Advertisement

އިޒްރޭލުން އަނެއްކާވެސް ގާޒާއަށް ހަމަލާ ދީފި

އިޒްރޭލުން ގާޒާއަށް މިއަދު ދިން ވައިގެ ހަމަލާ.-- ފޮޓޯ: އޭއެފްޕީ/ މަހްމޫދް ހަމްސް


އިޒްރޭލުން އަނެއްކާވެސް ގާޒާއަށް ހަމަލާ ދީފި

ގާޒާ (ޖޫން 16) - ދެކުނު އިޒްރޭލަށް އަމާޒުކޮށް އިންސެންޑިއަރީ ބެލޫން ހަމަލާތަކެއް ދިނުމުން އިޒްރޭލުން ރައްދުގައި ގާޒާއަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.

މިދިޔަ މަހު ވެސް އިޒްރޭލާއި ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތާ ދެމެދު ހަމަލާ ބަދަލު ކުރުމުން އެތައް ސަތޭކަ ބަޔަކު މަރުވި އެވެ. ހަމަލާތައް ހުއްޓާލީ 11 ދުވަހަށް ފަހު އެވެ.

މިއަދު ދިން ހަމަލާތަކަކީ އިޒްރޭލުގެ އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްގެ ދަށުން ހިންގާ ކޯލިޝަން ސަރުކާރު އައި ފަހުން ދިން ފުރަތަމަ ހަމަލާތަކެވެ.

އިއްޔެ އެތައް ހާސް ޔަހޫދީން ވަނީ ގުދުސްގައި ފަލަސްތީން މީހުން ދިރިއުޅޭ ހިސާބުގައި މަގުތަކަށް ނުކުމެ އިޒްރޭލް ދިދަ ހިފައިގެން ލަވަކިޔަމުން "ދިދައިގެ ހިނގާލުން" ބާއްވަފަ އެވެ.

ހިނގާލުން ބާއްވައިފި ނަމަ ހަމަލާދޭނެ ކަމުގެ އިންޒާރު ހަމާސްއިން މީގެ ކުރިން ދީފައި ވާއިރު، ހިނގާލުން ބޭއްވި ވަގުތު ސެކުއިރުޓީ އޮތީ ވަރުގަދަކޮށްފަ އެވެ.

ހިނގާލުމާ ދެކޮޅަށް މަގުތަކަށް ނުކުން ފަލަސްތީން ރައްޔިތުންނަށް އިޒްރޭލް ފުލުހުން ހަމަލާ ދިނުމުން ފަލަސްތީނުގެ 33 މީހުންނަށް އަނިޔާވި އެވެ. އަދި 17 މީހުން ހައްޔަރުކޮށްފައި ވެ އެވެ.

އިޒްރޭލުން މިއަދު ގާޒާއަށް ވައިގެ ހަމަލާތައް ދީފައި ވާއިރު، އެއް ހަމަލާ އަމާޒުވެފައިވަނީ ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސް ކައިރިއަށެވެ.

އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ ވައިގެ ހަމަލާ ދިނީ "އާސަން ބެލޫން" ނުވަތަ އަލިފާން ރޯކޮށްފައިވާ ފުއްޕާހަމުގެ ހަމަލާތަކެއް ދިނުމުން ކަމަށެވެ. އަދި ވައިގެ ހަމަލާ ދިނީ ހަމާސްގެ އަސްކަރީ ކޮމްޕައުންޑްތަކަށް ކަމަށް ބުންޏެވެ.

ހަމަލާތަކުގައި މިހާތަނަށް އެއްވެސް މީހަކު މަރުވިކަމެއް އަދި ސާފެއް ނޫނެވެ.

ގާޒާގައި ޓެރަރިސްޓް ހަރަކާތްތައް ހިންގުން ހުއްޓާނުލާ ނަމަ، އަލުން ހަމަލާ ބަދަލުކުރަން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ވެސް އައިޑީއެފުން ދިނެވެ.

އިޒްރޭލުގެ އަލިފާން ނިއްވާ ފަރާތްތަކުން ބުނީ ފުއްޕާހަންތަކުގެ ސަބަބުން ދެކުނު އިޒްރޭލުގެ 20 ތަނެއްގައި އަލިފާން ރޯވި ކަމަށެވެ.