Advertisement

އިރާނުގެ އިންތިހާބުގައި ވާދަވެރިކަމެއް ނެތް، ބެލެވެނީ ރައިސީ ކުރި ހޯދާނެ ކަމަށް

އިރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ އިބްރާހިމް ރައިސީގެ ސަޕޯޓަރެއް ޕޯސްޓަރު ހިފައިގެން.-- ފޮޓޯ: އޭއެފްޕީ/ އަތާ ކެނާރޭ


އިރާނުގެ އިންތިހާބުގައި ވާދަވެރިކަމެއް ނެތް، ބެލެވެނީ ރައިސީ ކުރި ހޯދާނެ ކަމަށް

ތެހްރާން، އިރާން (ޖޫން 16) - އިރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާ އާއި އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމުގެ މަޝްވަރާ ކުރިއަށްދާ މި ދަނޑިވަޅުގައި އަންނަ ހުކުރު ދުވަހު އާ ރައީސަކު އިންތިހާބު ކުރަން ވޯޓުލުން ކުރިއަށް ދާނެ އެވެ.

މިހާތަނަށް ނަގާފައިވާ ޕޯލްތަކުން ދައްކާ ގޮތުގައި އިންތިހާބުގައި ކުރި ހޯއްދަވާނީ އިބްރާހިމް ރައިސީ އެވެ. އިންތިހާބުގެ ކުރިން ގިނަ އެހެން ކެންޑިޑޭޓުންގެ ކެންޑިޑެސީ ވަނީ ބާތިލްކޮށްފަ އެވެ.

އިންތިހާބާ ދިމާކޮށް އިރާނުގައި މާ ބޮޑު ކެމްޕެއިން ކުރުމެއް ކުރިއަށް ނުދާއިރު، ރިޕޯޓުތައް ބުނާ ގޮތުން ނަތީޖާ އަންނާނީ ޕޯލްތަކާ ދާދި އެއް ގޮތަށެވެ. އިރާނަށް ދިމާވެފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ކާރިސާގެ ސަބަބުން ވޯޓުލާން ނުކުންނަ މީހުން މަދުވާނެ ކަމަށް ބެލެވެ އެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރު ހިންގި އިންގިލާބަށް ފަހު އިރާނުގައި އެންމެ ބޮޑެތި ބާރު ލިބިގެންވާ ވެރިޔަކީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އެވެ. ނަމަވެސް ސިނާއީ އަދި ހާރިޖީ ސިޔާސަތު ފަދަ ކަންކަމުގައި ރައީސަށް ވެސް ބޮޑެތި ބާރުތަކެއް ލިބިގެންވެ އެވެ.

މިހާރުގެ ރައީސް ހަސަން ރޫހާނީ ގެންދަވަނީ ގާނޫނު އަސާސީން ލިބިދޭ ހަތަރު އަހަރުގެ ދެ ވަނަ ދައުރު ފުރިހަމަ ކުރައްވަމުންނެވެ. އޭނާގެ ރައީސްކަމުގައި އެންމެ ބޮޑު ކަމަކަށް ހާސިލްވީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމުގެ ގޮތުން ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެއްބަސްވުމެއް 2015 ގައި އެކުލަވާލުމެވެ.

ނަމަވެސް މީގެ ތިން އަހަރު ކުރިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުމަށް އަމަލު ނުކުރައްވާނެކަން އިއުލާނު ކުރުމާއެކު އިރާނާ މެދު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިޔަ އެވެ. އޭގެ ސަބަބުން 83 މިލިއަން މީހުން ދިރިއުޅޭ އިރާނު އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނެވެ.

އެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ރޫހާނީއަށް ފާޑުކިޔާފައިވަނީ ހުޅަނގުގެ ގައުމުތަކަށް އިތުބާރު ކުރުމުންނެވެ. އިރާނުގެ ތެޔޮ ދުނިޔޭގެ ގައުމުތަކަށް ނުވިއްކޭނެ ފަދަ ފިޔަވަޅުތައް އެމެރިކާއިން އަޅާފައި ވާތީ އެ ގައުމުގެ އިގްތިސާދު ވަނީ އިނދަޖެހިފަ އެވެ.

އިގްތިސާދީ މައްސަލަތަކާއެކު އިޖުތިމާއީ މައްސަލަތައް ފެންމަތިވެ، 2017 އާއި 2018 އަދި 2019 ގައި ވެސް ސަރުކާރާ ދެކޮޅަށް އާއްމުން މުޒާހަރާ ކުރި އެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް ހަރުކަށި ފިޔަވަޅުތަކާއެކު މުޒާހަރާ ރުޅާލި އެވެ.

ފިޔަވަޅުތައް ނިންމުން

އުމުރުން 60 އަހަރުގެ ރައިސީއަކީ އިރާނުގެ ޖުޑިޝަރީގެ ކުރީގެ އެންމެ އިސްވެރިޔާ އެވެ. އޭނާ ނިސްބަތްވަނީ ހުޅަނގުގެ ގައުމުތަކަށް އިތުބާރު ނުކުރާ، އެމެރިކާއަކީ "ބޮޑު ޝައިތާނާ"ގެ ގޮތުގައި ސިފަކުރާ އަލްޓްރާކޮންޒަވޭޓިވުންގެ ވިސްނުމަށެވެ.

އިރާނުގެ ބައެއް ނޫސްތަކުން ދެކޭ ގޮތުގައި ރައިސީއަކީ އުމުރުން 82 އަހަރުގެ ހާމަނާއީއަށް ފަހު، އެ ގައުމުގެ ރޫހާނީ ލީޑަރުގެ މަގާމަށް އަންނާނެ ކަމަށް ބެލެވޭ ބޭފުޅާ އެވެ.

ރައިސީއަށް އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އެމެރިކާއާ މެދު ހަރުކަށި ވިސްނުންތައް ގެންގުޅޭނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު ކުރިއަށްދާ ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތަކަށް އަސަރު ކުރާނެ ކަމަށް ނުބެލެވެ އެވެ.

އިރާނުގެ އިންތިހާބުގައި ވާދަކުރާ ހަތް ކެންޑިޑޭޓުން ވެސް އެއްބަސްވާ ކަމަކީ ނިއުކްލިއާ އެއްބަސްވުމަށް އަލުން އަމަލު ކުރަން ޖެހޭ ކަމެވެ. އެއީ ޓްރަމްޕް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ފައިސާގެ އަގު ވެއްޓި، އިންފްލޭޝަން މަތިވެ، ވަޒީފާ ގެއްލުން ފަދަ އެތައް މައްސަލައަކަށް ހައްލު ލިބެން އޮތީ އެއްބަސްވުމާއެކު ކަމަށް ވާތީ އެވެ.

ޓީވީ މެދުވެރިކޮށް ދެއްކި ރިޔާސީ ބަހުސްގައި، ރައިސީ ވަނީ ރިފޯމިސްޓުންނަށް ހޫނު ބަހުގެ ހަމަލާތައް ދިނުމުގެ ބަދަލުގައި އިގްތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

އޭނާއާ ދެކޮޅަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ފާހަގަކުރެވެނީ ކުރީގެ ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔާ މުހްސިން ރިޒާއީ އަދި ނިއުކްލިއާ އެއްބަސްވުން ވުޖޫދަށް ގެނައުމުގައި އިސްކޮށް އުޅުނު އަލްޓްރާކޮންޒަވޭޓިވް ސައީދް ޖަލީލީ އެވެ.

އޭގެ އިތުރުން ކުރީގެ ނައިބު ރައީސް މުހްސިން މެހްރާލިޒާދޭ އާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަބްދުލްނާސިރު ހިއްމަތީ ވެސް ވާދަކުރައްވަ އެވެ. މިއީ ދެ ރިފޯމިސްޓުން ނަމަވެސް، ރިފޯމިސްޓް ކޯލިޝަނުގެ ފުރިހަމަ ތާއީދު އެ ތަނުން އެއްވެސް ކެންޑިޑޭޓަކަށް ނެތެވެ.

ހުކުރު ދުވަހުގެ ވޯޓުން އެއްވެސް ކެންޑިޑޭޓަކަށް ފުރިހަމަ މެޖޯރިޓީ ނުލިބޭ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުގެ ދެ ވަނަ ބުރު އޮންނާނީ ޖޫން 25 ގަ އެވެ.

މޭ މަހު ކެމްޕެއިން ކުރަން ފެށި ނަމަވެސް، އިންތިހާބުގެ މާ ބޮޑު ފޯރިއެއް ނެތެވެ. އެގޮތުން ވެރިރަށް ތެހްރާންގެ މަގުތަކުން ވެސް ފެންނަނީ ހަމައެކަނި ރައިސީގެ ޕޯސްޓަރުތައް އެކަންޏެވެ. އެންމެ ފަހުން 2017 ގައި ބޭއްވި އިންތިހާބުގައި މިހާރުގެ ރައީސް ރޫހާނީ އާ ވާދަކުރައްވައި، އޭނާ ވަނީ 38 ޕަސެންޓު ވޯޓު ހޯއްދަވާފަ އެވެ.

ކެމްޕެއިންގެ ފޯރި ނެތީ ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ބެލެވެ އެވެ. މީހުން އެއްވެ އުޅުން މަނާކޮށްފައި ވާއިރު، އޭގެ ސަބަބުން ވޯޓުލާން ނުކުންނަ މީހުން ވެސް މަދުވާނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ވޯޓުލާ މީހުން މަދުވެއްޖެ ނަމަ އޭގެ ފައިދާ ކުރާނީ ކޮންޒަވޭޓިވުންނަށެވެ.

މީގެ ކުރިން ބެލެވިފައި އޮތީ އިންތިހާބުގައި އެންމެ ވާދަވެރި ވާނީ ރައިސީ އާއި މޮޑަރޭޓް ކޮންޒަވޭޓިވް އަލީ ލަރިޖާނީ ކަމަށެވެ. ލަރިޖާނީއަކީ ހާމަނާއީގެ އެޑްވައިޒަރެކެވެ. ނަމަވެސް ގާޑިއަން ކައުންސިލުން ވަނީ ލަރިޖާނީ އާއި އެހެން ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށްފަ އެވެ.

އެހެންކަމުން މިހާރު ތިބި ކެންޑިޑޭޓުންނާއެކު އިންތިހާބު ކުރިއަށްދާއިރު، މާ ބޮޑު ވާދަވެރިކަމެއް ނެތި ރައިސީއަށް އިންތިހާބު ކާމިޔާބުވާނެ ކަމަށް ބެލެވެ އެވެ.