Advertisement

ޖަރުމަނާ ދެކޮޅަށް ކޮންމެ މޮޅެއް ވެސް މުހިއްމުވާނެ: ޑެޝޯމްޕްސް

16 ޖޫން 2021 - 08:58 0


ޖަރުމަނާ ދެކޮޅަށް ކޮންމެ މޮޅެއް ވެސް މުހިއްމުވާނެ: ޑެޝޯމްޕްސް

16 ޖޫން 2021 - 08:58 0

މިއުނިކް (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާުތުގައި ފްރާންސް ރޭ ކުޅުނު މެޗުން ޖަރުމަނު އަތުން 1-0 އިން މޮޅުވިއިިރު، މުބާރާތެއްގައި ޖަރުމަނު އަތުން ކޮންމެ ގޮތަކަށް މޮޅެއް ލިބުނަސް އެއީ ކުރިއަށްދާން މުހިއްމުވާނެ ކަމެއް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ޖަރުމަނުގެ އަލިއާންޒް އެރީނާގައި މި ފަހަރުގެ މުބާރާތުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން ރޭ އެ ޓީމު ޖަރުމަނު އަތުން މޮޅުވިއިރު، މި މެޗުގެ ހަމައެކަނި ގޯލަކީ ފުރަތަމަ ހާފުގައި ޖަރުމަނުގެ މެޓް ހަމެލްސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފްރާންސް އިން ދެ ވަނަ ހާފްގައި ދެ ގޯލު ޖެހި ނަމަވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މެޗަށް ފަހު ޑެޝޯމްޕްސް ބުނީ ޖަރުމަނު ކަހަލަ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމަކާ ދެކޮޅަށް ފްރާންސް އިން ދެއްކި ކުޅުމަށް ތައުރީފު ހައްގު ކަމަށެވެ.

"ޖަރުމަނާ ދެކޮޅަށް އަހަރެމެން މި ކުޅުނީ މުބާރާތުގެ ފުރަތަމަ މެޗު. މި މެޗަކީ ސެމީ އަށް ވެސް އަދި ފައިނަލަށް ވެސް އެކަށޭނެ މެޗެއް. އެއީ ޖަރުމަނަކީ ވަރުގަދަ ޓީމެއް. އަދި އަމުދުން އަހަރެމެން ގްރޫޕް މި އޮތް ގޮތުން މި މޮޅު ވަރަށް މުހިއްމު އެބަވޭ. މިއީ ގޮތްތަކެއް ކަނޑައެޅޭނެ ނަތީޖާއެއް ނޫން ކަމުގައި ވިޔަސް އަހަރެމެންނަށް މީގެ ސަބަބުން ވާނެ ފަސޭހަ ބޮޑު،" ޑެޝޯމްޕްސް ބުންޏެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ވަނީ ފަހު ވަގުތު ޖެހި ގޯލުތަކާ އެކު 3-0 އިން ހަންގޭރީ ބަލިކޮށްފަ އެވެ.

ޑެޝޯމްޕްސް ބުނީ ޖަރުމަނާ ދެކޮޅަށް ފްރާންސް އިން ދެއްކި ކުޅުމުގައި އޭނާ އެންމެ ބަލައިގަންނަ ކަމަކީ ކުޅުންތެރިންގެ ފަރާތުން ފެނުނު ފައިޓިން ސްޕިރިޓް ކަމަށާއި މުބާރާތުގެ ފުރަތަމަ މެޗުން ވެސް އެކަން ފެނުމަކީ ކާމިޔާބު ހޯދަން ކުޅުންތެރިން ބޭނުންވެފައި ހުރި މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.

ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނީ ބަލިވި ކަމުގައި ވިޔަސް ޕޮޒިޓިވް ކަންތައްތަކެއް ފެނުނު ކަމަށާއި އެކަންކަން ރަނގަޅުކޮށްގެން ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި މެޗުގެ ފަރަގަކީ ޖަރުމަނުން ޖެހި ބައި ގޯލެއްކަން އެނގެން އެބައޮތް ކަމަށާއި މިއީ ވެސް ދެން ހުރި މެޗުތަކުގައި ރަނގަޅު ކޮށްފިނަމަ ޖަރުމަނަށް ކުރިއެރުން ހޯދޭނެ ކަމުގެ ހެއްކެއް ކަމަށް ލޯ ބުންޏެވެ.

"އަހަރެމެން ރަނގަޅުކުރަން ހުރި ކަންތައްތަކަށް ފޯކަސް ކުރަންވީ. އަދި އެހާ ބޮޑަށް ހާސްވާންވީ ވަގުތެއް ނޫން މިއީ،" މި ފަހަރުގެ ޔޫރޯ އަށް ފަހު ޖަރުމަނުގެ ކޯޗުކަން 15 އަހަރަށް ފަހު ދޫކޮށްލަން ނިންމާފައިވާ ލޯ ބުންޏެވެ.

ފްރާންސް ދެން އޮތް މެޗުގައި އަންނަ ހޮނިހިރު ދުވަހު ކުޅޭނީ ހަންގޭރީއާ އެެވެ. ޖަރުމަނު ބައްދަލުކުރާނީ ޕޯޗުގަލްއާ އެވެ.