Advertisement

ހިޔާލު ދެ ކަފި ވެފައިވާ ނަފުރަތުގެ ބިލު ބަލައިގަނެ، ކޮމިޓީއަށް

15 ޖޫން 2021 - 16:27 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް


ހިޔާލު ދެ ކަފި ވެފައިވާ ނަފުރަތުގެ ބިލު ބަލައިގަނެ، ކޮމިޓީއަށް

15 ޖޫން 2021 - 16:27 0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގައި ވެސް ހިޔާލުތަފާތުވުން ބޮޑުވެފައިވާ ބިލު މިއަދު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރަން ހުށަހަޅާފަ އެވެ.

އެ ބިލާމެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ މެދުގައި ވެސް އުފެދިފައިވާ ހިޔާލުތަފާތުވުންތައް މިއަދު ކުރި އިބްތިދާއީ ބަހުސްގެ ތެރެއަށް ވެސް ވަނީ ފޭދިފަ އެވެ.

މިއަދުގެ ބަހުސްގައި މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ ގިނަ މެމްބަރުންގެ ވިސްނުން ސާފުވި އެވެ.

ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ އާއްމުކޮށް ރާއްޖޭގައި ކަން ހިނގާ އުސޫލުން، ބިލު ރަނގަޅަށް ނުކިޔައި، ސިޔާސީ މަގުސަދަށްޓަކައި ފިތުނަ އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީން މި ބިލާ ދެކޮޅަށް، ރައްޔިތުންނަށް އޮޅޭ ގޮތަށް ބަޔާންތައް ނެރެފައިވާކަން އޭނާ ވިދާޅުވި އެވެ.

"ކޯލިޝަނުގެ ޕާޓުނަރުން މިފަދަ ކަންކަން ކުރެއްވީމަ ވަރަށް ބޮޑަށް ފިތުނަ އެބައުފެދޭ. އެހެންވީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ގޮވާލަން މިއަދުން މިއަދަށް ކޯލިޝަން ސަރުކާރުން ވަކިވެވަޑައިގަންނަވަން،" އަހުމަދު ހަލީމް ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ދީނާ ހިލާފު މީހެއް ކަމަށް މަގުމަތިން ހުކުމްކޮށް، މަގުމަތިން ތަންފީޒު ކުރުމަކީ ފުރުސަތު ދެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް، ސިޔާސީ ބޭނުމަށްޓަކައި ސިޔާސީ ވާދަވެރިން ދައްކާ ވާހަކަތަކުގައި ޖެހި، ބައެއް ކައުންސިލުތަކުން ވެސް ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ބިލުގެ ބޭނުމަކީ ވަކި ބަޔަކު ހިތްހަމަނުޖެހޭ މީހަކާ ދިމާއަށް ކާފަރެކޭ ބުނެ އެމީހާ މަރަން މަގުމަތިން ހުކުމް ކުރުން ހުއްޓުވުން،" ޝިފާއު ވިދާޅުވި އެވެ.

އަދި ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިން ވެސް ބިލުގައި އޮތް އެއްޗެއްގެ މާނައޮޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން އެކަމާ އޭނާ ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

އިދިކޮޅު އެކަންޏެއް ނޫން، އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ބިލާ ދެކޮޅު

މަޑުއްވަރީ ދާއިރާގެ މެމްބަރު އިދިކޮޅު މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ނަފުރަތު އުފެއްދުމަކީ މިހާރު ވެސް ހެދިފައި ހުރި ގާނޫނުތަކުން މަނާކޮށްފައިވާ އަދި ދީނާ ހިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ދީނަށް ފުރައްސާރަކޮށް ހަޖޫޖަހައި މީހުންނަކީ ދީނާ ދެކޮޅު މީހުންކަމަށް ބުނުން ހުއްޓުވަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މި ބިލުގެ ސަބަބުން އިސްލާމް ދީނުގެ ދިފާއުގައި ވާހަކަ ދައްކާ މީހަކު ޖަލަށް ދާންޖެހިދާނެ ކަމަށާއި، މައިގަނޑު ކަންބޮޑުވުމަކީ އެއީ ކަމަށެވެ.

"މީގެ ސަބަބުން އިސްލާމީ ތަރުބިއްޔަތު ދިނުމަށް ވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މި ބިލަކީ ބޭރުގެ ނުފޫޒާއެކު "ސެކިއުލާ" ވިސްނުން ރާއްޖެއަށް ގެންނަން ކުރާ މަސައްކަތެއް ކަމަށް ތުހުމަތު ކުރައްވަމުން، މި ބިލު ފާސްކުރިޔަސް، އެ ބިލު ތަސްދީގު ނުކުރެއްވުމަށް އޭނާ ރައީސް ސޯލިހަށް ގޮވާލެއްވި އެވެ.

އާދަމް ޝަރީފްގެ ފަހުން އިދިކޮޅުން ވާހަކަ ދެއްކެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ވެސް ނިޒާމީ މައްސަލަތައް ނަގައިގެން އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ހުރަސްއަޅައިފަ އެވެ.

އަދި ނިޒާމީ މައްސަލަތަކުގެ ދެމެދުން، ރިޔާސަތުގައި ހަސަން އަފީފް ވެސް ވަނީ އެކި ފަހަރު މަތިން އެ ބިލުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

ބިލާ ދެކޮޅަށް ދެއްކި ވާހަކަތައް ހުއްޓުވަން ނިޒާމީ މައްސަލަ ނަގަން ފުރުސަތު ދޭތީ، ރިޔާސަތަށް ބައެއް މެމްބަރުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

އެ ބިލާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތައް ހުރި ކަން ހާމަވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފުގެ ވާހަކައާއެކު އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބިލުގެ ސަބަބުން ރާއްޖޭގައި އިސްލާމް ދީން ފަތުރަން ވެސް ހުރަސްއެޅޭ ކަމަށެވެ.

"އިސްލާމް ދީނުގެ އަގީދާއާއި ގުޅުވައިގެން މުޖުތަމައުގެ މީހަކާމެދު ނަފްތަރު އުފެއްދުންކަމުގައި މީގަައި ބެލެވިދާނެ ޒިނޭ ކުރާމީހާ ޒިނޭ ކޮށްފިކަމަށް ބުނާ ހިނދުގައި ނުވަތަަ ރާ ބުއި މީހާ ރާ ބޮއެފި ކަމަށް ބުނާ ހިނދެއްގައި ވެސް،" އެ ބިލަށް ތާއީދުނުކުރައްވާކަމަށް ސާފުކޮށް ވިދާޅުވަމުން ސަނީފް ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

އެހެންކަމުން މި ބިލު އަނބުރާ ގެންދަން ސަނީފް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އެ ބިލާ ދެކޮޅަށް ދެން ވާހަކަ ދެއްކެވި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ އެ ބިލުގައިވާ ބައެއް މާއްދާތައް އުނިކުރަން ޖެހޭ ކަމަށާއި މިހާރު އޮތް ގޮތަށް ބިލު ފާސްކުރަން ވޯޓު ދެއްވެން ނެތް ކަަމަށެވެ.

ޔައުގޫބު ކަންބޮޑުވުންފާޅު ކުރެއްވީ އެ ބިލުގެ އެއް ވަނަ ނަމްބަރުގައި "އާއްމު ތަނެއްގައި، ވަކި މީހާކީ އިސްލާމްދީނާ ހިލާފަށް ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތުކުރުން،" އިބާރާތްކޮށްފައިވާ ގޮތާމެދު އެވެ.

އެގޮތުން، އޭނާ ވިދާޅުވީ އެ އިބާރާތް އޮތް ގޮތުން އިސްލާމްދީނާ ހިލާފަށް އުޅޭ މީހަކަށް އެފަދަ އަމަލެއް ކުރާ ކަމުގެ ތުހުމަތު ކުރުމުގެ ޖާގަ ވެސް ގެއްލޭ ކަމަށެވެ.

"އެފަދަ މީހަކު އިސްލާމްދީނާ ދެކޮޅަށް އުޅޭ އިރު ވެސް އެމީހަކާ ދިމާލަށް އެހެން ނުބުނެވޭ އިރު އެފަދައިން ތުހުމަތުކުރުމުގެ ޖާގަވެސް ގެއްލިގެން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

އެ ބިލާމެދު މަޖިލިސް ދެކަފިވެފައިވާ ކަން އެ ބިލު ބަލައިގަތުމަށް ނެގުނު ވޯޓުގައި މެމްބަރުން ވޯޓު ދެއްވި ގޮތުން ވެސް ހާމަވި އެވެ.

އިބްތިދާއީ ބަހުސްް ނިންމައި އެ ބިލް ބަލައިގަތުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ޖަލްސާގައި ތިއްބެވި 62 މެމްބަރުންގެ 38 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލު ބަލައިނުގަންނަން އެމްޑީޕީގެ ހަތަރު މެމްބަރަކު ވޯޓު ދެއްވިއިރު، އޭގެ ތެރޭގައި ސަނީފްގެ އިތުރުން، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ހިމެނިވަޑައިގެންނެވި އެވެ.

އެ ބިލު ބަލައިގަތުމާއެކު އެ ބިލު ދިރާސާ ކުރުމަށް ރިޔާސަތުން ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ބިލުން ގެންނަނީ ކޮން ބަދަލެއް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.

މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަކީ އެމަނިކުފާނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.