Advertisement

ރަނގަޅު ހާލަތެއް ނަމަ ފިލިޕީންސް ބަލިކުރެވޭނެ: ގައުމީ ކޯޗު

16 ޖޫން 2021 - 02:21 0


ރަނގަޅު ހާލަތެއް ނަމަ ފިލިޕީންސް ބަލިކުރެވޭނެ: ގައުމީ ކޯޗު

16 ޖޫން 2021 - 02:21 0

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ކުޅުނު މެޗުން ފިލިޕީންސާ 1-1 އިން އެއްވަރުވިއިރު، މިއީ ރާއްޖެ އަށް ރަނގަޅު ތައްޔާރީތަކަކާ އެކު އޮތް ހާލަތެއްގައި ކުޅެވުނު މެޗެއްނަމަ މޮޅުވެވޭނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފި އެވެ.

ރާއްޖޭން މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި މި މެޗުގައި ފިލިޕީންސް އިން ލީޑުނެގި އެވެ. ޕިލިޕީންސް އިން ލަނޑު ޖެހިތާ ހަ މިނިޓް ތެރޭ އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖެ އަށް އެއްވަރުކޮށްދީފަ އެވެ.

ދުބާއީގައި ސެންޓްރަލައިޒްކޮށް މި ކުޅުނު މެޗުތަކަށް ރާއްޖެ އަށް ދަނޑުމަތީގައި ޕްރެކްޓިސް ކުރެވޭ ގޮތްވީ މިދިޔަ މަހު 22 ވަނަ ދުވަހު ދުބާއީ އަށް ދިޔަ ފަހުންނެވެ. މާލޭގައި ކޭމްޕްކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ހޮޓްލެ ޖެންގަ އެވެ. މާލޭ ސްޓޭޑިއަމްގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ނުލިބޭތީ ހޮޓަލްގެ ބޯލް ރޫމުގައި ޕްރެކްޓިސް ކުރި އެވެ. އެހެންވެ މެޗުތަކުގައި ގައުމީ ޓީމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

ސެންޓްރަަލައިޒްކޮށް ކުޅުނު ބާކީ މެޗުތަކުގެ ތެރެެއިން ފުރަތަމަ ދެ މެޗުން ރާއްޖެ ވަނީ 4-0 އިން ސީރިއާ އަތުން އަދި 5-0 އިން ޗައިނާ އަތުން ބަލިވެފަ އެވެ. މިރޭ ފިލިޕީންސާ އެއްވަރުވި މެޗަށް ފަހު ކޫޕްމަން ބުނީ ޗައިނާ އާއި ސީރިއާ މި ވަގުތަށް ބަލާއިރު އޮތީ ކުރީގައިކަން ގަބޫލުކުރަން ޖެހޭ ކަމަށާއި މި ހާލަތުގެ ގޮތުން ފިލިޕީންސް އަތުން ލިބުނު ޕޮއިންޓާ މެދު ވެސް ހިތްހަމަ ޖެހޭ ކަމަށެެވެ.

"އަހަރެމެން ރަނގަޅު ޝޭޕެއްގައި ރަނގަޅު ހާލަތެއްގައި ތިބިނަމަ އަހަރެެމެންނަށް ފިލިޕީންސް ބަލިކުރެވޭނެ. އަހަރެމެން މި ވަގުތު ތިބި ހާލަތަށް ބަލާއިރު ކުޅުންތެރިން ވަރަށް މަސައްކަތްކޮށްފި. ކުޅުމުގައި އަހަރެމެން ބޭނުންވާ ބަދަލުތައް ފެންނަން ފަށައިފި. ފުރަތަމަ ހާފު ދިޔައީ ވަރަށް ރަނގަޅަށް. ދެން ދެ ވަނަ ހާފްގައި އަހަރެމެންގެ ބާރު ދެރަވާން ފަށައިފި. މި ވަގުތު ކަންކަން ހުރި ގޮތުން އެއީ ވާނެ ކަމެއް،" ކޫޕްމަން ބުންޏެވެ.

ކޫޕްމަން ބުނީ މި މެޗުތައް ކުޅެން ޖެހުނު ދަނޑިވަޅާއި ކުޅުންތެރިން ކުރި މަސައްކަތާ ބަލާއިރު މިއީ ކަންތައްތަކެއް ދަސްވި ފަހަރެއް ކަމަށެވެ. އުއްމީދަކީ މި އަށް ވުރެ ރަނގަޅަށް މަސައްކަތްކޮށްގެން އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުން ކަމަށެވެ.

ޕްލޭއޮފަށް؟ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް؟

އޭއެފްސީން ހަދާފައިވާ ގަވާއިދަށް ބަލާއިރު މިރޭގެ މެޗުން މޮޅުވެގެން އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް އޮތެވެ. އެއީ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގައި ނިންމި ނަމަވެސް ހުރިހާ ގްރޫޕްތަކުގެ ހަތަރު ވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. މިރޭ އެއްވަރުވުމުން އެ ފުރުސަތު ގެއްލި ރާއްޖެ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ކުޅެން ޖެހޭނެ ކަމަށް ބެލެވުނެވެ.

އެއީ ހުރިހާ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ވަނަ ޓީމުތަކުގެ ތެރެއިން ރޭންކިން ކަނޑައަޅާއިރު، އެ ގްރޫޕެއްގެ އެންމެ ފުލުގައި އޮންނަ ޓީމެއް އަތުން ހޯދާ ޕޮއިންޓްތަކެއް ނުގުނާނެތީ އެވެ. އެ އުސޫލުން ބަލާނަމަ ރާއްޖެ އަށް ރަނގަޅު ނަތީޖާ ނެރޭ ހަަތަރު ވަނަ ޓީމުތަކުގެ ތެރެއިން ލިބެނީ ހަ ވަަނަ އެވެ. އެހެންވެއްޖެނަަމަ ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.

އެކަމަކު އޭއެފްސީން މިރޭ ސޯޝަލް މީޑިއާ އާއި އޭއެފްސީ ވެބްސައިޓުގައި ހިމަނާފައިވާ ރާއްޖެ މެޗުގެ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެ އާއި ފިލިޕީންސަށް ވެސް ވަނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފަ އެވެ.

އޭއެފްސީ ވެބްސައިޓްގައިވާ ގޮތުން ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ހަތް ޕޮއިންޓް ހޯދާފައިވާތީ އެވެ. ރާއްޖެ އަށް އެ ހަތް ޕޮއިންޓް ގުނަނީ ގުއާމް މެޗުގެ ޕޮއިންޓްތައް ވެސް ހިމަނައިގެންނެވެ. އޭއެފްސީގެ މި ނިންމުން އަދި މުޅި އަކުން ސާފެއް ނުވެ އެވެ.

ބެލެވޭ ގޮތުގައި ކޮލިފައިން ގްރޫޕް އެޗްގެ އެންމެ ފުލުުގައި އޮތް ނޯތު ކޮރެއާ މުބާރާތުން ވަކިވުމުން އޭއެފްސީން އުސޫލަށް ބަދަލެއް ގެނެސް އޭގެ ތެެރެއިން ހެދި ކަލްކިއުލޭޝަނެއްގެ ތެރެއިން ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ހަ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ވާދަކުރާނެ އެވެ. އެ ގޮތަށް ފޯމެޓް ހަދާފައިވާ އެ ކޮލިފައިންގެ ތެރެއިން ކޮންމެ ގްރޫޕަކުން ދެ ޓީމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ. ޕްލޭއޮފް ބުރުން މޮޅުވާ ޓީމުތައް އޭޝިއަން ކަޕުން ފުރުސަތު ހޯދަން ވާދަކުރަން ޖެހޭނީ މި ގްރޫޕްތަކުގަ އެވެ.