Advertisement

އެމެރިކާގައި ކޮވިޑުގެ ހަ ލައްކަ މަރު

އެމެރިކާގައި ކޮވިޑް ބަލި މީހަކަށް ފަރުވާ ދޭން ގެންދަނީ.-- ފޮޓޯ: އަނަޑޮލޫ އޭޖެންސީ


އެމެރިކާގައި ކޮވިޑުގެ ހަ ލައްކަ މަރު

ވޮޝިންޓަން، އެމެރިކާ (ޖޫން 16) - އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 600،000 ފަހަނަ އަޅައި ދިޔަ ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުން ދާނެ ކަމަށް ބުނެފި އެވެ.

ކޮވިޑުގެ ބަލިމަޑުކަން ފެށުނު ފަހުން އެއް ގައުމަކުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެއަށްފަހު އެންމެ ގިނަ މީހުން މަރުވީ ބްރެޒިލް އަދި އިންޑިއާއިންނެވެ.

ނަމަވެސް ކާމިޔާބުކަމާއެކު ކުރިއަށްދާ ވެކްސިން ޕްރޮގްރާމުގެ ސަބަބުން ބަލި ޖެހޭ މިންވަރު ވަނީ މަދުވާން ފަށާފަ އެވެ. އެހެންވެ އެމެރިކާއިން ތައްޔާރު ވަނީ ލުއިތައް ދިނުމަށެވެ.

ނިއު ޔޯކުގެ 18 އަހަރުން މަތީގެ 70 ޕަސެންޓު މީހުން ވެކްސިންގެ އެއް ޑޯޒް ޖަހާފައި ވާތީ، އަޅާފައިވާ ފިޔަވަޅުތައް ވަނީ އުވާލާފަ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދުތައް މަދުވަމުން ދިޔަ ނަމަވެސް މަރުވާ މީހުންގެ އިތުރު ކަމަށް ވިދާޅުވެ ރައީސް ޖޯ ބައިޑެން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ބައިޑެން އިއުލާން ކުރައްވާފައިވާ ލަނޑުދަނޑިއަކީ ޖުލައި 4 ވަނަ ދުވަހުގެ ކުރިން އެމެރިކާގެ ބޮޑެތި މީހުންގެ އާބާދީގެ 70 ޕަސެންޓަށް ވެކްސިންގެ އެއް ޑޯޒް ދިނުމަށެވެ.

ނަމަވެސް ދެކުނުގެ ބައެއް ސްޓޭޓުތަކުން އުޅެނީ މި ލަނޑުދަނޑިއަށް ވާސިލްވެވޭ ވަރަށް ވުރެ މާ ފަހަތުގަ އެވެ. އެހެންވެ ޖުލައި 4 ގެ ކުރިން އެކަން ހާސިލްވާނެ ކަމަށް ނުބެލެވެ އެވެ.

ނިއު ޔޯކުގެ އިތުރުން ކެލިފޯނިއާ ސްޓޭޓުގައި ވެސް ވަނީ ފިޔަވަޅުތައް އުވާލާފަ އެވެ. ވެކްސިން ޖަހާފައިވާ މީހުންނަށް މާސްކު ނުލައި ބޭރުގައި އުޅުމުގެ ހުއްދަ ވެސް އެ ސްޓޭޓުގައި ލިބެ އެވެ.

ވެރިރަށް ވޮޝިންޓަނުން ވެސް ވަނީ މިދިޔަ ހޯމަ ދުވަހު 18 އަހަރުން މަތީގެ 70 ޕަސެންޓަށް އެއް ޑޯޒް ދީ ނިންމާފަ އެވެ.

ތަޖުރިބާކާރުން މިހާރު އެންމެ ކަންބޮޑުވަނީ އެމެރިކާއިން ފެންނަމުންދާ ކޭސްތަކުގެ 10 ޕަސެންޓު ހިއްސާވާ ޑެލްޓާ ވޭރިއެންޓާ މެދު އެވެ.

އިނގިރޭސި ވިލާތުގެ ކޭސްތަކުގެ 96 ޕަސެންޓު ހިއްސާ ކުރަނީ މި ވޭރިއެންޓެވެ. އެ ގައުމުން ހެދި ދިރާސާއިން ދައްކާ ގޮތުގައި މިއީ 60 ޕަސެންޓު އަވަހަށް ފެތުރޭ ވޭރިއެންޓެކެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި ނަމަ ޑެލްޓާ ވޭރިއެންޓުގައި ހާލު ސީރިއަސްވުން މަދެވެ. ނަމަވެސް އެއް ޑޯޒް ޖަހާފައިވާ މީހުންނަށް ލިބޭ ރައްކާތެރިކަން ކުޑަ އެވެ.