Advertisement

ކާފިއު ލުއިކޮށް، ކަސްރަތަށް ފުރުސަތު ދީފި

15 ޖޫން 2021 - 17:07 0

ނާޒިމް ހަސަން

ނާޒިމް ހަސަން


ކާފިއު ލުއިކޮށް، ކަސްރަތަށް ފުރުސަތު ދީފި

15 ޖޫން 2021 - 17:07 0

ކޮވިޑުގެ ހާލަތު މާލޭ ސަރަހައްދަށް އެޅި ފިޔަވަޅުތައް ލުއި ކުރުމުގެ ގޮތުން ކާފިއުގެ ވަގުތު ކުރުކޮށް، ކަސްރަތު ކުރުމަށް ނުކުމެވޭނެ ގޮތް ހަދައިފި އެވެ.

މިހާރު މާލޭ ސަރަހައްދުގައި ހަވީރު 4:00 ން ފެށިގެން ހެނދުނު 8:00 އާ ހަމައަށެވެ. ނަމަވެސް، މާދަމާއިން ފެށިގެން ކާފިއު ހިންގާނީ ހަވީރު 4:00 ން ފެށިގެން ފަތިހު 4:00 އަށެވެ.

އެޗްއީއޯސީގެ ތަރުޖަމާން ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި، ފަތިހު 4:00 ން ފެށިގެން ހެނދުނު 8:00 އާ ހަމައަށް އެކަނި ކަސްރަތު ކުރުމަށް ހުއްދައަކާ ނުލާ ނުކުމެވޭނެ އެވެ. ނަމަވެސް، ގުރޫޕް ހަދައިގެން ކަސްރަތު ކުރަން ފުރުސަތެއް ނުދޭނެ އެވެ.

މީގެކުރިން ކަސްރަތު ކުރުމަށް ހުއްދަ ދެމުން ދިޔައީ ވަރަށް މަދު ހާލަތެއްގައި ޑޮކްޓަރުން ލަފާ ދީފައިވާ މީހުންނަށް އެކަންޏެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި، ހެނދުނު 8:00ގެ ފަހުން ބޭރަށް ނުކުމެވޭނީ މިހާރު ވެސް އަމަލު ކުރަމުންދާ ގޮތަށް ހުއްދަ ހޯދައިގެން އެކަންޏެވެ.

ދެން ލުއި ދީފައިވަނީ މިސްކިތްތަކަށް އަޅާފައިވާ ފިޔަވަޅަށް އެކަންޏެވެ. އެގޮތުން މިސްކިތްތަކުގައި އެކަނި ނަމާދު ކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި، މިއީ ކުރިއަށް އޮތް ދެ ހަފުތާއަށް ފިޔަވަޅުތައް އޮންނާނެ ގޮތެވެ. މީގެ ތިން ހަފުތާ ކުރިން އަޅާފައިވާ އެހެން ފިޔަވަޅުތައް އެ އޮތް ގޮތަށް ދެމި އޮންނާނެ އެވެ.

މިދިޔަ މަހުގެ 26 އިން ފެށިގެން ހަރުކަށި ކޮށްފައިވާ ފިޔަވަޅުތައް

ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފާސް އޮންނަ މީހުން.

ކޮންމެ ގޭބީސީއަކަށް ދޫކުރެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ދެ ފާސް.

ކާފިއު ގަޑިތަކުގައި ޑެލިވަރީ ފިޔަވައި އެހެން ހިދުމަތެއް ދިނުން މަނާ.

ޑެލިވަރީ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ދަންވަރު 12:00 އަށް

ހަރުކަށި ފިޔަވަޅުތަކަށް މާ ބޮޑު ލުޔެއް ނުދިން ސަބަބެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް ކޭސްތައް އިންތިހާއަށް މައްޗަށް ދިޔުމުން ޓެސްޓު ކުރުން މަދުކޮށްފައި އޮތުމުން ހަގީގީ މަންޒަރު ސާފުނުވާތީ އެވެ. ހާލަތު ގޯސްވުމުން ރެންޑަމް ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިން ހުއްޓާލި އެވެ.

ނަމަވެސް މިހާރު ރެންޑަމް ސާމްޕަލާއި އެކްޓިވް ސާވަޔަލެންސް ސާމަޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިން ވެސް މާލޭން ވަނީ ފަށާފަ އެވެ. އެހެންވެ، ކޮވިޑްގެ ހާލަތު އޮތް މިންވަރު ކުރިއަށް އޮތް ދުވަސްތަކުގައި ސާފުވާނެ ކަމަށް ބެލެވެ އެވެ.