އޮންނަ ފަރާތްތަކަށް ވެސް ބޭރަށް ނުނިކުމެވޭނެ އެވެ.

ނަމަވެސް، މިއަދުން ފެށިގެން ކާފިއު ހިންގާ ވަގުތު ވަނީ ހަވީރު 4:00 ން ފެށިގެން ފަތިހު 4:00 އަށް ކުރުކޮށްފަ އެވެ.

އެކަމަކު ކާފިއު ނޫން ވަގުތުގެ ލިބޭ 12 ގަޑިއިރު ގައި ވެސް އަދިވެސް ބޭރަށް ނުކުމެވޭނީ ފާސް އޮންނަ ފަރާތްތަކަށް އެކަންޏެވެ. އެ ފަރާތްތަކަށް ފައި މަގުގައި ވެސް އަދި އެއްގަމު އުޅަނދުގައި ވެސް ބޭރުގައި އުޅެވޭނެ އެވެ.

ކާފިއު ގަޑީގައި މިއަދުން ފެށިގެން ވެސް އެއްވެސް މީހަކަށް ބޭރަށް ނުކުމެވޭނީ ހާއްސަ ހާލަތެއްގައި ފުލުހުން އެ ހުއްދަ ދީފިނަމަ އެވެ.

އެކަނި ކަސްރަތު ކުރަން ފުރުސަތު

އިއްޔެއާ ހަމައަށް ކަސްރަތު ކުރުމަށް ހުއްދަ ދެމުން ދިޔައީ ވަރަށް މަދު ހާލަތެއްގައި ޑޮކްޓަރުން ލަފާ ދީފައިވާ މީހުންނަށް އެކަންޏެވެ.

ނަމަވެސް، މިއަދުން ފެށިގެން ފަތިހު 4:00 އިން ފެށިގެން ހެނދުނު 8:00 އެކަނި ކަސްރަތު ކުރުމަށް ވަނީ ލުއި ދީފަ އެވެ.

އެ ހަތަރު ގަޑިއިރުގެ ތެރޭގައި ފާސް ނެތް މީހަކަށް ވެސް ބޭރަށް ނުކުމެ އެކަނި ކަސްރަތު ކޮށްލެވޭނެ އެވެ.

ނަމަވެސް، ގުރޫޕް ހަދައިގެން ކަސްރަތު ކުރަން އަދިވެސް ފުރުސަތެއް ނުދޭނެ އެވެ.

މިސްކިތްތަކަށް ދިން ލުއި

އިއްޔެ އާ ހަމައަށް މިސްކިތްތަކުގައި ނަމާދުކުރުން މަނާކޮށް މިސްކިތްތައް ވެސް ހުރީ ބަންދުކޮށްފަ އެވެ.

ނަމަވެސް، މިއަދުން ފެށިގެން މިސްކިތްތަކުގައި އެކަނި ނަމާދު ކުރެވޭ ގޮތަށް މިސްކިތްތައް ވަނީ ހުޅުވާލައިފަ އެވެ.

މިސްކިތްތަކުގައި އެކަނި ނަމާދު ކުރެވޭނީ ވެސް ޑެލިވަރީ، ހައުސްހޯލްޑް އަދި ސަޕޯޓް ޕާމިޓު އޮންނަ ފަރާތްތަކަށް އެކަންޏެވެ.

އެކަމަކު އަދިވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދެއް ނުކުރާނެ އެވެ.

ސެލޫންތަކަށް ދިން ލުއި

އެޗްޕީއޭން ބުނެފައިވާ ގޮތުގައި ކޮވިޑަށް ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ސެލޫންތައް ހުޅުވައިގެން ހިދުމަތް ދޭގޮތަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ހުއްދަ ދެވޭނީ އެތަންތަން ހިންގާ ގޮތުގެ ސާވިސް ޕްލޭނެއް އެޗްޕީއޭއަށް ހުށަހެޅުމުންނެވެ.

އެ ޕްލޭން ހުށަހެޅި ސްލޫންތަކަށް މިއަދުން ފެށިގެން ވަނީ ލުއި ދީފަ އެވެ.

ލުއި ނުދޭ ފިޔަވަޅުތައް

  • ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދު.
  • އަމިއްލަ އޮފީސްތައް ހުޅުވޭނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ އޮވެގެން.
  • ކުޅިވަރު ދަނޑުތަކާއި ސިނަމާތައް ބަންދު.
  • ކެފޭ/ރެސްޓޯރަންޓުތަކުގެ އެތެރޭގައި ތިބެގެން ކެއުން މަނާ.
  • ކާފިއު ގަޑީގައި ކެފޭ/ރެސްޓޯރަންޓުތަކުން ޓޭކްއަވޭ ހިދުމަތް ދިނުން މަނާ.

އެޗްޕީއޭއިން އިއްޔެ ބުނީ މިއަދުން ފެށިގެން ދިން ލުއިތައް ދެ ހަފްތާގެ މުއްދަތަށް ދެމި އޮންނާނެ ކަމަށެވެ.