Advertisement

އިންޒާރުތަކަށް ބެލުމެއް ނެތި އިޒްރޭލުގެ އާ ސަރުކާރުން ވެސް ޔަހޫދީންގެ ހިނގާލުމަށް ހުއްދަ ދީފި

އިޒްރޭލުގެ އިންޓާނަލް ސެކިއުރިޓީ މިނިސްޓަރު އުމަރް ބަރް-ލޭވް.-- ފޮޓޯ: އޭއެފްޕީ/ އިމޭނުއެލް ޑުނާންޑް


އިންޒާރުތަކަށް ބެލުމެއް ނެތި އިޒްރޭލުގެ އާ ސަރުކާރުން ވެސް ޔަހޫދީންގެ ހިނގާލުމަށް ހުއްދަ ދީފި

ގުދުސް (ޖޫން 15) - އިރުމަތީ ގުދުސްގައި ފަލަސްތީނު ރައްޔިތުން ދިރިއުޅޭ ހިސާބުގަނޑުގައި ޔަހޫދީންގެ ހިނގާލުން ބޭއްވުމުގެ ހުއްދަ އިޒްރޭލުގެ އާ ސަރުކާރުން ދީފި އެވެ.

މިދިޔަ ހަފްތާގައި ބާއްވަން އުޅުނު "ދިދައިގެ ހިނގާލުން" ފަސްކުރަން ޖެހުނީ ހިނގާލުން ބާއްވައިފި ނަމަ ހަމަލާ ދޭނެ ކަމުގެ އިންޒާރު ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ދިނުމުންނެވެ. އޭގެ އިތުރުން މުސްލިމުން އުޅޭ ހިސާބުގަނޑުގައި ހިނގާލުން ބާއްވާތީ އިޒްރޭލް ފުލުހުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

ހިނގާލުން ފަސްކޮށްފައި އޮއްވާ، ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ހިނގާލުން ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފަ އެވެ.

ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ނަތަންޔާހޫގެ ވެރިކަން ބަދަލުވެފައި ވާތީ، އާ ސަރުކާރަށް ކުރިމަތިވި އެންމެ ފުރަތަމަ އިމްތިހާނަކީ ހިނގާލުން ބޭއްވުމުގެ މައްސަލަ އަލުން މުރާޖައާ ކުރުމެވެ.

އާ ސަރުކާރުގެ އިންޓާނަލް ސެކިއުރިޓީ މިނިސްޓަރު އުމަރު ބަރް-ލެވްގެ އޮފީހުން ބުނީ ފުލުހުން ތިބީ ތައްޔާރަށް ކަމަށާއި ޔަހޫދީންނާއި ފަލަސްތީނު މީހުންނަށް އެކުގައި އުޅެވޭނެ ގޮތް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އޭނާގެ އޮފީހުން އިތުރަށް ބުނީ އެއްވުމާއި މުޒާހަރާ ކުރުމަކީ ހުރިހާ ޑިމޮކްރެސީއެއްގައި ވެސް ރައްޔިތުންނަށް ލިބިދޭ ހައްގެއް ކަމަށެވެ.

ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު އިޝްތަޔާ ވިދާޅުވީ އެ ހިނގާލުމަކީ ހަމަނުޖެހުމަށް ހިތްވަރު ދިނުމަށް ބާއްވާ ހިނގާލުމެއް ކަމަށެވެ.

އެގޮތުން އިޒްރޭލުން ވެރިވެގަނެފައިވާ ގުދުސްގެ ސަރަހައްދުގައި ޔަހޫދީ ހައްދުފަހަނަ އަޅާފައިވާ މީހުން އިޒްރޭލުގެ ދިދަތައް ހިފައިގެން ބާއްވާ ހިނގާލުމުގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

އާ ސަރުކާރުން ހުއްދަ ދިނުމާއެކު މިއަދު އިރުމަތީ ގުދުސްގެ "މުސްލިމް ކުއާޓާ" ގައި ޔަހޫދީން އިޒްރޭލުގެ ދިދަތަކާއެކު ޔަހޫދީންގެ ގައުމީ ލަވަތައް ކިޔަމުން ހިނގާލުން ބާއްވާނެ އެވެ.

"ދިދައިގެ ހިނގާލުމަކީ" އާއްމުކޮށް "ޖެރުސަލަމް ޑޭ" ނުވަތަ ގުދުސް ދުވަހާ ދިމާކޮށް ބާއްވާ މޭ 10 ގައި ކޮންމެ އަހަރަކު ވެސް ބާއްވާ ހިނގާލުމެކެވެ.

އެ ދުވަހަކީ އިޒްރޭލުން 1967 ގެ ހަނގުރާމައިގައި އިރުމަތީ ގުދުސްއަށް ވެރިވެގަނެ، ޔަހޫދީންގެ ބާރުގެ ދަށަށް އެތަން ގެންދިޔަ ދުވަހެވެ.

އެކަން ފާހަގަކުރަން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ޔަހޫދީންނެއް އިޒްރޭލުގެ ދިދަތައް ހިފައިގެން ގުދުސްގައި މުސްލިމުން ދިރިއުޅޭ ހިސާބުގެ މަގުތަކުގައި ހިނގަ އެވެ.

ފަލަސްތީނު މީހުން ދެކޭ ގޮތުގައި އެ ހިނގާލުމަކީ މައްސަލަ ހޫނުކޮށް، ހަމަނުޖެހުން އުފެއްދުމުގެ މަގްސަދުގައި ޔަހޫދީން ބާއްވާ ހިނގާލުމެކެވެ.

ހިނގާލުން ބާއްވައިފި ނަމަ ހަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރު ހަމާސްއިން ދީފައި ވާއިރު، މިދިޔަ މަހު ހަމާސް އާއި އިޒްރޭލާ ދެމެދު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރި އެވެ. އެ ހަމަލާ ބަދަލު ކުރުމުގައި ގާޒާއިން 250 މީހުން އަދި އިޒްރޭލުން 13 މީހުން މަރުވި އެވެ.