Advertisement

ކޮލިފައިންގެ ރޭންކްތަކަށް ފަހު ރާއްޖެ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް

16 ޖޫން 2021 - 11:28 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ކޮލިފައިންގެ ރޭންކްތަކަށް ފަހު ރާއްޖެ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް

16 ޖޫން 2021 - 11:28 0

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ތެރެއިން 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިން އަށް އޭއެފްސީން ކަނޑައެޅި އާ ރޭންކިންތަކުގައިވާ ގޮތުން ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިއްޖެ އެވެ.

އޭއެފްސީން ކުރިން ހަދާފައިވާ ގަވާއިދަށް ބަލާއިރު، ރޭގެ މެޗުން ފިލިޕީންސް އަތުން މޮޅުވެގެން އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް އޮތެވެ. އެއީ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގައި ނިންމި ނަމަވެސް ހުރިހާ ގްރޫޕްތަކުގެ ހަތަރު ވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. ފިލިޕީންސާ ރޭ އެއްވަރުވުމުން އެ ފުރުސަތު ގެއްލި ރާއްޖެ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ކުޅެން ޖެހޭނެ ކަމަށް ބެލެވުނެވެ.

އެއީ ހުރިހާ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ވަނަ ޓީމުތަކުގެ ތެރެއިން ރޭންކިން ކަނޑައަޅާއިރު، އެ ގްރޫޕެއްގެ އެންމެ ފުލުގައި އޮންނަ ޓީމެއް އަތުން ހޯދާ ޕޮއިންޓްތަކެއް ނުގުނާނެތީ އެވެ. އެ އުސޫލުން ބަލާނަމަ ރާއްޖެ އަށް ރަނގަޅު ނަތީޖާ ނެރޭ ހަަތަރު ވަނަ ޓީމުތަކުގެ ތެރެއިން ލިބެނީ ހަ ވަަނަ އެވެ. އެ ގޮތަށް ކުރިއަށްދިޔަނަމަ ރާއްޖެ ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.

ގްރޫޕް އޭގެ އެއް ވަަނައިގައި ސީރިއާ އޮތީ ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެގެން 21 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވަނީ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ޗައިނާ އަށް އަށް މެޗުން ވަނީ 19 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ އަށް މެޗުން 11 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ނިންމާލި ރާއްޖެ އަށް އޮތީ އަށް މެޗުން ހަތް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ. ގުއާމް ކުޅެން ޖެހުނީ ޕްލޭއޮފްގަ އެވެ.

އެކަަމަކު އޭއެފްސީ މިއަދު ހާމަކޮށްފައިވަނީ އުތުރު ކޮރެއާ ކޮލިފައިން އިން ވަކިވެ، ގަތަރު އޭޝިއަން ކަޕަށް ކޮލިފައިވުމާއި ގްރޫޕް ތަކުގެ ފުލަށްދާ ޓީމާ ދެކޮޅަށް ދެ ވަނައިގައި ނިންމި ޓީމުތަކާއި ހަތަރު ވަނައިގައި ނިންމާ ޓީމުތަކުން ކުޅުނު މެޗުތަކުގެ ޕޮއިންޓްތައް ނުގުނާ ކަމަށެވެ. މިސާލަކަށް ރާއްޖެ ގްރޫޕަށް ބަލާނަމަ ޗައިނާ އާއި ރާއްޖޭން ގުއާމާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ޕޮއިންޓްތައް ނުގުނާނެ އެވެ.

އެ ގޮތަށް ރޭންކިން ތަރުތީބު ކޮށްގެން ގެނެވުނު ބަދަލުގެ ތެރެއިން ގިނަ ޓީމުތަކަކަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތުން ލިބުނު ކަމަށެވެ. އޭގެ ތެރޭގައި ކޮލިފައިން ގްރޫޕްތަކުގެ ހަތަރު ވަނައިގައި ނިންމި ޓީމުތަކާއި ފަސް ވަނައިގައި ނިންމި ތިން ޓީމެއް ވެސް ހިމެނެ އެވެ. ރާއްޖެ އަށް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ހަތަރު ވަނައިގައި ނިންމުމުންނެވެ.

އޭއެފްސީން މިއަދު ނެރުނު ރޭންކިންގައިވާ ގޮތުން ހަތަރު ވަނައިގެ ގޮތުގައި އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ރާއްޖެ އާއި ނޭޕާލް، ހޮން ކޮންގް، ސިންގަޕޫރު، އަފްގާނިސްތާން، މޮންގޯލިއާ، ތައިލެންޑް އަދި ސްރީލަންކާ އެވެ. ގްރޫޕްތަކުގެ ފަސް ވަނައިގެ ގޮތުގައި އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަން ތިން ޓީމަކީ މިޔަންމާ އާއި ޔަމަން އަދި ބަންގްލަދޭޝް އެވެ. މި ޓީމުތަކަަށް ވެސް ފުރުސަތު ދިނީ ފަސް ވަނައިގައި ނިންމި ޓީމުތަކުގެ ރޭންކިންގެ ތެރެއިންނެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން އޮންނެ އިރެއް އަދި އޭއެފްސީން ކަނޑަނާޅަ އެވެ. އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ހަ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ވާދަކުރާނެ އެވެ. އެ ގޮތަށް ފޯމެޓް ހަދާފައިވާ އެ ކޮލިފައިންގެ ތެރެއިން ކޮންމެ ގްރޫޕަކުން ދެ ޓީމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ. ޕްލޭއޮފް ބުރުން މޮޅުވާ ޓީމުތައް އޭޝިއަން ކަޕުން ފުރުސަތު ހޯދަން ވާދަކުރަން ޖެހޭނީ މި ގްރޫޕްތަކުގަ އެވެ.

އޭއެފްސީން މިއަދު ކަނޑައެޅި އާ ރޭންކިންގައިވާ ގޮތުން ޕްލޭއޮފްގައި ކުޅޭނީ ހަތަރު ޓީމެވެ. އެއީ އިންޑޮނީޝިއާ، ކެމްބޯޑިއާ، ޗައިނީސް ޓައިޕޭ އަދި ގުއާމް އެވެ.

ރާއްޖޭން ވަނީ 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ރާއްޖެ ހިމެނުނީ އޮމާނާއި ފަލަސްތީން އަދި ބޫޓާނާ އެކު ގްރޫޕް ޑީގަ އެވެ. އެ ކޮލިފައިންގައި ރާއްޖެ ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. އަނެއް ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އެހެންވެ ރާއްޖެ އަށް 2019 ވަަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތެއް ނުލިބުނެވެ.