Advertisement

1،000 ފްލެޓުގެ އަގުތައް އާއްމުކޮށްފި، 2 ކޮޓަރީގެ ކައުންސިލް ހައުސިން 5،500ރ.

15 ޖޫން 2021 - 17:57 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އެޕޯލޯ އިން އިމާރާތްކުރާ ފްލެޓްތައް: މި ފްލެޓްތައް ދެ އަހަރުގެ ތެރޭގައި ނިމޭނެ ހައުސިން މިނިސްޓަރު ވިދާޅުވޭ. -- ފޮޓޯ/ހައުސިން މިނިސްޓްރީ


1،000 ފްލެޓުގެ އަގުތައް އާއްމުކޮށްފި، 2 ކޮޓަރީގެ ކައުންސިލް ހައުސިން 5،500ރ.

15 ޖޫން 2021 - 17:57 1

ދިވެހި ކުންފުންޏަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހައުސިން މަޝްރޫއުގައި ހިމެނޭ 1،000 ފްލެޓްތަކުގެ އަގުތައް ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

އެ ހައުސިން ޔުނިޓުތައް އަޅަނީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ޕްރޮޖެކްޓު އެޕޯލޯއާ ހަވާލު ކުރީ ސަރުކާރުން ހިންގަން ބޭނުންވާ ހައުސިން ޕްރޮޖެކްޓުތައް ޑިވެލޮޕް ކުރުމަށް އަމިއްލަ ފަރާތްތައް މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގަ އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ޖުމްލަ ނުވަ ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ ޓަވަރުގެ ބިންގާ މިއަދު ވަނީ އަޅައިފަ އެވެ.

މި މަޝްރޫއުގެ ދަށުން އަޅަނީ ތިން ކެޓަގަރީއަކަށް ފެތޭ ގޮތަށް، ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން އަދި މިޑްލް އިންކަމް ހައުސިން އެވެ. އެއީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ސިޓީ ކައުންސިލް މެދުވެރިކޮށް ކުއްޔަށް ދޫކުރެވޭ ކައުންސިލް ހައުސިންގެ ދަށުން ދެ ކޮޓަރީގެ 60 ޔުނިޓާއި ތިން ކޮޓަރީގެ 60 ޔުނިޓު ދޫކުރެވޭނެ ކަމަށެވެ.

ވަކި ވަރަކަށްވުރެ އާމްދަނީ މަދުން ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން ކުއްޔަށްދޭ ދެ ކޮޓަރީގެ ޔުނިޓަކަށް މަހަކު 5،500ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ ޔުނިޓެއްގެ ކުއްޔަކީ 7،000ރ. އެވެ.

މިދިޔަ ސަރުކާރުން ގާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ސައިޒާ އަޅާބަލާއިރު، މިހާރު އަޅާ ކައުންސިލު ހައުސިން ޔުނިޓުތައް ޖާގައިގެ ގޮތުން ތަނަވަސްވާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

އެގޮތުން، ހިޔާ ފެލެޓެއްގައި 586 އަކަފޫޓު ހުންނައިރު، ސޯޝަލް ހައުސިންގެ ދަށުން އެޅޭ ދެ ކޮޓަރީގެ ޔުނިޓެއްގައި 650 އަކަފޫޓު ހުންނައިރު، ތިން ކޮޓަރީގެ ފްލެޓެއްގެ ސައިޒަކީ 800 އަކަފޫޓު ކަމަށެވެ.

"މިހާރު އަޅާ ކައުންސިލް ހައުސިންތަކަކީ ސައިޒުން ބޮޑުކޮށް ކުލި ކުޑަކޮށް ހުރި ތަންތަނުގެ ގޮތުގައި ފާހަގަކޮށްލަންޖެހޭ،" މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި ކައުންސިލް ހައުސިން ޔުނިޓެއްގައި މާލީ ހާލަތު ރަނގަޅުވަންދެން އެތަން ކުއްޔަށް ދެވޭ އާއިލާތަކަށް ދިރިއުޅެވޭނެ ކަމަށެވެ.

ކައުންސިލް ހައުސިންއާ ހިލާފަށް އެފޯޑަބަލް ހައުސިން ޔުނިޓުތަކަކީ ފައިސާ ދައްކަމުން ގޮސް އަމިއްލަ ކުރެވޭ ގޮތަށް ކަމަށް މަބްރޫކު ފާހަގަކުރެއްވި އެވެ.

އެގޮތުން، އެފޯޑަބަލް ހައުސިންގެ ދަށުން ދޫކުރެވޭ 650 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 8،600ރ. ދައްކަންޖެހޭއިރު، 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުއްޔަކީ މަހަކު 13،000ރ. ގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން، މިޑްލެވަލް ހައުސިން ޔުނިޓުތަކެއް ތަރައްގީ ކުރެވޭއިރު، 750 އަކަފޫޓުގެ ދެ ކޮޓަރީގެ 160 ޔުނިޓާއި 1،000 އަކަފޫޓުގެ ތިން ކޮޓަރީގެ 500 ޔުނިޓު ވެސް މި މަޝްރޫއުގެ ދަށުން އެޅިގެންދާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

އެކަމަކު މި ކެޓަގަރީ ފްލެޓުތަކުގެ އަގުތައް ކަނޑައަޅައިގެން ކުރިއަށް ގެންދާނީ ސީދާ ކޮންޓްރެކްޓަރުކަން އޭނާ ފާހަގަކުރެއްވި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންސެޕްޓާއި ޑިޒައިން ވެސް ކުރިއަށް ގެންދަނީ އެ ކުންފުނިންނެވެ. މި މަޝްރޫއުގައި ފައިނޭންސް ކުރާނީ ވެސް އެޕޯލޯ އިންނެވެ.

މިއަދު ބިންގާ އެޅި 1،000 ފްލެޓް ދެ އަހަރުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

މާލެ އާއި ރަށްރަށުގެ ބޯހިޔާވަހިކަމަށް މި ސަރުކާރުން ގިނަ ވައުދުތަކެއް ވި ނަމަވެސް އެ މަޝްރޫއުތައް ތަންފީޒުކުރުމުގައި ލަސްކަމުގެ ޝަކުވާ ބޮޑެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ މި ވެރިކަމުގައި މިހާތަނަށް ގިނަ ފްލެޓްތަކުގެ އަމަލީ މަސައްކަތް ފެށިފައި ނުވުމެވެ.

އެކަމަކު އަސްލަމް އެކަން ދިފާއުކުރައްވައި "އަދަދު"އަށް ވިދާޅުވެފައި ވަނީ، މި ދައުރުގެ ތެރޭގައި 13،000-15،000 ހައުސިން ޔުނިޓް ފަށައި ބޮޑު މިންވަރެއް ނިންމޭނެ ކަމަށެވެ. މިހާތަނަށް މާލެ ސަރަހައްދުގައި އަޅަން ފަށާފައި ވަނީ 5،000 ފްލެޓެވެ.

މި ސަރުކާރުގެ ވިސްނުމަކީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިންގެ އިތުރުން މިޑްލް އިންކަމްގެ ކެޓަގަރީއެއް ކުރިއަށް ގެންދިއުމެވެ. މި ތިން ކެޓަގަރީއަށް ކޮންމެ ވަޒީފާއެއް އަދާކުރިއަސް ކުރިމަތިލެވޭނެ ގޮތަށް ހުޅުވާލަން އޮތީ ނިންމައިފަ އެވެ.