Advertisement

ހަނިމާދޫން ބިން ހޯދަނީ އެންމެ ޒަމާނީ އެެއާޕޯޓެއް ހަދަން، ވަކި ގައުމަކަށް ދޭކަށް ނޫން: ފައްޔާޒް

15 ޖޫން 2021 - 10:22 1

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮންނާނެ ގޮތުގެ 3ޑީ ކުރެހުމެއް


ހަނިމާދޫން ބިން ހޯދަނީ އެންމެ ޒަމާނީ އެެއާޕޯޓެއް ހަދަން، ވަކި ގައުމަކަށް ދޭކަށް ނޫން: ފައްޔާޒް

15 ޖޫން 2021 - 10:22 1

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ރަށުން ބޮޑު ސަރަހައްދެއް ހޯދަނީ އެ އެއާޕޯޓް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޕްލޭނަށް ކަމަށާއި އެ ބިމުން އިންޑިއާއަށް ޖާގަ ދޭން ނޫޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރަން އެ ރަށުގެ އެއާޕޯޓް ސަރަހައްދުން 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށް ޕްލޭނިން މިނިސްޓްރީން އެދިފައިވާއިރު އެކަމާ ގުޅިގެން ވެސް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަން ކުރަން އުޅެނީ އިންޑިއާއަށް އެ އެއާޕޯޓް ދޭން ކަމަށް ތުހުމަތު ކުރެ އެވެ.

ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ފަންޑުކުރާ މަޝްރޫއެކެވެ. އެ މަޝްރޫއަށް 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އެ އެއާޕޯޓް ތަރައްގީ ކުރަން ވެސް ހަވާލުކުރަނީ ލޯން ދޭ އިންޑިއާގެ ކުންފުންޏަކާ އެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ މައި ތިން އެއާޕޯޓްގެ ތެރެއިން އެއްތަން ކަމުގައި ވާނެ ކަމަށެވެ. ހަނިމާދޫގައި އަލަށް ހަދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު އޮތްވަރުގެ ރަންވޭއަކަށް ބޮޑު ކުރެވޭ ވަރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ އޭޓީއޭއާރު ލަންކާއާ ދޭތެރޭގައި އެހާކަންހާވަރުގެ އެއާޕޯޓްސް[ފްލައިޓް] ޖެއްސޭވަރު. އަދި އަޅުގަނޑުމެން މެދުއިރުމަތީގެ ތަންތަނުން ޑައިރެކްޓްލީ ފްލައިޓްސް އަންނަ ވަރުގެ ބޯޓް ޖެއްސޭ ވަރަށް މިވަގުތަށް މިތައްޔާރު ކުރަނީ،" ފައްޔާޒް ވިދާޅުވި އެވެ.

އެއާޕޯޓް ސަރަހައްދަށް ބިން ހޯދަން އެދިފައި ވަނީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖައްސާވަރަށް ތަރައްގީ ކުރެވޭ ވަރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ރަންވޭ ބޮޑު ކުރުމުގެ އިތުރުން ސިފައިންގެ މައި މަރުކަޒެއް ވެސް ހޯދަން އެދިފައިވާ ބިމުގައި އަޅަން ނިންމާފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެއީ އިންޑިއާ މީހުން ތިބެން ކަނޑައަޅާ ބިމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ވިދާޅުވާ 8،50،000 އަކަފޫޓަކީ އޭގެ ތެރެއިން އެއްބަޔަކީ އެއާޕޯޓް އެކްސްޓެންޝަނަށް ބާއްވާފައި އޮތް ބައެއް. އަނެއް ބަޔަކީ އެނގިވަޑައިގަންނަވާނެ އެމްއެންޑީއެފްގެ ނޮދަން ކޮމާންޑް ސެންޓަރު މިހާރު މާފިލާފުށިން އެއްކޮށް ހަނިމާދޫއަށް ބަދަލު ކުރުމުގެ ވިސްނުން އެބޭފުޅުންގެ ހުރީ،" ފައްޔާޒް ވިދާޅުވި އެވެ.

އަދި ބާކީ އޮތް ބިމުގައި އެއާޕޯޓާ ގުޅިގެން ސިޓީ ހޮޓަލެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ހަނިމާދޫ ހުޅަނގު ފަރާތުން ބޮޑު ސަރަހައްދެއް ހޯދަން ޕްލޭނިން މިނިސްޓްރީން އެދުނީ ނިމިދިޔަ ކައުންސިލްގަ އެވެ. އޭރު އެރަށުގެ ކައުންސިލްގެ ދައުރުގެ ތެރޭގައި އެކަމަށް ގޮތެއް ނުނިންމަ އެވެ. އާ ކައުންސިލަރުން މަގާމާ ހަވާލުވުމަށް ފަހު އެ މަޝްވަރާތައް ވަނީ ފަށައިފަ އެވެ. ނަމަވެސް މިހާތަނަށް ބިން ދޫކުރަން ނުނިންމާކަމަށް ކައުންސިލުން ބުނެ އެވެ.

ފައްޔާޒް ވިދާޅުވީ ބިން ދޫކުރުމާއި ދޫނުކުރުމަކީ ކައުންސިލްގެ ކަމެއް ކަމަށާއި ކޮންމެ ނިންމުމެއް ނިންމި ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ.