Advertisement

ނަފުރަތުގެ ބިލަށް ފުޅާކޮށް ހިޔާލު ހޯދުމުގެ ވިސްނުމެއް ނެތް

16 ޖޫން 2021 - 11:11 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ރިޔާސަތު އިމްތިޔާޒް ފަހުމީ ބަލަހައްޓަވަނީ: އެ ކޮމިޓީން ދަނީ ހިޔާލުތަފާތުވެފައިވާ ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު ދިރާސާ ކުރަމުން. -ފޮޓޯ: މަޖިލިސް


ނަފުރަތުގެ ބިލަށް ފުޅާކޮށް ހިޔާލު ހޯދުމުގެ ވިސްނުމެއް ނެތް

16 ޖޫން 2021 - 11:11 0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގައި ވެސް ހިޔާލުތަފާތުވުން ބޮޑުވެފައިވާ ބިލު އަންނަ ހަފުތާގައި ނިންމާ އަނބުރާ ތަޅުމަށް ފޮނުވަން އެ ބިލު ދިރާސާ ކުރާ ކޮމިޓީން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރަން ހުށަހަޅާފަ އެވެ.

އެ ބިލާ މެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ މެދުގައި ވެސް އުފެދިފައިވާ ހިޔާލުތަފާތުވުންތައް އިއްޔެ ކުރި އިބްތިދާއީ ބަހުސްގެ ތެރެއިން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

އެ ބިލާ ދެކޮޅަށް އިދިކޮޅު މެމްބަރުންގެ އިތުރުން، މަޖިލިސް ކޮންޓްރޯލް އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ކަންބޮޑުންފާޅު ކުރުމުން އެ ބިލާ މެދު އޮތް ހިޔާލުތަފާތުވުން ހާމަވި އެވެ.

ހިޔާލުތަފާތުވުންތައް ފެނުނު އިބްތިދާއީ ބަހުސްް ނިންމައި އެ ބިލް ބަލައިގަތުމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރީ ޖަލްސާގައި ތިއްބެވި 62 މެމްބަރުންގެ 38 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލު ބަލައިނުގަންނަން އެމްޑީޕީގެ ހަތަރު މެމްބަރަކު ވޯޓު ދެއްވިއިރު، އޭގެ ތެރޭގައި ސަނީފްގެ އިތުރުން، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ހިމެނިވަޑައިގެންނެވި އެވެ.

އެ ބިލު ދިރާސާ ކުރަން އިއްޔެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެ ބިލާ ގުޅޭގޮތުން ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމީ އަވަހަށް ނިންމަން ޖެހޭ ބިލްތައް އެޖެންޑާގެ ކުރިއަށް ލައިގެން މަސައްކަތްކުރާ އުސޫލުން އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އެއާ އެކު، ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ އެ ބިލަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހިޔާލު ލިޔުމުން ހޯދުމަށެވެ.

"އަޅުގަނޑު ސަޖެސްޓް ކުރަނީ ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިޔަން ރަނގަޅުވާނެ ކަމަށް މި ބިލަށް ކޮމެންޓް ހޯދަން އަދި ހަމަ އެއާ އެކުގައި އިސްލާމިކް މިނިސްޓްރީ އަށް ވެސް ބިލުގެ ބާވަތުން. އަދި ހަމަ އެއާ އެކުގައި މިއީ ހިޔާލުފާޅުކުރުމާ މި ބާވަތުގެ ހައްގުތަކާ ބެހޭ ވެސް ބިލަކަށް ވާތީވެ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ބިލަށް ކޮމެންޓް ހޯދުމަށް ލިޔަން،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި މި ބިލަކީ "ކުޑަ" ބިލެއް ކަމަށްވާތީ ޖަވާބުދޭން އެ ތިން މުއައްސަސާއަށް އެހާ ގިނަ ދުވަސް ދޭން ނުފެންނަ ކަމަށެވެ.

އެހެންކަމުން އިންތި ހުށަހެޅުއްވީ އަންނަ ހޯމަ ދުވަހާ ހަމައަށް މުއައްސަސާތަކުން ޖަވާބު ހޯދައި، އަންނަ ބުދަ ދުވަހު ބިލުގެ މަސައްކަތް ނިންމައި، ކޮމިޓީ ރިޕޯޓު އަނބުރާ ތަޅުމަށް ފޮނުވުމަށެވެ.

އެކަމަށް އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރެއްވުމުން، އިންތިގެ ހުށަހެޅުއްވުންތަކާ އެއް ގޮތަށް ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމުނެވެ.

އެންމެ ތިން މުއައްސަސާއެއްގެ ހިޔާލު ހަމައެކަނި ލިޔުމުން ހޯދައި ބިލުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިންމަން ކޮމިޓީން އަމާޒުހިފާފައިވަނީ، އެ ބިލާ މެދު ހިޔާލުތަފާތުވުންތައް ބޮޑުވެފައިވާތީ ކޮމިޓީ މަރުހަލާގައި ވަރަށް ފުޅާކޮށް ހިޔާލާއި މަޝްވަރާ ހޯދަން ބަހުސްގެ ތެރެއިން ގިނަ މެމްބަރުން ގޮވާލާފައިވާ ވަނިކޮށެވެ.

ބިލުން ގެންނަނީ ކޮން ބަދަލެއް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.

އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.

މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަކީ އެމަނިކުފާނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.