Advertisement

ލަންކާ ކައިރިން ރޯވެ، ފެތިފައިވާ ބޯޓުގެ ކެޕްޓަން ހައްޔަރުކޮށްފި

އެމްވީ އެކްސް-ޕްރެސް ޕާލް ބޯޓުގެ ކެޕްޓަން ވިޓާލީ ޓިޔުޓްކަލޯ.-- ފޮޓޯ: އޭއެފްޕީ/ އިޝާރާ އެސް. ކޮޑިކަރާ


ލަންކާ ކައިރިން ރޯވެ، ފެތިފައިވާ ބޯޓުގެ ކެޕްޓަން ހައްޔަރުކޮށްފި

ކޮލޮމްބޯ، ސްރީލަންކާ (ޖޫން 14) - ސްރީލަންކާ ކައިރިން އަލިފާން ރޯވެ، ފެތިފައިވާ ބޯޓުގެ ރަޝިއާ ކެޕްޓަން ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަމުން ދާއިރު، ބޯޓުގެ ކްރޫ މެމްބަރުން ސަލާމަތް ކުރުމަށް ފަހު ތިބީ ކަރަންޓީނުގަ އެވެ. ބެލެވޭ ގޮތުގައި ކެޕްޓަން ހައްޔަރު ކުރީ ކަރަންޓީނު މުއްދަތު ހަމަވުމުންނެވެ.

ކެޕްޓަން ވިޓާލީ ޓިޔުޓްކަލޯއާ ދެކޮޅަށް ކަނޑު ތަގައްޔަރު ކުރުމާ ގުޅޭ ދައުވާއެއް އުފުލާނެ ކަމަށް ބެލެވޭއިރު، ބޯޓުގެ އޮޕަރޭޓަރުގެ އަތުން 40 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޓިޔުޓްކަލޯ ހައްޔަރު ކުރީ ކޮލޮމްބޯގައި އޭނާ ހުރި ހޮޓަލުންނެވެ. އެއަށްފަހު ކޯޓަށް ގެންދިޔުމުން ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފަ އެވެ. އޭނާއަށް ލަންކާއިން ނުފުރޭނެހެން ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، ޖުލައި 1 ގައި އަލުން ކޯޓަށް ހާޒިރުވާން ޖެހޭނެ އެވެ.

އޭގެ އިތުރުން އެމްވީ އެކްސް-ޕްރެސް ޕާލް ބޯޓުގެ ޗީފް އިންޖިނިއަރު އޯލެގް ސަޑިލެންކޯ އާއި ޗީފް އޮފިސަރު ޕީޓާ އަނިޝްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ. އެއީ ރަޝިއާ މީހަކާއި އިންޑިއާ މީހެކެވެ.

މިދިޔަ ހަފްތާގައި ކޯޓުގައި އޮތް އަޑުއެހުމެއްގައި ފުލުހުން ބުނީ ބޯޓުން ވަނީ ތަހުގީގަށް މުހިއްމު އީމެއިލްތަކެއް ޑިލީޓުކޮށްލާފައި ކަމަށެވެ.

ކޮލޮމްބޯ ބަނދަރާ ކައިރި ކުރަނިކޮށް ބޯޓުން ނައިޓްރިކް އެސިޑު ލީކުވާކަން ވަނީ ސީ ކޮންސޯޓިއަމް ލަންކާ ކުންފުންޏަށް އަންގާފަ އެވެ. ނަމަވެސް ބޯޓުގެ ލަންކާ އޭޖެންޓު އެކަން ކަމާ ބެހޭ އިދާރަތަކަށް އަންގާފައެއް ނުވެ އެވެ.

ތިމާވެށީގެ މި ކާރިސާ ހުއްޓުވަން ފެއިލްވީ ކަމަށް ބުނެ، ލަންކާގެ ތިމާވެށި ރައްކާތެރި ކުރަން އުޅޭ އެކްޓިވިސްޓުން މިދިޔަ ހަފްތާގައި ވަނީ ސަރުކާރާއި އޮޕަރޭޓަރާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ޖޫން ދެ ވަނަ ދުވަހުން ފެށިގެން ބޯޓު އޮތީ އެއްބައި ކަނޑު އަޑިއަށް ގޮސްފަ އެވެ. އޭގެ ކުރިން ދެ ހަފްތާ ވަންދެން އޭގައި ރޯވި އަލިފާންގަނޑު ނިއްވާނުލެވި އުޅެން ޖެހުނެވެ.

ބޯޓުގައި ގިނަ އަދަދެއްގެ ނުރައްކާތެރި މުދާ ހުރިއިރު، ކުދި ޕްލާސްޓިކް ކޮޅުތަކުން ލަންކާގެ ގޮނޑުދޮށް ވަނީ ތަގައްޔަރުވެފަ އެވެ. އޭގެ އިތުރުން ކަނޑުގެ ސަރަހައްދުން ތެލުގެ ފަށަލައެއް ވެސް ވަނީ ފެނިފަ އެވެ.

ލަންކާގައި ތިމާވެށި ހިމާޔަތް ކުރަން އުޅޭ ފަރާތްތަކުން ބުނެފައި ވަނީ އެއީ އެ ގައުމުގެ ތާރީހުގައި ކަނޑުގެ ދިރުންތަކަށް ގެއްލުމެއް ލިބޭ ގޮތަށް ދިމާވި އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ.