Advertisement

ބަންދުގައި ހުންނެވި މިޔަންމާގެ ލީޑަރު ސޫ ކީގެ ޝަރީއަތް ފަށައިފި

މިޔަންމާގެ ލީޑަރު އަންގް ސަން ސޫ ކީ.-- ފޮޓޯ: ރޮއިޓާޒް


ބަންދުގައި ހުންނެވި މިޔަންމާގެ ލީޑަރު ސޫ ކީގެ ޝަރީއަތް ފަށައިފި

ނޭއިޕީޑޯ، މިޔަންމާ (ޖޫން 14) - މިޔަންމާގައި ބަގާވާތް ކުރިތާ ހަތަރު މަސް ފަހުން، ބަންދުގައި ހުންނެވި ލީޑަރު، އަންގް ސަން ސޫ ކީގެ ޝަރީއަތް ފަށައިފި އެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހު ހިންގި އަސްކަރީ ބަގާވާތާ ގުޅިގެން ކޮންމެ ދުވަހަކު އަންނަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. އޭގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުމުގައި 850 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

ސޫ ކީ އާ ދެކޮޅަށް ގިނަ ތުހުމަތުތަކެއް ކުރާއިރު، އޭގެ ތެރޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އަމަލު ކުރުމާއި ކޮވިޑްގެ ފިޔަވަޅުތަކާ ހިލާފަށް އުޅުމާއި، ދައުލަތުގެ ސިއްރުތައް ހާމަކުރުމާއި ކޮރަޕްޝަން ހިމެނެ އެވެ.

އެ މައްސަލަތަކުގެ ފުރަތަމަ އަޑުއެހުން އިއްޔެ ފެށިއިރު، ފުލުހުންގެ އިސް އޮފިސަރަކު ވަނީ ސޫ ކީ އާ ދެކޮޅަށް ހެކި ބަސް ދީފަ އެވެ.

އެގޮތުން މިދިޔަ އަހަރު ސޫ ކީ ގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރެސީ (އެންއެލްޑީ) އިން އިންތިހާބު ކާމިޔާބު ކުރިއިރު، ސޫ ކީ ވަނީ ކޮވިޑުގެ ފިޔަވަޅުތަކާ ހިލާފުވެފައި ކަމަށް އޭނާ ބުންޏެވެ.

އިތުރު ފުލުސް އޮފިސަރަކު ދިން ހެކި ބަހުގައު ބުނެފައި ވަނީ ގާނޫނާ ހިލާފަށް މިޔަންމާއަށް ވޯކީޓޯކީ އިމްޕޯޓުކޮށް އެ ތަކެތި ސޫ ކީ ބޭނުން ކުރައްވާފައިވާ ކަމަށެވެ.

ވެރިރަށް ނޭއިޕީޑޯގެ ހާއްސަ ކޯޓެއްގައި ކުރިއަށް ދިޔަ އަޑުއެހުމަށް ނޫސްވެރިން ވައްދާފައެއް ނުވެ އެވެ. ސޫ ކީ ގެ ވަކީލުން ބުނާ ގޮތުގައި ޖުލައި 26 ގެ ކުރިން ޝަރީއަތް ނިންމާނެ ކަމަށް ބެލެވެ އެވެ.

މި މައްސަލަތަކުގެ އިތުރުން، ގައުމުގައި ހަމަނުޖެހުމާއި ބައިބައިވުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި އިތުރު ޝަރީއަތެއް ފަށަން ވެސް ވަނީ ތައްޔާރުވެފަ އެވެ.

އުމުރުން 75 އަހަރުގެ ސޫ ކީ އާ ދެކޮޅަށް އުފުލާފައިވާ ހުރިހާ ދައުވާތައް ސާބިތުވެއްޖެ ނަމަ 10 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.