Advertisement

ހިޔާ ފްލެޓްތައް އަންނަ މަހުގެ މެދު ތެރޭގައި ހަވާލުކުރަން ފަށަނީ

15 ޖޫން 2021 - 17:52 2

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ހިޔާ ފްލެޓްތައް: އެއްބަސްވުންތަކުގައި ސޮއިކޮށް އަންނަ މަހުގެ މެދު ތެރޭގައި ފްލެޓްތައް ހަވާލުކުރަން ފަށާނެ.


ހިޔާ ފްލެޓްތައް އަންނަ މަހުގެ މެދު ތެރޭގައި ހަވާލުކުރަން ފަށަނީ

15 ޖޫން 2021 - 17:52 2

ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލުކުރަން އަންނަ މަހުގެ 14ގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައި މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ނިންމާލެވޭނެ ކަމަށެވެ. އެތަނުގައި ދިރިއުޅެން ފަށަންވާއިރަށް ނިންމަން ޖެހޭ ގިނަ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށް ވެސް ވިދާޅުވި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމާފައި ވަނީ ފްލެޓްތައް ހަވާލުކޮށް، ފިނިޝިންއަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފްލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ.

މި އަދަދު ބޮޑު ކަމަށާއި 5،600ރ. އަށް ކުޑަކޮށްދޭން މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. މި މަޝްވަރާތަކަށް އެދިފައިވާކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ އަގުތަކާ ގުޅޭ ގޮތުން މިހާތަނަށް އޮތް ނިންމުމަކީ އެންމެ ފަހުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއްމުކުރެއްވި އަގުތައް ކަމަށެވެ.

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއަށް ކުރިމަތިލި 25،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 6،720ރ. އަށެވެ.

އެޗްޑީސީން ލަފާކުރަނީ ހިޔާ ފްލެޓްތަކަށް ގާތްގަނޑަކަށް 35,000 މީހުން ވަންނާނެ ކަމަށެވެ. އެއީ ކޮންމެ ޓަވަރެއްގައި 2,000 މީހުން ދިރިއުޅޭނެ ކަމަށް ބަލައިގެންނެވެ. ހިޔާއަށް ދިރިއުޅުން ބަދަލުކޮށް ދެ ވަނަ ފިޔަވަހީގައި އާބާދުވާ މީހުންނާ އެކު ހުޅުމާލޭގެ ޖުމްލަ އާބާދީ މި އަހަރު 100,000 އަށް ވުރެން މަތިވާނެ އެވެ.