Advertisement

39 އަނބިންނަށް 127 ދަރިން ލިބިފައިވާ އިންޑިއާ މީހަކު މަރުވެއްޖެ

ޒިއޮންގަކާ ޗާނާގެ އާއިލާ މެމްބަރުން.-- ފޮޓޯ: ރޮއިޓާޒް


39 އަނބިންނަށް 127 ދަރިން ލިބިފައިވާ އިންޑިއާ މީހަކު މަރުވެއްޖެ

ނިއު ދިއްލީ، އިންޑިއާ (ޖޫން 14) - ތިރީސް ނުވަ އަނބިންނަށް 127 ދަރިން ލިބިފައިވާ އިންޑިއާ މީހަކު އުމުރުން 76 އަހަރުގައި މަރުވެއްޖެ އެވެ.

ޒިއޮންގަކާ ޗާނާ ނަމަކަށް ކިޔާ އެ މީހާއަކީ އިންޑިއާގެ އިރުއުތުރު، ބައިމަދު މިޒޯރަމް ސްޓޭޓުގައި ދިރިއުޅެމުން އައި މީހެކެވެ. އޭނާގެ އާއިލާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އާއިލާގެ ގޮތުގައި އޮތީ ފާހަގަވެފަ އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުނީ މިދިޔަ އާދީއްތަ ދުވަހު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ ހަކުރު ބައްޔާއި ހައިޕަޓެންޝަން ފަދަ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

މިޒޯރަމް ސްޓޭޓުގެ ޗީފް މިނިސްޓަރު ޒޮރަމްތާންގާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރު ހިތަކާއެކު އެ ސްޓޭޓުން ޗާނާއާ ވަކިވާން ޖެހިފައިވާ ކަމަށެވެ.

ޒޮރަމްތާންގާ ވިދާޅުވީ މިޒޯރަމް އާއި ޗާނާގެ އާއިލާ ދިރިއުޅޭ ބަކްޓައުންގް ލަންގްނުއާމް އަވަށް ފަތުރުވެރިންގެ މެދުގައި މަގްބޫލް މަންޒިލަކަށް ވެފައިވާ ކަމަށެވެ.

ޗާނާއަކީ އޭނާގެ ކާފަ 1930 ގެ އަހަރުތަކުގައި އުފެއްދި ދީނީ ގްރޫޕެއްގައި ލީޑަރުކަން ކުރަމުން އައި މީހެކެވެ. އެ ގްރޫޕުގައި ޗާނާ އާއިލާގެ ހަތަރު ޖީލު ހިމެނޭއިރު 1،700 އަށް ވުރެ ގިނަ މެމްބަރުން އުޅެ އެވެ.

އެ ގްރޫޕުގެ ވިސްނުން ބިނާވެފައިވަނީ ނަސާރާ ދީނުގެ މައްޗަށެވެ. ނަމަވެސް މިޒޯރަމް ސްޓޭޓުގެ އެންމެ ބޮޑު ނަސާރާ ދީނުގެ ފައްޅިން ވަނީ ޗާނާ ގިނަ އަނބިން ގެންގުޅޭތީ އެކަމާ ދެކޮޅަށް ވާހަކަދައްކާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗާނާ އެންމެ ފުރަތަމަ ކައިވެނި ކުރީ އޭނާގެ އުމުރުން 17 އަހަރުގަ އެވެ.