Advertisement

ސްޕޮންސަރަކާ ދެކޮޅަށް އަޑުއުފުލަން ވައި ކުޑައެއްގައި ދަނޑަށް

16 ޖޫން 2021 - 08:30 0

ރޭގެ މެޗަށް ކުޅުންތެރިން ތައްޔާރުވަމުންދިޔައިރު ވައިކުޑައެއްގައި މީހަކު ދަނޑަށް ޖައްސަނީ،


ސްޕޮންސަރަކާ ދެކޮޅަށް އަޑުއުފުލަން ވައި ކުޑައެއްގައި ދަނޑަށް

16 ޖޫން 2021 - 08:30 0

މިއުނިކް (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޖަރުމަނާއި ފްރާންސް ކުޅުނު މެޗު ފެށެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ޖަރުމަނުގެ ސްޕޮންސަރަކާ މެދު ހިތްހަމަނުޖެހިގެން ކުރެވޭ ހަޅުތާލުތަކުގައި އަޑުއުފުލާ މީހަކު ވައިކުޑައެއްގައި ދަނޑަށް ޖައްސައިފި އެވެ.

މިއުނިކްގެ އެލިއާންޒް އެރީނާ އަށް ވައިކުޑައެއްގައި ޖެއްސި މީހާ އަކީ ޖަރުމަނުގެ ކާރު އުފައްދާ ބްރޭންޑެއް ކަމަށްވާ ވޯލްސްކްވެގެން ކުންފުންޏާ ދެކޮޅަށް ހަޅުތާލުކުރަމުން އައި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ވޯލްސްކްވެގެންއާ ދެކޮޅަށް ބައިނަލްއަގުވާމީ ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާ ގްރީންޕީސް އިން އަޑުއުފުލައި ހަޅުތާލު ކުރަމުން އަންނަނީ ތިމާވެށްޓައް ގެއްލުން ބޮޑު ޕެޓްރޯލާއި ޑީސަލް އަޅާ ގިނަ ކާރުތަކެއް އުފައްދަމުން އަންނާތީ އެވެ. ގްރީންޕީސްގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ދަނޑަށް ވައިކުޑައެއްގައި ޖެއްސި މީހާގެ މި އަމަލަށް ތައުރީފުކޮށްފަ އެވެ.

ވައިކުޑައިގައި ދަނޑަށް ޖެއްސި މީހާ.


ވޯލްސްކްވެގެން އަކީ ޖަރުމަނު ފުޓްބޯޅަ ޓީމުގެ އެއް ސްޕޮންސަރެވެ. ޔޫރޯ މެޗެއްގެ ތެރެއިން ހަޅުތާލުކުރާ މީހަކު މެދުވެރިކޮށް މި ކަން ކުރަން ގްރީންޕީސް އިން ނިންމި އެންމެ ބޮޑު ސަބަބަކީ ގިނަ ބަޔެއްގެ ސަމާލުކަން މިކަމަށް ގެނައުމަށެވެ. އެއީ މުޅި ދުނިޔޭގެ ގިނަ ބަޔަކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލާނެކަން ޔަގީންވާތީ އެވެ.

ވައިކުޑައިގައި ދަނޑަށް އައި މީހާ ސްޓޭޑިއަމްގެ ފުރާޅާ ގުޅާފައިވާ ކެމެރާ ވާތަކުގައި އަޅާފައި ދަނޑުތެރެއަށް ވެއްޓުނު ވަގުތު ކެމެރާ ކްރޫ މެމްބަރަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އޭނާ އަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ވައިކުޑަ ދަނޑު ތެރޭގައި މަތިން އެނބުރެމުންދިޔަ ވަގުތުގައި ދިޔައީ ސަޕޯޓަރުންނާ ވަރަށް ކައިރިންނެެވެ. ދަނޑު މައްޗަށް ވައިކުޑަ ވެއްޓުމާ އެކު އޭގެ އިން މީހާއާ ދިމާލަށް ދިޔައީ ޖަރުމަނުގެ ދެ ކުޅުންތެރިން ކަމަށްވާ އެންޓޯނިއޯ ރޫޑިގާ އާއި ރޮބިން ގޮސެން އެވެ. އޭގެ ކުރިން ސެކިއުރިޓީ އޮފިޝަލުން ވަނީ އެ މީހާ ދަނޑުން ބާލައި އޭނާ އަށް ދޭން ޖެހޭ ސިއްހީ ފަރުވާ ދީފައި ހައްޔަރުކޮށްފަ އެވެ.

ވައިކުޑައިގައި ދަނޑަށް ޖެއްސި މީހާ ދަނޑުން ބާލަނީ.


އޭނާ ބޭލުމަށް ފަހު މެޗު ފަށަން އޮތް ވަގުތަށް މެޗު ފެށިއިރު، ޖަރުމަނު ވަނީ މި މެޗުން ފްރާންސް އަތުން 1-0 އިން ބަލިވެފަ އެވެ.

ޔުއެފާ އިން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. ޔުއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިކުޑައިގައި ދަނޑަށް ޖެއްސި މީހާގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

"ޔުއެފާ އިން ކަށަވަރުުކުރަން ބޭނުން ހުރިހާ ސަލާމަތީ ކަންކަމެއް. މި ފަދަ ކަންކަމަކީ ކޮށްގެންވާނެ ކަންކަމެއް ނޫން. މެޗު ވަގުތަށް ފެށުނު ކަމުގައި ވިޔަސް ގިނަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުމުން ހިތާމަކުރަން. މި މައްސަލަ މިދަނީ ސީިރިއަސްކަމެއްގެ ގޮތުގައި ތަހުގީގުކުރަމުން،" ޔުއެފާ އިން ނެރުނު ބަޔާނުގައިވެ އެވެ.

މި ފަހަރުގެ ޔޫރޯގައި އިންގްލެންޑާއި ކްރޮއޭޝިއާ މެޗު ފެށުމުގެ ކުރިން އިނގިރޭސި ސަޕޯޓަރަކު ދަނޑުގެ ސީޓުން ވެއްޓުނު ގޮތަކުން އޭނާ އަށް ސީރިއަސް އަނިޔާއެއްވެ އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.